އަަސާސީ ހުރިހާ ޓެސްޓެއް ހެދޭ ގޮތަށް މިއަހަރުގެ ނިޔަލަށް ހުރިހާ ރަށެއްގައި ލެބޯޓަރީ ހަދާ ނިންމާނެ ކަމަށް ހެލްތް މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވެއްޖެެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން ހީނާ ވަލީދު ގެނެސް ދެއްވާ ތަރުޖަމާނާއެކުގެ މި ހަފްތާގެ އެޕިސޯޑްގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ނާޒިމް ވިދާޅުވީ ރައީސް މުޢިއްޒުގެ ޒައާމަތް ފެށުނުއިރު 76 ރަށެއްގައި އެންމެ އާދައިގެ ޓެސްޓްތައް ވެސް ހެދޭނެ ގޮތް ނެތް ކަމަށާއި އެހެން ނަމަވެސް މިހާރު އެކަން ބަދަލުކޮށްފައިވާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ މި ސަރުކާރުގެ އަމާޒަކީ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އަަސާސީ ހުރިހާ ޓެސްޓެއް ހެދޭނެ ގޮތް ފަހި ކުރުން ކަމަށެވެ.

އެ މަސައްކަތް ހުއްޓުމެއް ނެތި ކުރަމުންދާ ކަން ފާހަގަކުރައްވައި މިނިސްޓަރު ނާޒިމް ވިދާޅުވީ މިހާރުގެ އެންމެ ބޮޑު އަމާޒަކީ އަހަރު ނިމުމުގެ ކުރީން އަަސާސީ ހުރިހާ ޓެސްޓެއް ހެދޭ ގޮތަށް ހުރިހާ ރަށެއްގައި ލެބޯޓަރީ ހަދާ ނިންމުން ކަމަށެވެ. އަދި ސިއްހީ ފަރުވާ ލިބޭނެ ގޮތެއް ނެތި އެއްވެސް ރައްޔިތަކު ހަވާސާ ވުމަކީ މި ސަރުކާރުން އެދޭ ގޮތް ނޫން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އެގޮތަށް ރައްޔިތުން ހަވާސާ ވާން ދޫކޮށް ނުލާނެ ކަމަށާއި އާބާދީގެ ކުޑަ، ބޮޑު މިނަށް ބެލުމެއް ނެތި ސިއްހީ އަސާސީ ފަރުވާ ލިބޭނެ ކަން ސަރުކާރުން ކަށަވަރު ކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.