މަސްތުވާތަކެއްޗާ ބެހޭ ގާނޫނަށް ގެނައި އިސްލާހާއެކު ޑްރަގް ވިޔަފާރިކުރާ މީހުން މަރުވަންދެން ތިބެންޖެހޭނީ ޖަލުގައި ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މާފަންނު ރައްޔިތުންނާ ބައްދަލުކުރައްވައި މިރޭ ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ މީގެކުރިން އޮންނަ އޫސުލުގެ ދަށުން ޑްރަގްގެ ވިޔަފާރިކުރާ މީހުންނަށް މައާފްދެވޭ ކަމަށެވެ. ނަމަވެސް މަސްތުވާތަކެއްޗާ ބެހޭ ގާނޫނަށް ގެނައި އިސްލާހާއެކު އެ ފުރުސަތު ބަންދުވީ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ޑްރަގްގެ ވިޔަފާރިކުރާ މީހުން އުމުރަށް ޖަލަށްލާން ކޯޓުން ހުކުމްކޮށްފިނަމަ ދުވަހަކު ވެސް އެފަދަ މީހަކަށް ޖަލުން ނުނިކުމެވޭނެ ކަމަށާއި މަރުވަންދެން ޖެހޭނީ ޖަލުގައި އޮންނަން ކަމަށެވެ.

މިރޭގެ ބައްދަލުވުމުގައި ބައެއް ރައްޔިތުން ވަނީ ފްލެޓާއި ގޯތީގެ މައްސަލާގައި ހުރި ކަންބޮޑުވުންތަކާ ގުޅޭގޮތުން ސުވާލުކޮށްފަ އެވެ.

އެ ސުވާލުތަކުގެ ޖަވާބުގައި ރައީސް ވިދާޅުވީ މި މަސް ނިމޭއިރަށް ހުޅުމާލެ ފޭސް ތިނެއްގެ ބިން ހިއްކުން އެއްކޮށް ނިންމާލެވޭނެ ކަމަށެވެ. އެއަށްފަހު އެ ދެ ޑްރެޖަރު ބޭނުންކޮށްގެން ގިރާވަރުފަޅުގެ ނުހިއްކިވާ ސަރަހައްދު ހިއްކުމުގެ މަސައްކަތް ފެށޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.

އެ ދެ ފަޅު ހިއްކައި ނިމުމުން މިދިޔަ ސަރުކާރުން ދީފައިވާ ގޯތިތައް ހަވާލުކޮށްދޭނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

މި ސަރުކާރުން ވައުދުވީގޮތަށް މާލެ ސަރަހައްދުގައި ފްލެޓް އެޅުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.