ރާއްޖޭގައި އިންޓަނޭޝަނަލް ސަބްމެރިން ކޭބަލް ލޭންޑިން ސްޓޭޝަނެއް ގާއިމުކުރަން ގޫގުލްއިން ނިންމައި އިންވެސްޓްމަންޓު އިއުލާން ކުރުމާއެކު ސަރުކާރަށް ބޮޑެތިފާޑުކިޔުންތަކެއް އަމާޒުވެއްޖެ އެވެ.
ދުނިޔޭގެ އެންމެ މުއްސަނދި ކުންފުނިތަކުގެ ތެރޭގައި ހިމެނޭ އެމެރިކާގެ ގޫގުލްއިން ސަބްމެރިން ލޭންޑިން ސްޓޭޝަން ގާއިމުކުރަން ނިންމާފައިވަނީ ސ. ހިތަދޫގަ އެވެ. މި އިންވެސްޓްމަންޓަށް ސަރުކާރުން ވަނީ މަރުހަބާ ކިޔާފަ އެވެ.
ގޫގުލް އާއި ދިވެހި ސަރުކާރުން ނެރުނު ބަޔާނުގައި ގޮތުގައި، "ދިވަރު" ނަން ދީފައިވާ ކަނޑުއަޑީގެ މި ކޭބަލް ސިސްޓަމުން އޮމާނާއި ރާއްޖެ އާއި އޮސްޓްރޭލިއާގެ ހުޅަނގު ބިތުގައި އޮންނަ ކްރިސްމަސް އައިލެންޑްސް ގުޅާލާނެ އެވެ.
މިކަމާ ގުޅިގެން ދާއިރާގެ ބައެއް ތަޖުރިބާކާރުން ސަރުކާރަށް ފާޑުކިޔަނީ ރާއްޖެއަށް ރަނެއް ފަދަ މި ފުރުސަތު އެހެން ބައެއްގެ އަތްމައްޗަށް ދޫކޮށްލަން ނިންމުމާ ގުޅިގެންނެވެ. ރާއްޖޭގެ އިންފްރާސްޓްރަކްޗާ ތެރެއަށް ވެއްދުމުގެ ބަދަލުގައި ރާއްޖޭގެ ބިން އެހެން ބައެއްގެ މަންފާއަށް ދޫކޮށްލުމާ ގުޅިގެންނެވެ. އޭގެ ފުރިހަމަ އިގްތިސާދީ ބާރާއި ކޮންޓްރޯލް ރާއްޖެއިން ދޫކޮށްލުމާ ގުޅިގެންނެވެ.
ރާއްޖެ ހިމެނޭ ސަރަހައްދަކީ ޖިއޮގްރަފީ ގޮތުން ޑޭޓާ ޓްރާންސިޓަށް މުހިއްމު ސަރަހައްދަކަށް ވެފައި، ރާއްޖޭގެ އިންފްރާސްޓަރަކްޗާގެ ތެރެއިން މިފަދަ މަޝްރޫއެއް ކުރިއަށް ގެންދާނަމަ، ބޮޑެތި ފައިދާތަކެއް ގައުމަށް ލިބިގެން ދާނެކަމަށް މާހިރުން ބުނެ އެވެ.
ރާއްޖެ އޮތް ލޮކޭޝަންގެ ގޮތުން އޭޝިޔާ، މެދުއިރުމަތީ، އެފްރިކާ، އަދި އޯޝަނިއާ ގުޅުވާ ގިނަ ކޭބަލްތައް ރާއްޖޭގެ ސަރަހައްދުން ދަތުރުކުރެ އެވެ. މި ލޮކޭޝަންގެ ބޭނުން އެންމެ އެދެވޭ ގޮތުގައި ހިފައި ރާއްޖެއަކީ ސަރަހައްދީ ކަނެކްޓިވިޓީގެ މުހިއްމު ހަބަކަށް ވުމުގެ ފުރުސަތު އޮންނާނެ އެވެ. އިންފްރާސްޓަކްޗަރަށް އިންގިލާބީ ބަދަލުތަކެއް ގެނުވާނެ ފިންޓެކް އަދި ސައިބަސެކިއުރިޓީ އާއި ކްލައުޑް ކޮމްޕިއުޓިން ސިނާއަތްތައް ތަރައްގީ ކުރުމާއި ސޮވެރިން ޑިޖިޓަލް ހިދުމަތްތައް ގާއިމު ކުރުން ފަދަ އެތައް ކަމެއް ކުރުމުގެ ފުރުސަތު ރާއްޖެއަށް އޮތެވެ.
ނަމަވެސް ސަރުކާރުން ނިންމީ ގޫގަލްއަށް މުޅި ސިނާއަތް ދޫކޮށްލައި ބިމުން ލިބޭ ކުލި އެކަނި ރާއްޖެއަށް ލިބޭ ގޮތް އެންމެ ރަނގަޅު ކަމަށެވެ. މާކެޓަށް ވުމުގެ ބަދަލުގައި ރާއްޖެއިން ވީ ގޫގަލްގެ ކަސްޓަމަރަކަށެވެ.
މިކަމާ ގުޅިގެން އައްޑޫ ސިޓީ ކައުންސިލްގެ މޭޔަރު އަލީ ނިޒާރު ސޯޝަލް މީޑިއާގައި ވިދާޅުވީ ގޫގުލްއިން އައްޑޫގައި ސަބްމެރިން ލޭންޑިން ސްޓޭޝަން ގާއިމުކުރަން ނިންމާފައިވާކަން ހަބަރުތަކުން އަޑުއިވިގެން ދިއުމުން އުފާވެރިކަމެއް އިހުސާސް ކުރެވުނު ކަމަށެވެ. އެހެން ނަމަވެސް މިކަން ހިންގަން ސަރުކާރުން ރާވާ ގޮތެއް އަދި މިވީތަނަށް ކައުންސިލްއާއި ހިއްސާކޮށްފައިނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"އައްޑޫ ރައްޔިތުންނަށް މަންފާ ނުވާ ގޮތަށް އައްޑޫގެ ބިން ބޭރު ބަޔަކަށް ވިޔަފާރިކުރުމަށް ދެވެން ޖެހޭނެ ކަމަކަށް ގާބޫލް ނުކުރަން. އަދި ހާއްސަކޮށް އައްޑޫގެ ރައްޔިތެއްގެ ހައިސިއްޔަތުން ވެސް މިކަން ގަބޫލް ނުކުރެވޭނެ،" ނިޒާރު ވިދާޅުވެފައިވެ އެވެ.
ސަރުކާރުން މިކަމާ ގުޅިގެން ބަޔާން ނެރެ، ރައީސް އެކްސްގައި ޕޯސްޓެއް ކުރެއްވި ނަމަވެސް ގިނަ ބަޔަކު ބުނަމުން ދަނީ މިކަމުން ވެސް ފެނިގެން ދިޔައީ ސަރުކާރުގެ ނާގާބިލު ކަން ކަމަށެވެ. ރާއްޖެއަށް ލިބެން އޮތް އިގްތިސާދީ ބޮޑު މަންފާއެއް ދޫކޮށްލީ ކަމަށް އެ މީހުން ގަބޫލުކުރެ އެވެ.
ޓްރަމްޕްގެ ރިސޯޓެއް ރާއްޖޭގައި ހުޅުވަނީ
ފުވައްމުލަކަށް މިހާރު ދޫކުރަނީ މިންގަނަޑަށް ފެތޭ ރަނގަޅު ފެން