ދިވެހިންގެ ކަންބޮޑުވުން އެ މައްސަލައަކާ މެދު އިންތިހާއަށް އޮތް ފޯޅަވަހީގެ މައްސަލަ އަނެއްކާ ވެސް ހަތަރު އަނގޮޅި އަކަށް ހުއްޓިއްޖެ އެވެ. އިނގިރޭސި ވިލާތުން މޮރިޝަސް އަށް ފޯޅަވަހި އަތޮޅު ހަވާލު ކުރަން ހެދި އެއްބަސްވުން ތަންފީޒު ކުރުމަށްޓަކައި އެ ގައުމުގެ ޕާލަމެންޓްގެ މަތިގޭގައި (ހައުސް އޮފް ލޯޑު) ގައި ނަގަން ހަމަޖެހިފައި އޮތް ވޯޓު ނުނަގައި މަޑު ޖައްސާލުމުން އެ މައްސަލައަށް މިވަނީ ކޮންމެވެސް ވަރެއްގެ މަޑު ޖެހުމެއް އައިސްފަ އެވެ. ފޯޅަވަހި ހޯދުމަށް ދިވެހިން ކުރަމުން އަންނަ އުންމީދުތަކުގެ ހުޅުކޮޅު ނިވެމުން ދަނިކޮށް މި ނިންމުމާއެކު އަނެއްކާ ވެސް އެ ހުޅުކޮޅަށް އިތުރު ދިރުމެއް އަންނާނެ އެވެ.
ތާރީޚީ ގޮތުންނާއި ޖޯގްރަފީ ގޮތުން ފޯޅަވައްސަކީ ރާއްޖޭގެ ތަނެއް ކަމަށް ދިވެހި ރައްޔިތުން ދައުވާ ކުރަމުން އަންނަތާ ކިތަންމެ ދުވަހެކެވެ. އެހެން ނަމަވެސް ބައިނަލްއަގުވާމީ އިދާރާތަކާ ހަމައަށް އެ އަޑު ދިއުމުގެ ކުރިން އިނގިރޭސިވިލާތާ މޮރިޝަސް އާ ދެމެދު ވެވުނު އެއްބަސްވުމަކާ އެކު މޮރިޝަސް އަށް މިހާރު ވަނީ ފޯޅަވަހި ގާތްގަނޑަކަށް ލިބިފަ އެވެ. އެ ކަމަށް ބޭނުންވާ އެއްބަސްވުންތައް އެކުލަވާލައި ދެފަރާތުން ވަނީ ސޮއި ވެސް ކޮށްފަ އެވެ. ކުރެވުނު އެއްބަސްވުމާ އެއްގޮތަށް އަމަލު ކުރުމުގެ ކުރިން އިނގިރޭސި ޕާލަމެންޓުން ނިންމަން ޖެހޭ އެންމެ ފަހުގެ ނިންމުން ނިންމަން ކުޑަ ވަގުތު ކޮޅަކަށް ވެފައި ވަނިކޮށް ސަރުކާރުން ބިލު ވަގުތީ ގޮތުން މިހާރު ވަނީ ގެންގޮސްފަ އެވެ. ސަރުކާރުން ބުނަނީ ހައުސް އޮފް ލޯޑުން ބޭކާރު ޕްރެޝަރު ސަރުކާރަށް ކުރަނީ ކަމަށެވެ. ބިލު އަނބުރާ ގެންދިޔައީ ވަގުތީ ގޮތުން ކަމަށް ވިޔަސް އަލުން ހުށަހަޅާނެ ތާރީޚެއް ނޭނގެ އެވެ.
ތަޖުރިބާކާރުން ބުރަވާ ގޮތުގައި ސަރުކާރުން ބިލު އަނބުރާ ގެންދަން ޖެހުނީ އެމެރިކާ އިން އެ ބިލު ފާސް ކުރުމާ ދެކޮޅު ހެދުމުގެ ސަބަބުންނެވެ.
ފޯޅަވަހީގައި މިވަގުތު ގާއިމުވެ ތިބީ އެމެރިކާގެ ސިފައިންނެވެ. ފޯޅަވަހީގެ ރަށެއް ކަމަށްވާ ޑިއޭގޯގާޝިއާ އިނގިރޭސި ވިލާތުން ކުއްޔަށް ހިފައިގެން އެމެރިކާ އިން ހަދައިފައިވާ އަސްކަރީ މަރުކަޒަކީ އެ ގައުމަށް ނުހަނު ބޭނުންތެރި މަރުކަޒެކެވެ. އެމެރިކާއިން ހިތްހަމަނުޖެހެނީ އެ މަރުކަޒު ހެދުމަށް ހެދި އެއްބަސްވުމުގައި ވާ ފަދައިން އެ ރަށްތަކުގެ މިލްކުވެރިކަން އިނގިރޭސިންގެ އަތުން ދޫވެގެން ދިއުމެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިނގިރޭސި މޮރިޝަސް އެއްބަސްވުން ސިފަ ކުރެއްވީ އިނގިރޭސިން ކުރަން އުޅޭ މޮޔަ ކަމެއްގެ ގޮތުގަ އެވެ. އެހެންކަމުން ކީތު ސްޓާމާގެ ލޭބާ ޕާޓީ އަށް ވަނީ މޮރިޝަސް އާ ޗާގޯސް ހަވާލުކުރުން މަޑުޖައްސާލަން މަޖުބޫރު ވެފަ އެވެ. ލޭބާ ސަރުކާރުން ބުނަނީ ބިލުގެ މަސައްކަތް މަޑު ޖައްސައި ލިޔަސް ސަރުކާރުން އެ މީހުން ސޮއި ކުރި އެއްބަސްވުމުގެ މަތީގައި ދެމި ތިބޭނެ ކަމަށެވެ.
ފޯޅަވަހީގެ މައްސަލަ ހަތަރު އަނގޮޅިއަކަށް ނިކުމެ މަޑު ޖެހުނު ވަގުތުގައި މައްސަލައިގެ މަގު ޗާޓުގެ އެއްވެސް ހިސާބަކަށް ދިވެހި ރާއްޖެ ނޭރުމަކީ ރާއްޖޭގެ ރައްޔިތުން ކަންބޮޑުވާން ޖެހޭ ކަމެކެވެ. ފޯޅަވަހި އަނބުރާ ހޯދުމުގެ ނަމުގައި އަމިއްލަ ބަޔަކު އިސް ނަގައިގެން ވަރަށް ގިނަ މަސައްކަތްތަކެއް ކުރަމުން ދާކަން ފާހަގަކުރެވެ އެވެ. އެހެން ނަމަވެސް ދިވެހި ސަރުކާރުން މައްސަލައާ ގުޅޭގޮތުން ހަރުދަނާ އެއްވެސް ފިޔަވަޅެއް ނާޅަ އެވެ. ނޫސްވެރިއަކަށް ދެއްވި އިންޓަވިއުއެއްގައި ވެސް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވީ ފޯޅަވަހި އަނބުރާ ލިބެން ޖެހެނީ ދިވެހި ރާއްޖެއަށް ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ. ފަހަރެއްގައި ވެސް އެއީ ރާއްޖޭގެ ބައެކޭ ވިދާޅުވާކަށް އެނގިވަޑައެއް ނުގެންނެވި އެވެ.
ފޯޅަވައްސަކީ ރާއްޖޭގެ ބައެއް ކަމާއި އެ ކަމަށް ދިވެހި ސަރުކާރުން ވަކާލާތު ކުރާކަން ބައިނަލްއަގުވާމީ މުޖުތަމައަށް ރަނގަޅަށް އެނގެން ޖެހެ އެވެ. ބައިނަލްއަގުވާމީ އިދާރާތަކަށް ދިވެހި ސަރުކާރުން އެ މައްސަލަ ހުށަހަޅަން ޖެހެ އެވެ. ފޯޅަވައްސަކީ ދިވެހިންގެ ތަނެކޭ، އެތަން ބަޔަކު އަތް ދަށުލީ ރާއްޖޭގެ ބައެއްގެ ގޮތުގައި ވަނިކޮށޭ، ބުނަން ޖެހެ އެވެ. އެގޮތަށް ވަކާލާތު ނުކުރާހާ ހިނދަކު ފޯޅަވައްސާ ބެހޭ އެއްވެސް ވާހަކައެއްގައި ރާއްޖޭގެ ނަމެއް ނާންނާނެ އެވެ. މި ވަގުތަށް ކަން އޮތީ ވެސް އެހެންނެވެ.
މިވަގުތު ދުނިޔޭގެ މަސްރަހު އޮތް ގޮތަށް ބަލާއިރު ފޯޅަވަހި މޮރިޝަސް އާ އިނގިރޭސިންނަށް ހަވާލު ކުރެވޭނެ ކަމަކަށް ނުފެނެ އެވެ. ސަބަބަކީ ދުނިޔޭގައި ގަދަވަމުން އަންނަ ހަނގުރާމައިގެ ބެރުގެ ސަބަބުން ފޯޅަވަހީގެ މުހިންމުކަން އެމެރިކާ އަށާއި ޔޫރަޕަށް އިތުރު ވުމެވެ. މި ވަގުތު އެމެރިކާގެ ރައީސް ޓްރަމްޕަކީ ބައިނަލްއަގުވާމީ ގާނޫނުތަކަށް ބޯލަނބާ ބޭފުޅަކަށް ނުވެފައި ސްޓްރެޓެޖިކް ގޮތުން އެމެރިކާ އަށް މުހިންމު ހުރިހާ ތަނެއް ގަދަކަމުން ނަމަވެސް އަތުލުމުގެ އެޖެންޑާއެއް އޮތްއިރު ފޯޅަވަހި އެހެން ބަޔަކަށް ދޭކަށް އެމެރިކާ ނުރުހޭނެ އެވެ. އެހެންކަމުން މިފަދަ ދަނޑިވަޅެއްގައި ދިވެހިންނަށް ކުރެވެން އޮތް އެންމެ ބޮޑު ކަމަކީ އެ ރަށްތަކުގެ މިލްކުވެރިކަމާ މެދު ރަސްމީ ގޮތުން ދައުވާ ކުރުމެވެ. އެއަށްފަހު އެ ގޮތުގައި ދެމި ތިބުމެވެ. އެކަން ކުރަން މި ސަރުކާރުން ވަނީ ފަސް ޖެހިފަ އެވެ.
އިންޑިއާގެ މަނިޕާލް ހޮސްޕިޓަލަށް އަލުން އާސަންދަ ދޭން ފަށައިފި
ރުއިމަކީ ފައިދާ ވެސް ކުރާ ކަމެއް!
ކެންޑިޑެސީ ފޯމު މެނުއަލްކޮށް ހުށަހެޅޭނެގޮތް ހަދަން ގޮވާލައިފި