ބޮލީވުޑްގެ މަޝްހޫރު ތަރި ޝާހްރުކް ޚާންއާއި އޭނާގެ ދޮށީ ދަރިފުޅު އާރްޔަން ޚާންގެ ހުރި އެއްގޮތް ކަންތައްތައް ޑައިރެކްޓަރު ކަރަން ޖޯހަރު ކިޔައިދީފި އެވެ.
މިފަހުން ޔޫޓިއުބް ޗެނަލަކަށް ދިން އިންޓަވިއުއެއްގައި ކަރަން ވަނީ އާރްޔަންގެ އުޅުމާއި މަސައްކަތުން ފާހަގަކުރެވޭ ޝާހްރުކް ޚާންއާ އެއްގޮތް ސިފަތައް ބުނެދީފަ އެވެ.
ކަރަން ބުނީ އެ ދެމީހުންނަކީ ވެސް މަސައްކަތުގައި އެންމެ ފުރިހަމަކަން ބޭނުންވާ ބައެއް ކަމަށާއި އެކަން އެގޮތަށް ނުވެއްޖެނަމަ ދެ މީހުން ވެސް "މޮޔަވާ" ކަމަށެވެ.
"އެމީހުން ބޭނުންވާނެ ކޮންމެ ޝޮޓެއް ވެސް އެންމެ ފުރިހަމަ ވާން. ބޭނުންވާ ގޮތަށް ކަން ނުވެއްޖެނަމަ އާރްޔަން ވެސް މޮޔަވާނެ" ކަރަން ބުންޏެވެ.
ކަރަންއާއި ޝާހްރުކް ޚާންގެ ރަހުމަތްތެރިކަމަކީ ބޮލީވުޑްގައި އެންމެ ފާހަގަކޮށްލެވޭ އެއް ގުޅުމެވެ. ކަރަންގެ ގިނަ ފިލްމުތަކަކުން ޝާހްރުކް ފެނިފައިވާއިރު ޝާހުއަކީ އޭނާގެ ބޭބެއެއްގެ ގޮތުގައި ކަރަން ސިފަކުރެ އެވެ.
އެގޮތުގެ މަތިން ޝާހުގެ އާއިލާއަކީ ވެސް އޭނާގެ އާއިލާ ކަމަށާއި އާރްޔަންއަކީ އޭނާގެ އެންމެ ފުރަތަމަ ދަރިފުޅު ކަމަށް ވެސް ކަރަން ބުނެފައިވެ އެވެ.
ކަރަން ވަނީ މިފަހުން ނެޓްފްލިކްސްގައި ރިލީޒްކުރި އާރްޔަންގެ އެންމެ ފުރަތަމަ ސީރީޒް "ބޭޑްސް އޮފް ބޮލީވުޑް"ގެ ރޯލަކުން ވެސް ފެނިފަ އެވެ.