ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބު އެކު ޑީލް ހަދައިގެން މަޖިލީހުގައި ވޯޓު ދީފައި ނުވާނެ ކަމަށާއި، މަޖިލީހުގައި ވޯޓު ދީފައި ވާނީ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެންގެވި ގޮތަށް ކަމަށާއި އެހެން ކަމުން ޑީލް ހެއްދެވީ އެމަނިކުފާނު ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެ އެވެ.
ޝަރީފް މިހެން ވިދާޅުވީ މިއަދު ޖަލްސާގައި، ކަނޑުގައި ދުއްވާ އުޅަނދުތައް ދުއްވުމާ ބެހޭ ގާނޫނަށް ހުށަހެޅި އިސްލާހަށް ބަހުސް ކުރައްވަމުން ދެއްކި ވާހަކަގައި އެވެ.
މަޖިލީހުގެ އެމްޑީޕީ ބައެއް މެމްބަރުން ވަނީ އެމްއެމްޕީއާރްސީގެ ހިޔާނާތުގައި ޝަރީފް ބައިވެރިވެފައިވާ ކަމަށް ބުނެ ތުހުމަތުގެ އިނގިލި ދިއްކުރައްވާފަ އެވެ. އެކަމަށް ރައްދު ދެއްވަމުން ޝަރީފު ވިދާޅުވީ އެމްއެމްޕީއާރުސީގެ ހިޔާނާތުގައި އޭނާ ބައިވެރިވެފައިނުވާނެ ކަމަށެވެ. އަދި ކުރީގެ ނައިބް ރައީސް އަދި ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބާ އެކު އެއްވެސް "ޑީލެއް" ހަދާފައި ނުވާނެ ކަމަށް ވެސް ޝަރީފް ވިދާޅުވި އެވެ.
ކޯފާ އިސްކުރައްވާ އިތުރަށް ވިދާޅުވީ އޭނާ މަޖިލީހުގައި ވަކި ގޮތަކަށް ވޯޓެއް ދެއްވާފައިވާ ނަމަ އެ ވޯޓެއް ދެއްވީ ވެސް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެންގެވި ގޮތަކަށް ކަމަށެވެ.
"ޑީލް ހެއްދެވީ މަނިކުފާނު! އަޅުގަނޑު އެއްވެސް ޑީލެއް ހަދާފައި ނޯންނާނެ،" ރައީސް ނަޝީދަށް އިޝާރާތް ކުރައްވާ ޝަރީފް ވިދާޅުވި އެވެ.
މީގެ އިތުރުން ޝަރީފް ވިދާޅުވީ ނިމިދިޔަ މަޖިލީހުގައި ވެސް އަދި މި މަޖިލީހުގައި ވެސް ޕާޓީގެ ނިންމުމަކާ ހިލާފަށް އެއްވެސް ވޯޓެއް ދެއްވާފައި ނުވާނެ ކަމަށާއި ވޯޓު ދެއްވާފައި ވާނީ އެމްޑީޕީގެ ލީޑަޝިޕުން އަންގާ ގޮތަށް ކަމަށެވެ.
ޝަރީފް ވިދާޅުވީ އެމްޑީޕީގެ ވިޕްތަކާ ހިލާފުވެގެން މެމްބަރުންނަށް ފިޔަވަޅު އަޅާފައިވާ ކަމަށާއި ޝަރީފް ޕާޓީގެ ނިންމުމެއްގެ ބޭރުން ކަމެއް ކުރެއްވި ނަމަ އޭނާ އަށް ވެސް ފިޔަވަޅު އަޅާނެ ކަމަށެވެ. ނަމަވެސް މިހާތަނަށް ވެސް އޭނާއަށް ފިޔަވަޅެއް އަޅާފައި ނުވާކަން ފާހަގަ ކުރެއްވި އެވެ.
"އަޅުގަނޑު ދެންނެވި ވާހަކައަކީ، އަޅުގަނޑެއް އަހްމަދު އަދީބަކާ އެއްކޮށް ޑީލެއް ހަދާފައެއް ނޯންނާނޭ. އަހްމަދު އަދީބު ދިން އެއްޗެއް މަޖިލީހަށް ހުށަހަޅާފައެއް ނޯންނާނޭ. އަހަމްދު އަދީބު އަތުން ފައިސާއެއް ހޯދާފައެއް ނޯންނާނޭ،" ޝަރީފް ވިދާޅުވި އެވެ.
ޝަރީފް ވާހަކަ ދައްކަވާ ނިންމަވާލެއްވުމުން މަޖިލީހުގެ ރައީސް ނަޝީދު ވަނީ ހަރުބަހެއް ބޭނުން ކުރައްވައި ޝަރީފަށް ރައްދުދެއްވައިފަ އެވެ.
ރައީސް ނަޝީދު ވިދާޅުވީ ޝަރީފު މިހާރު އުޅުއްވަނީ "މިސްކިތު ހުޅުޖެހި މީހާ"ގެ އަމަލުތަކާ އެއްގޮތަށް ކަމަށެވެ. އެގޮތަށް ރައީސް ނަޝީދު ވިދާޅުވުމުން ޝަރީފް ވިދާޅުވީ މިއަދު މަޖިލީހުގައި އެމްއެމްޕީއާރުސީގެ މައްސަލައިގެ ވާހަކަ އެގޮތަށް ދައްކަން ޖެހުނީ ރައީސް ނަޝީދަށް ތާއީދު ކުރައްވާ ބައެއް މަޖިލިސް މެންބަރުން އެމްއެމްޕީއާރުސީގެ ފައިސާގައި އޭނާ ޖެހިފައިވާ ކަމަށް ބުނެ އެވާހަކަ ދައްކާތީ ކަމަށެވެ. އަދި އެންމެ ބޮޑަށް އެވާހަކަ ދައްކަވަނީ، ރައްޔިތުންގެ މަޖިލީހުގެ ބިލެތްދޫ ދާއިރާގެ މެންބަރު އިބްރާހިމް ހަލީމް (ދޮންބިލެތް) ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޝަރީފްގެ ވާހަކަތައް ނިންމަވާލެއްވުމުން ރައީސް ނަޝީދު ވަނީ އެމްއެމްޕީއާރްސީގެ މައްސަލާގައި ތުހުމަތުކުރެވޭ މަޖިލިސް މެމްބަރުންގެ ވާހަކަ ނަންގަވާފަ އެވެ. އަދި އެ ތަހުގީގުތައް ނިމުމުން މަޖިލީހުގެ ބައެއް މެމްބަރުންގެ ގޮނޑިތައް ގެއްލިދާނެ ކަމުގެ އިޝާރާތެއް ވެސް ކުރެއްވި އެވެ.
އެމްއެމްޕީއާރްސީގެ ހިޔާނާތާއި ގުޅުވައިގެން ޝަރީފަށް ތުހުމަތުތަކެއް ކުރަން ފެށީ އަދީބު ފުލުހުންނަށް ދީފައިވާ ކަމަށް ބުނާ ބަޔާނެއް ލީކްވި ހިސާބުންނެވެ. އެ ބަޔާނުގައިވާ ގޮތުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރަން މަޖިލީހަށް އިސްލާހު ހުށަހެޅުމަށް ޝަރީފަށް 20 މިލިއަން ރުފިޔާ ދިނުމަށް އަދީބު އެއްބަސްވެ ވަޑައިގެންފައިވެ އެވެ. ނަމަވެސް އެ ތުހުމަތުތަކަށް ޝަރީފް ގެންދަވަނީ ތަކުރާރުކޮށް އިންކާރު ކުރައްވަމުންނެވެ.