ކުރިއަށް އޮތް އޭޕްރީލް މަހު ދައްކަންޖެހޭ 500 މިލިއަން ޑޮލަރުގެ ސުކޫކު ދެއްކުމަށް ދިވެހި ދައުލަތުގެ ބޭރު ފައިސާގެ ރިޒާވް ހުސްވެ، އަދި ބިދޭސީންނަށް ބިން މިލުކުރެވޭ ގޮތް ހަދައި ގައުމުގެ މިނިވަންކަމަށް ނުރައްކާވެދާނެ ހިސާބަށް ގޮސްދާނެ ކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެ އެވެ.
ފައްޔާޒު ރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ސުކޫކު ދެއްކުމަށް މާކުރިން ތައްޔާރުވާންޖެހޭ ކަމަށާއި ނަމަވެސް، މި ސަރުކާރުން އެކަމާ މެދު އަމަލުކުރާނެ އިތުބާރު ހުރި ފިސްކަލް ރޭވުމެއް މިހާތަނަށް ދައްކާފައި ނުވާ ކަމަށެވެ.
ސުކޫކު ދެއްކުމަށް އެމެރިކާގެ ކާގިލް ފައިނޭންޝަލް ސާވިސަސް އިންޓަނޭޝަނަލް (ސީއެފްއެސްއައިޓީ) އިން ވަރަށް ބޮޑު އިންޓްރެސްޓެއްގައި 300 މިލިއަން ޑޮލަރު ނަގަން އުޅޭކަމުގެ އަޑުތައް ވަނީ ފެތުރިފަ އެވެ.
އެކަމާ ގުޅޭގޮތުން ފައްޔާޒު ވިދާޅުވީ ކުރިއަށް އޮތް އަހަރުތަކުގައި ދަރަނި އަދާކުރުން އިތުރަށް ދަތިވާނެ ފަދަ 'ޑަބަލް ޑިޖިޓް' ގެ އިންޓްރެސްޓް ރޭޓްތަކުގައި ލޯނު ނަގަން އުޅޭ ކަމަށް ދެކެވޭ ވާހަކަތަކުގެ ސާފު ޖަވާބެއް ރައްޔިތުންނާއި ވިޔަފާރިތަކަށް އެނގެންޖެހޭ ކަމަށެވެ.
ބޭރު ގައުމުތަކަށް ރާއްޖެއިން ބިން ވިއްކަން އުޅޭ ކަމަށް ދެކެވޭ ވާހަކައިގެ ހަގީގަތް ހާމަކުރަންޖެހޭ ކަމަށާއި އެއީ ތެދެއްނަމަ އެއީ ވަރަށް ބޮޑު ނުރައްކަލެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އެންމެ ބޮޑު ކަންބޮޑުވުމަކީ، ބޭރު ގައުމުތަކަށް ބިން ވިއްކާ ކަމަށް ދެކެވޭ ވާހަކަތަކުން، ގައުމުގެ މިނިވަންކަމަށް ނުރައްކާވެދާނެ ކަމުގެ ބިރު އޮތުން،" ފައްޔާޒު ވިދާޅުވި އެވެ.
މިފަދަ ކަންކަމުން ފައިސާ ހޯދުމަކީ އެއްގޮތަކަށްވެސް ދަރަނި މެނޭޖުކުރުމެއް ނޫން ކަމަށާއި "މިއީ ރޭވުންތެރިކަމެއް އެއްގޮތަކަށްވެސް ނެތްކަމުގެ ސާފު ހެއްކެއް" އޭނާ ކަމަށެވެ.
ފައްޔާޒު ވިދާޅުވި ގޮތުގައި އެމްޑީޕީ ސަރުކާރުން ދަރަނި ނެގީ ކޮވިޑްގެ ސަބަބުން އާމްދަނީން ގެއްލުނު 25 ބިލިއަން ރުފިޔާގެ އުނިކަން ފޫބެއްދުމަށާއި، ވަޒީފާތަކާއި ވިޔަފާރިތައް ހިފެހެއްޓުމަށެވެ.
"[ނަމަވެސް] މިއަދު ދަރަނި ނަގަނީ އަސްކަރީ ޑްރޯންތަކުން ފެށިގެން ސިޔާސީ މަގާމުތަކުގެ ދިގު ލިސްޓާ ހަމައަށް، ސިޔާސީ އަމިއްލަ އެދުންތައް ފުއްދުމަށް،" ފައްޔާޒު ވިދާޅުވި އެވެ.
މި ސަރުކާރުން ދޫކުރާ ގޯއްޗާއި ފުލެޓަށް ދައުރު ތެރޭ ވަދެވޭނެ!
ދުނިޔޭގެ އެންމެ ބޮޑު ޕާޕަލް ސްޓާ ސެފަޔާ ލަންކާގައި
