ބޮލީވުޑްގެ މަޝްހޫރު ފިލްމު ފްރެންޗައިޒް "ޑޮން"ގެ ތިންވަނަ ބަޔަށް އެ ފިލްމުގެ އަސްލު ލީޑު ތަރި ޝާހްރުކް ޚާން އެނބުރި އަންނަން ތައްޔާރު ވެފައިވާ ކަމަށް ހަބަރުތެއް ބުނެފި އެވެ.

"ޓެލީ ޗައްކަރު"ގެ ރިޕޯޓެއްގައި ބުނެފައިވަނީ އޭނާ ކަނޑައަޅާ ވަކި ޝަރުތެއް ފުރިހަމަވާނަމަ އެ ފިލްމުގައި ހިއްސާވާން ޝާހްރުކް ޚާން އެއްބަސްވެފައިވާ ކަމަށެވެ.

އެގޮތުން އޭނާ ކަނޑައަޅާފައިވާ ޝަރުތަކީ 2023 ވަނަ އަހަރު ނުކުތް އޭނާގެ ފިލްމު "ޖަވާން" ޑައިރެކްޓް ކޮށްދިން އަޓްލީ "ޑޮން 3"ގެ ވެސް ޑައިރެކްޓް ކޮށްދިނުމެވެ.

ހަބަރުތައް ބުނާ ގޮތުގައި "ޖަވާން"ގެ ކާމިޔާބީއާއެކު އަޓްލީއާއެކު އިތުރު މަސައްކަތެއް ކުރަން ޝާހްރުކް ޚާން ބޭނުންވެ އެވެ. އެހެން ނަމަވެސް އޭނާގެ މި ޝަރުތަށް ފިލްމުގެ ޕްރޮޑަކްޝަން ޓީމުން އަދި ގޮތެއް ނިންމާފައެއް ނުވެ އެވެ.

މީގެ ކުރިން 2006 އަދި 2011 ވަނަ އަހަރު ނެރުނު "ޑޮން" ފްރެންޗައިޒްގެ ފިލްމުތަކުން ޝާހްރުކް ޚާން ފެނިފައިވާއިރު އެ ދެ ފިލްމުވެސް ޑައިރެކްޓް ކޮށްދިނީ ފަރްހާން އަޚްތަރު އެވެ.

"ޑޮން"ގެ ތިންވަނަ ފިލްމު ޝާހްރުކް ޚާންއަށް ހުށައެޅުމުން އޭނާ އެ ފިލްމަށް އިންކާރުކުރި އެވެ. އޭގެ ފަހުން އެ ރޯލަށް ނެގީ ރަންވީރު ސިންހް އެވެ.

އެހެން ނަމަވެސް "ދުރަންދަރް"އަށް ލިބުނު ކާމިޔާބީއާއެކު ރަންވީރު ވެސް އެ ފިލްމު ދޫކޮށްލުމުން ޝާހްރުކް ޚާން އަލުން އެ ފިލްމުން ފެނިދާނެ ކަމުގެ އުއްމީދު ވަނީ އާވެފަ އެވެ.