އދ. ދިއްދޫގައި މިހާރު ކިޔަވައިދެމުން އަންނަ ސެޓެލައިޓް ސްކޫލު އުވާލައި، ސްކޫލަށް ގޮސްގެން ކިޔަވައިދޭގޮތަަށް ބަދަލުކޮށްދިނުމަށް އެ ރަށު ގިނަ ރައްޔިތުން ރައީސް މުހައްމަދު މުއިއްޒުގެ ކިބައިން އެދިއްޖެ އެވެ.
ދިއްދޫގެ އާބާދީއަކީ 140 އެވެ. އަދި ރަށުގައި ދިރިއުޅެނީ އެއަށްވުރެ މަދު މީހުންނެވެ.
މިދިޔަ ސަރުކާރުން އެ ރަށު ސްކޫލްގައި ސެޓެލައިޓް ސްކޫލެއް ގާއިމްކުރީ ތަކުރާރުކޮށް މަސައްކަތްކޮށްގެން ވެސް އެ ރަށު ސްކޫލަށް ބޭނުންވާ ވަރަށް ޓީޗަރުން ނުލިބުމުންނެވެ.
އާބާދީ މަދުވުމުގެ ސަބަބުން 2022 ވަނަ އަހަރާ ހަމައަށް އެ ރަށު ސްކޫލުގައި ކިޔަވައިދެމުން ދިޔައީ ދެ ގްރޭޑެއް އެއްކޮށްލައިގެން، މަލްޓިގްރޭޑް ސިސްޓަމަށެވެ. އަދި އެ ސިސްޓަމަށް ވެސް ރަނގަޅަށް ކިޔަވައިނުދެވޭތީ ސެޓެލައިޓް ސްކޫލަކަށް ބަދަލުކުރީ 2023 ވަނަ އަހަރު އެވެ.
ރައީސް މުއިއްޒު މިއަދު އެ ރަށު ރައްޔިތުންނާ އެކު ބޭއްވި ބައްދަލުވުމެއްގައި ކައުންސިލްގެ ރައީސް އަހްމަދު މުހައްމަދު ވިދާޅުވީ އެ ރަށު ރައްޔިތުން ސެޓެލައިޓް ސްކޫލެއް ބޭނުންނުވާ ކަމަށެވެ.
"ބެލެނިވެރިން ބޭނުމެއް ނުވޭ ސެޓެލައިޓް ސްކޫލުގައި ކުދިންނަށް ކިޔަވައިދޭކަށް. ފިޒިކަލީ ގޮސްގެން ބެލެނިވެރިން ވެސް ބޭނުންވަނީ މިހާރު ކުދިންނަށް ކިޔަވައިދޭން،" އަހްމަދު މުހައްމަދު ވިދާޅުވި އެވެ.
އެ ރަށު ސްކޫލުގައި މިހާރު ކިޔަވާ 17 ދަރިވަރުން ސްކޫލަށް ގޮސް ކިޔަވާ ގޮތަށް ބަދަލު ކޮށްދިނުމަށް އޭނާ ވަނީ ރައީސްގެ ކިބައިން އެދިފައެވެ.
އެކަމާ ގުޅޭގޮތުން ރައީސް މުއިއްޒު ވިދާޅުވީ އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއުއާ މަޝްވަރާކުރެއްވުމަށްފަހު ގޮތެއް ނިންމަވާނެ ކަމަށެވެ.
ކުދި އާބާދީތައް ދިރިއުޅޭ ގިނަ ރަށްރަށުން އާބާދީބޮޑު އެހެން ރަށްތަކަށް ބަދަލުވާން ދެކޮޅު ހަދަ އެވެ. އޭގެބަދަލުގައި އެފަދަ ރަށްރަކުގެ ރައްޔިތުން ސަރުކާރުތަަށް ޑިމާންޑު ކުރަނީ އާބާދީ ބޮޑެތި ރަށްތަކުން ލިބޭފަދަ ތައުލީމާއި ސިއްހީ ހިދުމަތް އެ ރަށްރަށުގައި ގާއިމްކޮށްދިނުމަށެވެ. ނަމަވެސް އެއީ ދުވަހަކު ވެސް އެއްވެސް ސަރުކާރަކަށް ކުރެވޭނެ ކަމެއް ނޫނެވެ.