ހުޅަނގު އޭޝިއާ ސަރަހައްދުގައި އުޅޭ ކޮންމެ އެމެރިކާ ރައްޔިތަކީ ޓާގެޓެއްކަމަށް ބުނެ އީރާނުން އެމެރިކާ އަށް އިންޒާރު ދީފި އެވެ.
އެމެރިކާއިން އީރާނުގެ 3 ނިއުކްލިއާ މަރުކަޒު ހުންނަ ފޯރްޑޯ، ނަތަންޒް އަދި އިސްފަހާނަށް ދިން ހަމަލާއާ ގުޅިގެން އީރާނުން ބުނީ ހުޅަނގު އޭޝިއާ ސަރަހައްދުގައި އުޅޭ އެމެރިކާގެ އަސްކަރީ އަދި އާއްމު ކޮންމެ ރައްޔިތަކީ ވެސް މިހާރު އީރާނުގެ އަމާޒެއް ކަމަށެވެ.
އެމެރިކާ އިން އީރާނަށް ދިން ހަމަލާތައް ކާމިޔާބު ކަމަށާއި، މީގެ ތެރޭގައި ފޯރްޑޯގެ ބިމު އަޑީގައި ހުރި ޔުރޭނިއަމް މުއްސަދި ކުރާ ޕްލާންޓެއްވެސް ހިމެނޭކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެފައިވާއިރު، މިކަމާ ގުޅިގެން އީރާނުން ބުނީ އެމެރިކާއިން އީރާނުގެ ވައިގެ ސަރަހައްދަށް ގާނޫނާ ހިލާފަށް ވަނުމަކީ ބޮޑު ކުށެއް ކަމަށެވެ. އަދި މިފަދަ ކުށްތައް ކުރުމަށް ހުޅަނގު އޭޝިއާއިން ފުރުސަތު ނުދޭނެ ކަމަށް ވެސް ވަނީ ބުނެފަ އެވެ.
އެ ސަރަހައްދުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކުގެ ޗާޓެއް ދައްކަމުން އީރާނުން ވަނީ މިއީ ޓްރަމްޕް ފެއްޓެވި ކަމެއް ނަމަވެސް މިކަން ނިންމާނީ އީރާނުން ކަމަށް ބުނެފަ އެވެ.
އެމެރިކާގެ މި ހަމަލާތަކާއެކު އީރާނާއި އިޒްރޭލާ ދެމެދު ކުރިއަށްދާ ހަމަނުޖެހުންތަކުގެ ތެރެއަށް ރަސްމީކޮށް ވަދެފައިވާއިރު، އެމެރިކާއިން އީރާނަށް ހަމަލާދީފައިވަނީ އީރާން-އިޒްރޭލު ހަނގުރާމައިގައި އެމެރިކާއިން އަމަލުކުރާނެ ގޮތެއް ކަނޑައަޅާނީ 2 ހަފްތާ ތެރޭގައި ކަމަށް ޓްރަމްޕް ބުނިތާ 4 ދުވަސްވެސް ނުވަނީހެވެ.