އީރާނާއި އިޒްރޭލާ ދެމެދު ހިނގަމުންދާ ހަމަނުޖެހުމުގައި އެމެރިކާއިން ބައިވެރިވުމާ މެދު 2 ހަފްތާތެރޭގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގޮތެއް ނިންމާނެ ކަމަށް އެމެރިކާގެ ވައިޓް ހައުސް އިން ބުނެފި އެވެ.

ދެ ހަފްތާ އަކީ އާއްމުކޮށް ޓްރަމްޕް ގޮތެއް ނިންމާއިރު ދޭ މުއްދަތަކަށްވާތީ އޭގެ ކުރިން ވެސް ގޮތެއް ނިންމަފާނެ ކަމަށް ކަމާ ބެހޭ މާހިރުން ލަފާކުރެ އެވެ.

އިޒްރޭލާއި އީރާނާއި ދެމެދު ކުރިއަށްދާ ހަމަނުޖެހުންތަކުގެ ސަބަބުން ޓްރަމްޕްގެ ސްޕެޝަލް އެންވޮއި ސްޓީވް ވިޓްކޮފް ވަނީ އީރާނުގެ ފޮރިން މިނިސްޓަރު އައްބާސް އަރަގްޗީ އާއި ފާއިތުވެ ދިޔަ ހަފްތާގެ ތެރޭގައި އެތައް ފަހަރަކު ފޯނު މެދުވެރިކޮށް ވާހަކަ ދައްކާފަ އެވެ. މި ފޯންކޯލުތަކުގައި އީރާނުން ވަނީ މި ހަމަނުޖެހުމާ ގުޅިގެން އެމެރިކާ އާއި އެގައުމާ ދެމެދު އޮތް އެއްވެސް މަޝްވަރާއެއް ކުރިއަށް ގެންދަން ބޭނުންނުވާ ކަމަށް ބުނެފަ އެވެ.

މިދިޔަ ހުކުރު ދުވަހުން ފެށިގެން އިޒްރޭލުން އީރާނަށް އަމާޒުކޮށް ހަމަލާތައް ދެމުން އަންނައިރު، އީރާނުން ވެސް ވަނީ ރައްދުގައި ވަރުގަދަ ހަމަލާތަކެއް ފޮނުވާލާފަ އެވެ.

މި ހަމަލާތަކުގެ ސަބަބުން އިޒްރޭލުގެ ދިފާއީ ނިޒާމު ބަލިކަށިކޮށްލާފައިވާއިރު، އެގައުމުގެ އެތައް އިމާރާތަކަށް ގެއްލުންވެ، ތެޔޮ އުފައްދާ މައި ކުންފުންޏެއް ވެސް ވަނީ ހުއްޓުމަކަށް ގެނެސްފަ އެވެ.