އައްމާން - (8 އޭޕްރީލް) - އުރުދުންގެ އިސްލާހީ މަސައްކަތްތަކުގައި އެމެރިކާގެ ފުރިހަމަ އެއްބާރުލުން އެގައުމަށް ލިބޭނެކަމަށް އެމެރިކާގެ ހާރިޖީ ވަޒީރު އެންތަނީ ބްލިންކަން ވިދާޅުވެއްޖެ އެވެ.

އެންތަނީ މިހެން ވިދާޅުވީ ބުރާސްފަތި ދުވަހު އުރުދުންގެ ރައީސް ކިންގް އަބްދުﷲ ދެވަނަ އަށް ފޯނުން ގުޅުއްވާ ދެއްކެވި ވާހަކަފުޅެއްގަ އެވެ.

އެންތަނީ ކިންގް އަބްދުﷲ އަށް ފޯނު ކުރެއްވީ މެދު އިރުމަތީގެ މައްސަލަތަކުގައި ކިންގް އަބްދުﷲ އަށާއި އެމަނިކުފާނުގެ ސަރުކާރަށް އެމެރިކާގެ ފުރިހަމަ ތާއިދު އޮތްކަމަށް އެމެރިކާގެ މިހާރުގެ ރައީސް ޖޯ ބައިޑެން ބުދަ ދުވަހު ވިދާޅުވެފައިވަނިކޮށެވެ.

ދާދި ފަހުން ރަސްގެފާނު އަބްދުﷲ އާއި އެމަނިކުފާނުގެ އެއްބަފާ ކޮއްކޯފުޅު ކުރީގެ ވަލީއަހުދު ހަމްޒާއާ ދެމެދު ހިޔާލު ތަފާތުވުންތައް އުފެދި އުރުދުންގެ ސިޔާސީ މަސްރަހް ވަނީ ހޫނުވެފަ އެވެ.

ރަސްގެފާނު އަބްދުﷲގެ ސަރުކާރުން ކިންގް ހަމްޒާގެ މައްޗަށް ސިއްރު މައުލޫމާތު ލީކު ކުރަން މަސައްކަތް ކުރުމުގެ ތުހުމަތު ކޮށްފައިވާއިރު ކިންގް ހަމްޒާ ވަނީ ރަސްގެފާނު އަބްދުﷲގެ ސަރުކާރުގެ އިސްވެރިން ކޮރަޕްޝަނާއި ނުހައްގުން ބާރުގެ ބޭނުން ކުރަމުން ދާކަމަށް ބުނެފަ އެވެ.

އުރުދުންގެ ސިޔާސީ މަސްރަހު ހޫނުވެފައި އޮތް ދަނޑިވަޅެއްގައި އެމެރިކާގެ ފަރާތުން ލިބުނު ތާއީދަކީ ރަސްގެފާނު އަބްދުﷲގެ ސަރުކާރަށް ލިބުނު ބާރެއް ކަމުގައި މެދު އިރުމަތީގެ މަސްރަހު ދިރާސާ ކުރާ ފަރާތްތަކުން ބުނެ އެވެ.