ސަރުކާރުން ގައުމު ލޫޓުވަމުން ދާކަމަށް ބުނެ އިދިކޮޅު އެމްޑީޕީން އޮކްޓޫބަރު މަހުގެ 3 ވަނަ ދުވަހުގެ ރޭ ބޭއްވި ބޮޑު އެއްވުމުގެ ތެރެއިން ހައްޔަރުކުރި ހަ މީހުންނަށް ސިއްހީ ފަރުވާ ނުލިބޭ ކަމަށް ބުނެ، ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ފަށައިފި އެވެ.
އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެ ޕާޓީގެ އެއްވުމުން ހައްޔަރުކުރި މީހުންނަށް ސިއްހީ ފަރުވާ ނުލިބުމުގެ އިތުރަށް، އެ މީހުންގެ ތަހުގީގު ދިގުލައިގެން ދިޔުމުގެ ކަންބޮޑުވުން އޮތް ކަމަށެވެ.
އެހެންވެ، އެ މީހުން މިހާރު ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ފަށައިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެ މީހުންގެ ހައްގުތައް ކަށަވަރު ކޮށްދިނުމަށް، ކަމާ ބެހޭ ފަރާތްތަކަށް ފައްޔާޒު ގޮވާލެއްވި އެވެ.
ސަރުކާރަށް ކޮރަޕްޝަނުގެ ތުހުމަތުކޮށް "ލޫޓުވައިފި، ލޫޓުވައިފި"ގެ ނަމުގައި އެމްޑީޕީން ބޭއްވި އެއްވުމުގައި ހައްޔަރުކުރި މެންބަރުންގެ ތެރޭގައި ދާންދޫ ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު ޔައުގޫބު އަބްދުالله އާއި ކުޅުދުއްފުށި އުތުރު ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު ޔާސިރު އަބްދުއްލަތީފާއި، މާފުށީ ކައުންސިލް ރައީސް ހަސަން ސަލާހު ހިމެނެއެވެ.
ހައްޔަރުކުރި މީހުން ތިބީ މިހާރު 15 ދުވަހުގެ ބަންދެއްގައި ދޫނިދޫގައި ކަމަށްވާއިރު އެމްޑީޕީން ވަނީ، އެ މީހުންނަށް މީގެ ކުރިން ވަކީލުންގެ ލަފާ ހޯދުމުގެ ފުރުސަތެއް ނުދޭ ކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފައެވެ.