މުޅި ރާއްޖޭގައި މިހާރު އެންމެ މަގުބޫލު ސިޔާސީ ލީޑަރަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ކަމަށް ބާނި ސެންޓަރު ފޯ އިންޓަނޭޝަނަލް ޕޮލިސީން ޖަމިއްޔާއިން ނެގި ޕޯލްއަކުން ދައްކާފައިވާ ކަމަށް އެ ޖަމިއްޔާއިން މިއަދު ބުނެފި އެވެ.
ބާނި ޖަމިއްޔާއިން ވަނީ ރާއްޖޭގެ ހަ ސިޔާސީ ލީޑަރަކު 10 އިން ރޭންކްކޮށްފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ، ރައީސް ޔާމީނާއި، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއި، ރައީސް މުހައްމަދު މުއިއްޒާއި، އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދުގެ އިތުރުން ޕާޓީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލެވެ.
މިދިޔަ ނޮވެންބަރު 23 އިން ފެށިގެން ޑިސެމްބަރު އެއްވަނަ ދުވަހުގެ ނިޔަލަށް 391 މީހެއްގެ ޖަވާބު އެ ޖަމިއްޔާއިން ހޯދާފައިވެ އެވެ. ލިބިފައިވާ ޖަވާބުތަކަށް ބަލައި ބާނި ޖަމިއްޔާއިން އާންމުކުރި ރޭޓިންގައި އެންމެ މަތިން މާކްސް ލިބުނީ ރައީސް ޔާމީނަށެވެ. އެ މަނިކުފާނަށް ވަނީ 5.6 ގެ ރޭޓިންއެއް ލިބިވަޑައިގެންފަ އެވެ. ދެވަނައަށް 5.3 ގެ ރޭޓިންއެއް ލިބިވަޑައިގެންނެވީ ރައީސް މުއިއްޒަށެވެ.
ކުރީގެ ރައީސް ނަޝީދަށް 4.9 ގެ ރޭޓިންއެއް ލިބިވަޑައިގެންއިރު، ސޯލިހަށް ލިބިވަޑައިގަތީ 4.5 ގެ ރޭޓިންއެކެވެ. އަބްދުﷲ ޝާހިދަށް 2.3ގެ ރޭޓިންއެއް ލިބިވަޑައިގެންފައިވާއިރު، ފައްޔާޒަށް ލިބިވަޑައިގަތީ 2.1 ގެ ރޭޓީންއެކެވެ.
އެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުން ނެޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ އަންދާޒާގައި ވާގޮތުން ރާއްޖޭގެ ވޯޓުލެވޭ އާބާދީއަކީ 274،000 ކަމަށާއި އެހެންވެ 384 މީހުންގެ ޖަވާބުން 95 އިންސައްތަ ޔަގީންވާ ނަތީޖާއެއް ނެރެވޭނެ އެވެ.
މިހާރުގެ ސަރުކާރަކީ ވެސް ރައީސް ޔާމީން އަށް ތާއީދުކުރާ ގިނަ ބައެއްގެ ވޯޓާއެކު ހޮވިފައިވާ ސަރުކާރެކެވެ. ރައީސް ޔާމީންއަށް އެންމެ ފަހުވަގުތު ރިޔާސީ އިންތިހާބުގައި ވާދަ ނުކުރެއްވޭނެ ކަމަށް ނިންމުމުން، ޕީޕީއެމް ޕީއެންސީ ކޯލިޝަނުން ރިޔާސީ އިންތިހާބުގައި އެންމެ ބޮޑަށް ވިއްކީ ރައީސް ޔާމީން މިނިވަންކުރުމާއި އެމަނިކުފާނުގެ ނަންފުޅެވެ. އޭރު އެ ޕާޓީގެ ކެމްޕޭނު ހަރަކާތްތަކުގައި ރައީސް ޔާމީންއަށް ހުސް ގޮނޑި ވެސް ބަހައްޓާފައި ހުއްޓެވެ.
ނަމަވެސް ވެރިކަން ލިބި ވަޑައިގަތުމުން ރައީސް މުއިއްޒު ގެންދަވަނީ ރައީސް ޔާމީން އާ ދެކޮޅު ސިޔާސަތުތަކެއް ގެންގުޅުއްވަމުންނެވެ. އެއާއެކު ރައީސް ޔާމީން މިހާރު ގެންދަވަނީ އަމިއްލަފުޅު ޕާޓީއެއް އުފައްދަވައިގެން ސިޔާސީ މަސައްކަތް ކުރައްވަމުންނެވެ.
ރައީސް ޔާމީންގެ ޕީއެންއެފް ވެގެން ގޮސްފައި ވަނީ މި ސަރުކާރު ޖަވާބުދާރީ ކުރުވުމަށް ވަރަށް ފާޅުގައި ފާޑުކިޔާ ޕާޓީއަކަށްކަން ފާހަގަކުރެވެ އެވެ.
ރައީސް ޔާމީން ވަނީ 2028ގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކަމުގެ އިޝާރާތެއް ވެސް ކުރައްވާފަ އެވެ.
ވިވެކް ބޮލީވުޑުން ދުރަށް ދިޔައީ ކީއްވެ؟
އެމްޑީޕީގެ ކައުންސިލް ޕްރައިމަރީގެ ވޯޓުލުން ފަށައިފި
ސްމާޓް ފޯނުތަކުން ބުރަކަށީގެ ރިހުންތަކަށް މަގުފަހިވޭ: ދިރާސާ