އެމްޑީޕީގެ ވެރިކަން ވައްޓާލި ބަޔަކަށް ޗަރުކޭސް ކުޅެން ދެން އެފަދަ ފުރުސަތެއް އެ ޕާޓީގެ މެމްބަރުން ނުދޭނެ ކަމަށް ދެވަނަ ދައުރަކަށް މަގާމު ދިފާއުކުރައްވަން މަސައްކަތް ކުރައްވާ މާލޭގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.
މާލޭގެ މޭޔަރު ކަމަށް އެމްޑީޕީން ނެރޭނެ ކެންޑިޑޭޓަކު ކަނޑައަޅަން މާދަމާ ބާއްވާ ޕްރައިމަރީގެ ފޯރިވަނީ ވަރަށް ގަދަވެފަ އެވެ. އެގޮތުން މި ޕްރައިމަރީގައި އާދަމް އާޒިމްއާ ވާދަކުރައްވަނީ ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ ކުރީގެ މެމްބަރު އަލީ އާޒިމެވެ.
އެމްޑީޕީގެ ދަނޑިކޮށި ޖަގަހައިގައި "ދެންވެސް އާދަމް އާޒިމް"ގެ ނަމުގައި ބޭއްވި ހަރުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ އެމްޑީޕީ ފަޚުރުވެރިވާ ފަދަ މަސައްކަތެއް ކޮށްދެވިއްޖެ ކަމަށް ގަބޫލުކުރައްވާ ކަމަށާއި، މެންބަރުން ދިން ވޯޓުގެ ސަބަބުން ލަދުގަންނަން ޖެހޭ އެއްވެސް ކަމެއް އޭނާގެ ފަރާތުން ނުފެންނާނެ ކަމަށެވެ.
އޭރު އެމްޑީޕީ ދޫކުރައްވައި ޑިމޮކްރެޓްސް އުފެއްދެވި މެންބަރުންނަށް ފާޑުވިދާޅުވެ އާދަމް އާޒިމް ވިދާޅުވީ، އެމްޑީޕީގެ ވެރިކަން ދޮގާއި މަކަރާއި ހީލަތް ހަދައިގެން، އެމްޑީޕީގެ ތެރެއިން ބަޔަކު ނިކުމެ ވެރިކަން ވައްޓާލައި، އެމްޑީޕީގެ މެމްބަރުންނަށް ނިކަމެތި ހާލު ޖައްސާފައިވާ ކަމަށެވެ.
"އެ ބަޔަކު މިއަދު ނިކުމެ ހަމަ އެ ޗަރުކޭސް ކުޅެގެން އެކަން ކުރުމުގެ ފުރުސަތެއް އެމްޑީޕީގެ މެންބަރުންނެއް ދެނެއް ނުދޭނެ،" އާޒިމް ވިދާޅުވި އެވެ.
އާޒިމް ވިދާޅުވީ މާލޭ ސިޓީ ކައުންސިލްގައި ދެން ވައްކަމާއި ކޮރަޕްޝަން ނުހިންގޭނެ ކަމަށާއި އެކަން ކުރި މީހުން މިއަދު ތިބީ މި ގައުމުގެ ވެރިކަމުގައި ކަމަށެވެ. އަދި އެ މީހުން ވެރިކަމަށް ގެނައި މީހުން ސިޓީ ކައުންސިލަށް އަންނަން މަސައްކަތް ކުރަނީ އެފަދަ ކަންކަން ވެރިކަމުގައި ތިބި މީހުންނަށް މަގުފަހިކޮށްދޭން ކަމަށާއި މިއީ އެމްޑީޕީ މެމްބަރުން ވިސްނަން ޖެހޭ ކަމެއް ކަމަށް ވެސް ވިދާޅުވި އެވެ.
އެމްޑީޕީ ދޫކޮށް ޑިމޮކްރެޓްސް އުފެއްދި މެމްބަރުންނަށް ބަހުގެ ހަމަލާތައް އަމާޒުކުރަމުން އާޒިމް ވަނީ އެއީ މި ސަރުކާރުގެ ބައިވެރިން ކަމަށާއި އެއީ އެއްވެސް ހާލަތެއްގައި އެމްޑީޕީގެ ބައިވެރިން ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ކުރިއަށް އޮތް ކައުންސިލް އިންތިހާބުގައި އިދިކޮޅު އެމްޑީޕީގެ ފަރާތުން މާލެ އާއި އަތޮޅުތަކުގެ ކައުންސިލް އަދި އަންހެނުންގެ ކޮމިޓީއަށް ވާދަ ކުރާނެ ކެންޑިޑޭޓުން ހޮވުމަށް ބާއްވާ ޕްރައިމަރީ އޮންނާނީ މާދަމާ އެވެ.
ބަންގްލަދޭޝް އިން މިހާރު ދިވެހީންނަށް އޮން-އެރައިވަލް ވިސާ ލިބޭނެ
ފިރުއައުނާއި ނަމްރޫދުގެ ނިމުމަށް ވުރެ ޓްރަމްޕްގެ ނިމުން ހިތިވާނެ