ކީރިތި ރަސޫލާ އަށް ބަދުބަސް ބުނާ މީހުންނާ މެދު ހުޅަނގުގެ ގައުމުތަކުން އަމަލު ކުރަން ޖެހޭނީ ހޮލޮކާސްޓް ދޮގު ކުރާ މީހުންނާ މެދު އަމަލު ކުރާ ގޮތަށް ކަމަށް ޕާކިސްތާން ގެ ބޮޑު ވަޒީރު އިމްރާން ޚާން ވިދާޅުވެއްޖެ އެވެ.
ކީރިތި ރަސޫލާއަށް ކާޓޫނު ކުރެހި މަޖައްލާ އަކަށް ފްރާންސްގެ ސަރުކާރުން ތާއީދު ކުރުމާއެކު ޕާކިސްތާނުގައި ހަފްތާއެއް ވަންދެން ކުރި މުޒާހަރާތަކަށްފަހު އިމްރާން ޚާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ރަސޫލާއަށް ކުޑައިމީސް ކުރުމަކީ މުސްލިމުންގެ ލެއާ ކުޅުން ކަމަށާއި އެފަދަ ބޭއިހުތިރާމެއް އެކަލޭގެފާނަށް ކުރެވޭ ނަމަ މުސްލިމުން މަޑުން ނުތިބޭނެ ކަމަށެވެ.
މި މައްސަލަ އާ ގުޅިގެން ޕާކިސްތާނުގައި ހުރި ފްރާންސްގެ ސަފީރު ބޭރުކޮށްލުމަށް ގޮވާލާ އާއްމުން ކުރި މުޒާހަރާތަކާއެކު އެ މުޒާހަރާ ހިންގި ތެހްރީކް އަލްލައްބައިކް ޖަމިއްޔާ އާ ދެކޮޅަށް ސަރުކާރުން ވަނީ ފިޔަވަޅު އަޅާފަ އެވެ.
މިއާއެކު ޕާކިސްތާނުގައި ހުންނަ ފްރާންސްގެ އެމްބަސީ އިން ވަނީ އެގައުމުގައި ތިބި ފްރާންސްގެ ރައްޔިތުން އަނބުރާ ގައުމަށް ދިއުމަށް އެދިފަ އެވެ. ނަމަވެސް އެ ގޮވާލުމަށް ބޯލެނބީ ފްރާންސްގެ މަދު ރައްޔިތެކެވެ.
ހުޅަނގުގެ ގިނަ ގައުމުތަކުގައި ހޮލޮކާސްޓް ދޮގު ކުރުމަކީ ގާނޫނުގެ ދަށުން މަނާކޮށް ހަރުކަށި އަދަބު ދެވޭ ކުށެކެވެ.
ހޮލޮކާސްޓްއަކީ ދެވަނަ ބޮޑު ހަނގުރާމައުގައި ހަ މިލިއަނަށް ވުރެ ގިނަ ޔަހޫދީން ގަތުލުކުރި ކުރުން ދޭހަކޮށް ދިނުމަށް ބޭނުންކޮށް އުޅޭ ބަހެކެވެ. -- އަލް އަރަބިއްޔާ