އެމްޑީޕީ ސަރުކާރުގެ ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތު ވެސް އެންޓި ކޮރަޕްޝަން ކޮމިޝަނަށް ހާޒިރުވުމަށް އަންގައިފި އެވެ.

އެކަން ހާމަކުރައްވާފައިވަނީ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގަ އެވެ.

ރައީސް ސޯލިހު ވިދާޅުވީ މިއީ ކަންބޮޑުވާ ކަމެއް ކަމަށާއި މިއީ މިނިވަން މުއައްސަސާތަކަށް ސަރުކާރުން ސިޔާސީ ނުފޫޒު ފޯރުވައިގެން އެމްޑީޕީގެ މެންބަރުންނަށް ބިރުދެއްކުމުގެ ގޮތުން ހިންގާ ސިލްސިލާ ހަރާކާތެއް ކަމަށެވެ.

"ސިޔާސީ ނުފޫޒުގަ ޖެހި ރައްޔިތުންގެ އިތުބާރު ގެއްލޭ މިޒާތުގެ ކަންކަން ނުކުރުމަށް އޭސީސީގެ ވެރިންނަށް އިލްތިމާސްކުރަން،" ރައީސް ސޯލިހު ވިދާޅުވެފައިވެ އެވެ.

ރިފްއަތު އޭސީސީއަށް ހާޒިރު ކުރަނީ ކޮން މައްސަލައަކާއި ގުޅިގެންކަން ހާމަކޮށްފައެއް ނުވެ އެވެ.

އެމްޑީޕީ ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލާއި ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވެސް ވަނީ އޭސީސީއަށް ހާޒިރުކޮށްފަ އެވެ. އެދެބޭފުޅުން ހާޒިރުކުރީ ޕީއެންސީއަށް ނިސްބަތްވާ ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީގެ ކުންފުންޏަށް ނުހައްގުން ބަދަލުދިން ކަމަށް ތުހުމަތުކޮށެވެ.