މި ސަރުކާރުގެ ސިޔާސަތުގެ ސަބަބުން ރާއްޖޭގައި އުފެދިފައިވާ ގޭންގުތަކުގައި ޒުވާން ކުދިން ވަނީ އެކަން ހުއްޓާލައި އިސްލާހުވެ، އަމިއްލަ ދިރިއުޅުމުގެ ކަންކަމުގެ ތެރެއަށް ގޮސްފައި ކަމަށާއި އެހެން ކަމުން މިހާރު ގޭންގުތަކުގެ ކުދިން ނޫޅޭ ކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ގޭންގުތަކާއި ރާވައިގެން ހިންގާ ކުށްތަކާ ދެކޮޅަށް ހަރުކަށި ފިޔަވަޅު އެޅޭ ގޮތަށް ހެދި ގޭންގް ކުށްތަކުގެ އާ ގާނޫނަށް މިދިޔަ އޮގަސްޓް މަހު އަމަލު ކުރަން ފަށާފައިވާއިރު އޭގެ ދަށުން މިހާތަނަށް އެއްވެސް ގޭންގެއް ކަނޑައަޅާފައެއް ނުވެ އެވެ.
ގާނޫނުގައިވާ ގޮތުން ވަކި ގުރޫޕަކީ ގޭންގެއް ކަމަށް ކަނޑައަޅަން ހޯމް މިނިސްޓަރަށް ކޯޓަށް ދެވޭނެ އެވެ. ގޭންގެއް ކަމަށް ކަނޑައަޅާނީ ކޮން ބާވަތެއްގެ ބައެއް ކަން ގާނޫނުގައި ބަޔާންކޮށްފައިވެ އެވެ.
ސަރުކާރަށް ދެ އަހަރު ފުރުމާ ގުޅިގެން ބާއްވާ ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ އާ ގާނޫނުގެ ދަށުން ކިތައް ގޭންގް ކަނޑައެޅިއްޖެތޯ ހޯމް މިނިސްޓަރު އަލީ އިހުސާން ގާތުން އޮޅުންފިލުއްވި އިރު، ޝަރުތު ހަމަވާ އެއްވެސް ގޭންގެއް ނެތް ކަމަށް މިނިސްޓަރު ވިދާޅުވި ކަމަށެވެ.
"މިހާރު ގޭންގްތަކުގައި ކުރިން އުޅުނު ހުރިހާ ފަރާތްތަކުން އެކަން ހުއްޓާލައިފި. ގޭންގް ކުށް ހުއްޓާލައި މިހާރު އެ ބޭފުޅުން، އެ ކުދިން ޒުވާނުން މިހާރު ވިޔަފާރިކުރުމާއި އަބުރުވެރި ދިރިއުޅުމެއް އުޅެވޭތޯ ނޯމަލް ލައިފަކަށް ގޮސްފި،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ގޭންގް ކުށްތައް ކަމަށް ކިޔާ ކުށްތަކުގައި އުޅޭ މީހުން ވަރަށް މަދުވެއްޖެ ކަމަށާއި އެހެންވެ، ގޭންގް ކަމުގައި ކަނޑައަޅާނެ ފަރާތްތައް ނުފެނިގެން އުޅޭ ކަމަށް ހޯމް މިނިސްޓްރީން އެމަނިކުފާނަށް މައުލޫމާތު ދެއްވާފައިވާ ކަމަށެވެ.
"އެއީ ވަރަށް ބޮޑު ކުރިއެރުމެއް. ގޭންގްތައް މިތަނުން ނެތިގެން ދިޔުމަކީ. އަޅުގަނޑުމެން [ގޭންގްތަކަށް] މި އަޅަނީ ވަރަށް ބޮޑު ހުރަސްތަކެއް،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި ބޮޑެތި އަދަބުތައް ހިމަނައިގެން ގާނޫނުތައް ފާސްކުރަނީ ބަޔަކަށް އަދަބު ދޭން ނޫން ކަމަށާއި ޒުވާނުން އެކަންކަމުން ދުރުކުރަން ކަމަށެވެ. އޭގެ ނަތީޖާ ގޭންގްގެ ގާނޫނާ އެކު ވެސް ފެންނަމުންދާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
މިހާރު ވެސް އެއްވެސް ގޭންގެއް އުޅޭ ކަމަށްވާ ނަމަ، ހޯމް މިނިސްޓްރީން ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހަށް ފޮނުވައިގެން ކޯޓަށް ހުށަހަޅައިގެން އެއީ ގޭންގެއް ކަމަށް ކަނޑައަޅާނެ ކަމަށާއި އަދި އެއަށް ފަހު ގާނޫނުގެ ދަށުން ފިޔަވަޅުތައް އަޅާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
"ގޭންގްތައް ކަނޑައަޅާ ހިސާބުން ގާނޫނުގައި ބުނާ ހުރިހާ އަދަބެއް އެ ފަރާތްތަކަށް އަންނާނެ. އެއީ ކަން ކުރަން ޖެހޭ ގޮތަކީ. އެގޮތަށް އަޅުގަނޑުމެން ގޭންގް މައްސަލަ ވެސް ހައްލު ކުރަން މި މަސައްކަތް ކުރަނީ،" ރައީސް ވިދާޅުވި އެވެ.
ގޭންގްތަކުން މުޖުތަމައުގައި އެކި ކުށްތައް ކުރާ ތަން ފެންނަން ބޭނުން ނުވާ ކަމަށާއި އެހެންކަމުން އެފަދަ ކަންކަމުގައި އުޅޭ ހުރިހާ ޒުވާނުން ވެސް އެކަން ދޫކޮށްލަން އިލްތިމާސް ކުރާ ކަމަށް ރައީސް ވިދާޅުވި އެވެ.
ޝައިޚް ހަސީނާ މަރަން ހުކުމްކޮށްފި
މި ތަންތަނުގައި ފޯނު ބާއްވައިގެން ނުވާނެ!
ފެނަކަ ގޮވައިގެން ފުވައްމުލައް ސިޓީ ކައުންސިލުން ކޯޓަށް