ހުޅުމާލެ ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ތިން މީހަކަށް އަނިޔާވެގެން ފަރުވާދެމުން އެބަގެންދެ އެވެ.
މި އެކްސިޑެންޓް ހިނގާފައިވަނީ އަންގާރަ ދުވަހުގެ ރޭ 9:30 ކަންހާއިރުގައި ކަމަށް ފުލުހުން ބުނެއެވެ.
އެކްސިޑެންޓް ހިނގީ ބާރު ސްޕީޑްގައި ދުއްވި ސައިކަލެއް އާރުޓީއެލް ބަހެއްގައި ޖެހިގެންނެވެ. ބަހުގައި ޖެހުނީ ބާރު ސްޕީޑްގައި ދުއްވި ސައިކަލު އޯވާ ޓޭކް ކުރަން އުޅުމުގެ ތެރޭގަ އެވެ. އެ ސައިކަލު ވަނީ ބަހުގެ ދަށުވެފަ އެވެ. އަދި އެހެން ސައިކަލެއްގައި ޖެހި އޭގައި ތިބި މީހުންނަށް ވެސް އަނިޔާވި އެވެ.
ފުލުސް ސައިކަލެއްގައި ވެސް ޖެހި އެ ސައިކަލަށް ވެސް ގެއްލުންވި އެވެ.
އެކްސިޑެންޓްގައި އަނިޔާވީ ބާރު ސްޕީޑްގައި ދުއްވި ސައިކަލުގައި އިންް މީހާ އާއި އަނެއް ސައިކަލުގައި ތިބި ދެ މީހުންނަށެވެ. އެކަކީ އުމުރުން 15 އަހަރުގެ އަންހެން ކުއްޖެކެވެ. އެ މީހުންނަށް ފަރުވާ ދެމުންދާއިރު އެއްވެސް މީހަކަށް ސީރިއަސް އަނިޔާތަކެއް ނުލިބެ އެވެ.
ފުލުހުން ބުނީ ބާރު ސްޕީޑްގައި ދުއްވި ސައިކަލު ޓޯ ކޮށް މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.