މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ ކައުންސިލް އިންތިހާބުގެ ޕްރައިމަރީ އިންތިހާބުގައި ހުރިހާ މެންބަރުން ވެސް ސުލްހަވެރިކަމާއެކު ވޯޓުލުމުގެ ކަންކަން ނިންމައި ދިނުމަށް އެދިވަޑައިގަންނަވާ ކަމަށް އެމްޑީޕީގެ ވަގުތީ ޗެއާޕާސަން އަބްދުލް ޣަފޫރު މޫސަ (ގަޕޯ) ވިދާޅުވެއްޖެ އެވެ.

ރާއްޖެ ޓީވީއަށް ދެއްވި އިންޓަވިއުއެއްގައި ޣަފޫރު ވިދާޅުވީ އިންތިޚާބާ ގުޅޭ ހުރިހާ މަސައްކަތެއް މިހާރު ނިމިފައިވާކަމަށެވެ. އަދި އެއްވެސް ފަރާތަކުން އުސޫލުން ބޭރުން އިންތިހާބުގައި އެއްވެސް ކަމެއް ނުކުރުމަށް އެދިވަޑައިގަންނަވާ ކަމަށް ވިދާޅުވި އެވެ.

ޣަފޫރު ވިދާޅުވީ ކެންޑިޑޭޓުންނާއި، ފޮށިތަކުގައި ތިބޭ ފަރާތްތަކުންނާއި، ސަޕޯޓަރުން އަދި ހުރިހާ ރައްޔިތުންވެސް ވެސް އިންތިހާބު ވީހާވެސް އަމާން ސުލްހަވެރިކަމާ އެއްކޮށް ގެންގޮސް ނިންމާލަދެއްވުމަށް ވަރަށް ބޮޑަށް އެދިވަޑައިގަންނަވާ ކަމަށެވެ.

"އަޅުގަނޑު އެދެނީ ހުރިހާ ކެނޑިޑޭޓުން ވެސް އަދި ހުރިހާ އެމް.ޑީ.ޕީގެ މެންބަރުންގެ ކިބައިން ވެސް މި އިންތިޚާބަކީ ސުލްޙަވެރިކަމާއި އަމާންކަމާ އެއްކޮށް ނިމިގެންދާނެ އިންތިޚާބެއްގެ ގޮތުގައި މިކަން ހަމަޖައްސަވައިދިނުމަށް. އަދި އެއާއެއްކޮށް ބަލިވާ ކެނޑިޑޭޓުން އަބަދުވެސް އަރަންޖެހޭނީ މޮޅުވާ ކެނޑިޑޭޓުންގެ ފަހަތަށް. އެއީ ޑިމޮކްރަސީގެ ރީތި ހަރުދަނާ ނަމޫނާއަކީ. އެހެންވީމާ، އެގޮތުގެ މަތީން ހުރިހާ ކަމެއް ގޮސް ނިމިދާނެ ކަމަށް އަޅުގަނޑުމެން މި ބަލަނީ." އެމްޑީޕީގެ ވަގުތީ ޗެއަރޕާސަން ވިދާޅުވި އެވެ.

އެމްޑީޕީގެ ޕްރައިމަރީގެ ވޯޓުލުން ހުކުރު ދުވަހު މެންދުރުފަހު 2:00 ން ފެށިގެން ރޭގަނޑު 8:00 އަށް ކުރިއަށް ދާނެ ކަން ފާހަގަކުރައްވަމުން ގަޕޯ ވިދާޅުވީ ވޯޓުލާ މަރުކަޒުތަކަށް މެންބަރުން ގޮސް ވީހާވެސް އަވަހަށް ވޯޓުލުމަށް ހުރިހާ މެންބަރުންނަށް ވެސް އޭނާ ގޮވާލައްވާ ކަމަށެވެ.

އޭނާ ވިދާޅުވީ ވޯޓުލައި ނިމުމާ އެއްކޮށް އިދާރީ މަސައްކަތްތައް ކުރުމަށްފަހު ވޯޓު ގުނުން ފެށިގެންދާނެ ކަމަށާއި އިތުރު މައްސަލައެއް ދިމާނުވާ ކަމަށްވަންޏާ ވޯޓު ގުނުމުގެ މަސައްކަތް މާދަމާ ރޭގައި ނިމި ވަގުތީ ނަތީޖާ އިއުލާނުކުރެވެމުންދާނެ ކަމަށެވެ.