ސަރުކާރަށް ދެ އަހަރު ފުރުމާ ދިމާކޮށް އެމްޑީޕީން އަނެއްކާވެސް ނޮވެމްބަރު 17 ވަނަ ދުވަހު ބޮޑު މުޒާހަރާއެއް ބާއްވަން ނިންމައިފި އެވެ.

އަނެއްކާވެސް ބޮޑު މުޒާހަރާއެއް ބޭއްވުމުގެ ގަރާރު މިރޭ ބޭއްވި އެ ޕާޓީގެ ގައުމީ މަޖިލީހަށް ހުށަހެޅުއްވީ އެ ޕާޓީގެ ހޯރަފުށީ ދާއިރާގެ ރައީސް އަދި ހޯރަފުށީ ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު އަހްމަދު ސަލީމެވެ.

ސަލީމް ވިދާޅުވީ ރޭ ބޭއްވި އެއްވުމަށް ހުރަސް އެޅުމަށާއި އެ ތަނުގެ ސުލްހަވެރިކަން ނަގާލުމަށް ސީދާ ރައީސް މުހައްމަދު މުއިއްޒުގެ އެންގެވުމަށް އެކިއެކި ކަންކަން ކޮށްފައިވާ ކަމަށެވެ.

ގާނޫނާ ހިލާފަށް ހާލަތާ ނުބައްދަލު ބާރު ފުލުހުން ބޭނުންކުރުމުގެ ސަބަބުން މުޒާހަރާގައި ބައިވެރިވި އާންމުންނަށް އަނިޔާވެފައިވާ ކަަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ލޯންގް ރޭންޖް އެކޯސްޓިކް ޑިވައިސް (އެލްއާރުއޭޑީ) ފުލުހުން ބޭނުންކޮށްފައި ވަނީ އިންސާނީ ހައްގުތަކާ ބެހޭ މުއާހަދާއެއް ކަމަށްވާ ކޮންވެންޝަން އެގެއިންސްޓް ޓޯޗާއާ ހިލާފަށް ކަމަށެވެ. އަދި އެ ހަތިޔާރު ބޭނުންކުރަންޖެހޭ ހާލަތެއް ރޭ މެދުވެރިވެފައިނުވާ ކަމަށް ވެސް ސަލީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މުޒާހަރާ އިން ހައްޔަރުކުރި މީހުންގެ ބަންދަށް 15 ދުވަސް ޖެހީ އެއްވެސް ހެއްކެއް ނެތި ގާނޫނާ ހިލާފަށް ކަމަށެވެ.

ސަލީމް ހުށަހެޅުއްވީ ރޭގެ މުޒާހަރާގައި އެމްޑީޕީގެ ފަރާތުން ކުރި ޑިމާންޑްތައް ނުފުއްދައިފި ނަމަ، އަންނަ މަހުގެ 17ގައި މާލޭގައި އަލުން ބޮޑު އެއްވުމެއް ބޭއްވުމަށެވެ.

ގައުމީ މަޖިލީހުގައި ވާހާކަދެއްކި ހުރިހާ މެންބަރުން ވެސް އެ ގަރާރަށް ތާއީދުކޮށް ވާހަކަދެއްކި އެވެ. އަދި އެ ގަރާރު ފާސްކުރަން ގައުމީ މަޖިލީހުގެ ހުރިހާ މެންބަރުން ވަނީ އިއްތިފާގުވެފަ އެވެ.