ފެނަކަ ކޯޕަރޭޝްންގެ ބޮޑު ހިޔާނާތުގެ މައްސަލަ ބަލައި އޭގައި ޝާމިލްވާ މީހުން ހައްޔަރުކޮށް، ގެއްލުނު ފައިސާ އަނބުރާ ސަރުކާރަށް ހޯދުމަކީ ދައުލަތުގެ ޒިންމާއެއް ލޯކަލް ގަވާމެންޓް މިނިސްޓަރު އާދަމް ޝަރީފު އުމަރު ވިދާޅުވެއްޖެ އެވެ.

ނިމިދިޔަ އެމްޑީޕީ ސަރުކާރުގައި މަޖިލިސް މެންބަރުކަން ވެސް ކުރެއްވި، އާދަމް ޝަރީފު ވިދާޅުވީ ފެނަކައިގެން ހިޔާނާތުގެ މައްސަލަ އޭރު ވެސް މަޖިލީހުގެ ސަމާލުކަމަށް ގެނައި ކަމަށެވެ. އެހެން ނަމަވެސް މަޖިލީހުން ވެސް އަދި މިނިވަން މުއައްސަސާތަކުންވެސް އަަޅާނުލީ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެވަރުގެ ބޮޑު ހިޔާނާތެއް އޭރުގެ މެނޭޖިން ޑިރެކްޓަރަށް އެކަނި ވާނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ދައުލަތުގެ ޒިންމާއަކަށްވާންޖެހޭނީ ފެނަކައިގެ ބޮޑު ހިޔާނާތުގައި ޝާމިލުވާ އެންމެންނާމެދު އިންސާފުވެރި ތަހުގީގެއް ހިންގައި ގެއްލިފައިވާ ފައިސާ ރައްޔިތުންނަށް ހޯދައިދިނުން ކަމަށެވެ. އަދި މިހާ ދުވަހު އެކަމުގައި އަޅާނުލައި ތިބި މުއައްސަސާތައް ޖަވާބުދާރީ ކުރުވަންޖެހޭ ކަމަށާއި ގައުމު ސަލާމަތް ކުރެވޭނީ ކޮރަޕްޝަން މުލުން ލުހެލައިގެން ކަމަށްވެސް އާދަމް ޝަރީފް ވިދާޅުވިއެވެ.

ފެނަކައިގެ ހިޔާނާތުގެ މައްސަލަތައް ވީހާވެސް އަވަހަށް ތަހުގީގުކުރުމަށް އަންގަވާފައިވާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފަ އެވެ.

"އަޅުގަނޑުމެންނަށް ފެނިގެންދިޔަ ފެނަކައިގެ މައްސަލަ. އެއީ ހުރިހާ ރަށެއްގައި އޮތް ކުންފުންޏެއް. މި ކުންފުންޏަށް ހަދާފައޮތީ ވަރަށް ހިތާމަވެރިގޮތެއް. އޭގަ އެއޮތީ އެތައް ސަތޭކަ މިލިޔަން ރުފިޔާގެ ވައްކަން ކޮށްފައިވާކަމަށް. މި މައްސަލަ ފުލުހުންގެ އިދާރާއިން މިހާރު ވަނީ ތަހުގީގު ކުރަން ފަށާފައި. އަންގައިފިން އޭސީސީއަށް އަދި ޕީޖީ އޮފީހަށްވެސް މި މައްސަލަ އަވަހަށް ތަހުގީގުކުރަން." ރައީސް ވިދާޅުވި އެވެ.

އެމްޑީޕީގެ ވެރިކަމުގައި ފެނަކަ ކޯޕަރޭޝަންގެ މެނޭޖްމަންޓުން ކޮރަޕްޝަން ހިންގާ ވާހަކަތައް އެކި ހަބަރުތަކުގެ ސުރުޚީތަކަށްވެސް އޭރު އެރި އެވެ. ނަމަވެސް ވެރިކަން ނިމިގެންދިޔައިރުވެސް ފެނަކައިގެ މެނޭޖްމަންޓަށް ބަދަލެއް ނާދެ އެވެ. އޭރު ހުންނެވި މެނޭޖިން ޑިރެކްޓަރަށް ހިޔާނާތުގެ އެތައް ތުހުމަތެއް ކުރެވުނު ނަމަވެސް އެކަމުގައި އޭނާއާ މެދު އެއްވެސް ފިޔަވަޅެއް އަޅާފައިނުވެ އެވެ. އެ ހިޔާނާތުގެ އަދަދުތައް މިއަދު ރައްޔިތުންނަށް ހާމަވެފައިވަނީ އޮޑިޓާ ޖެނެރަލްގެ އޮފީހުން ހެދި ހާއްސަ އޮޑިޓަކުންނެވެ.

އޮޑިޓަރ ޖެނެރަލް ނެރުއްވާފައިވާ ޚާއްސަ އޮޑިޓް ރިޕޯޓްގައިވާ ގޮތުން ނިމިދިޔަ އެމްޑީޕީގެ ވެރިކަމުގައި ފެނަކަ ކޯޕަރޭޝަންގެ ތެރެއިން ހިންގާފައިވާ ވައްކަމަކީ ރާއްޖޭގެ ތާރީހުގައި ދައުލަތުގެ ކުންފުންޏެއްގެ ތެރެއިން މިހާތަނަށް ހިންގާފައިވާ އެންމެ ބޮޑު ވައްކަމެވެ. އެގޮތުން ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ފެނަކައިން 2.2 ބިލިޔަނަށްވުރެ ގިނަ ރުފިޔާއަށް ޚިޔާނާތްތެރިވެފައިވާކަން ހާމަވާކަމަށް އޮޑިޓް ރިޕޯޓުގައިވެ އެވެ.