މިދިޔަ ހޮނިހިރު ދުވަހު ރައީސް ޑޮނަލްޑް ޓްރަމްޕް އީރާނަށް ދިން ވަރުގަދަ ހަމަލާއަކީ، މެދުއިރުމަތީގެ ދެ ގައުމެއް ކަމަށްވާ އިޒްރޭލާއި ސައުދީ އަރަބިއްޔާއިން އެތައް ހަފުތާއެއް ވަންދެން އެކަން ކުރުމަށް ބާރުއެޅުމުގެ ނަތީޖާ ކަމަށް މިކަމުގެ މައުލޫމާތު ހުރި ފަރާތްތަކާ ހަވާލާދީ ރިޕޯޓުތައް ބުނެފި އެވެ. ގާތްގަނޑަކަށް 40 އަހަރަށްފަހު އީރާނުގެ ރޫހާނީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީގެ ވެރިކަން ވައްޓާލުމަށްޓަކައި އިޒްރޭލާއި އެމެރިކާގެ ސިފައިން ވަނީ ގުޅިގެން މަސައްކަތް ކޮށްފަ އެވެ.
ސައުދީ ވަލީއަހުދު މުހައްމަދު ބިން ސަލްމާން، ބޭރުފުށުން ސުލްހަވެރި ހައްލަކަށް ތާއީދުކުރެއްވި ނަމަވެސް، ފާއިތުވި މަސްދުވަހުގެ ތެރޭގައި ޓްރަމްޕަށް ސިއްރު ފޯނު ކޯލުތަކެއް ކުރައްވައި އީރާނަށް ހަމަލާދިނުމަށް ވަކާލާތު ކުރެއްވި ކަމަށް މައުލޫމާތު ލިބެ އެވެ. ހަމައެއާއެކު، އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވެސް ގެންދިޔައީ އީރާނަކީ އިޒްރޭލުގެ ދެމިއޮތުމަށް އޮތް ނުރައްކަލެއް ކަމަށް ބުނެ، އެ ގައުމަށް ހަމަލާދިނުމަށް ގޮވާލާ އޭނާ ކުރިއަށްގެންދާ ކެމްޕޭން އިތުރަށް ވަރުގަދަކޮށްފަ އެވެ.
މި ދެ ގައުމުގެ ގުޅިފައިވާ މަސައްކަތުގެ ސަބަބުން، އީރާނުގެ ލީޑަޝިޕާއި އަސްކަރިއްޔާއަށް އަމާޒުކޮށް ވަރުގަދަ ވައިގެ ހަމަލާތަކެއް ދިނުމަށް ޓްރަމްޕް އަމުރުކުރި އެވެ. މި ހަމަލާތަކުގެ ފުރަތަމަ ބުރުގައި ތެރޭގައި ޚާމަނާއީ އާއި އީރާނުގެ ސަރުކާރުގެ އިސް ބައެއް ވެރިން ވަނީ އަވަހާރަވެފަ އެވެ.
މި ހަމަލާ ދީފައިވަނީ ކުރިއަށް އޮތް ދިހަވަރަކަށް އަހަރު ދުވަހުގެ ތެރޭގައި ވެސް އީރާނުގެ އަސްކަރިއްޔާގެ ފަރާތުން އެމެރިކާގެ މައި ބިމަށް ސީދާ ނުރައްކަލެއް ނެތް ކަމަށް އެމެރިކާގެ އިންޓެލިޖެންސުން ލަފާކޮށްފައި ވަނިކޮށެވެ. ހޮނިހިރު ދުވަހުގެ މި ހަމަލާއަކީ 90 މިލިއަނަށް ވުރެ ގިނަ މީހުންގެ އާބާދީއެއް އޮތް ގައުމެއްގެ ވެރިކަން ވައްޓާލުމަށް ފުޅާ ދާއިރާއެއްގައި މަސައްކަތް ނުކުރުމަށް އެމެރިކާއިން އެތައް އަހަރެއް ވަންދެން ގެންގުޅުނު ސިޔާސަތާ ހިލާފު ނިންމުމެކެވެ. އަދި މިއީ މީގެ ކުރިން ޓްރަމްޕް ހިންގަވާފައިވާ އަސްކަރީ ހަރަކާތްތަކާ އަޅާބަލާއިރު މުޅިން ތަފާތު، ބޮޑު ބަދަލެކެވެ.
ވައިގެ މަގުން ދޭ ވަރުގަދަ އަސްކަރީ ހަމަލާތަކެއްގެ އެހީގައި، އެއްގަމުގައި ސިޔާސީ މަގްސަދުތައް ހާސިލްކުރެވިދާނެ ކަމަށް ކުރެއްވި އުންމީދާއެކު، ޓްރަމްޕް މިވަނީ ބޮޑު ނުރައްކަލަކަށް ކުރިމަތިލާފަ އެވެ.
އީރާނުގެ އެކި ސަރަހައްދުތަކަށް އެމެރިކާގެ ބޮންތައް އަމާޒުވަމުން ދިޔަ ވަގުތު، އީރާނުގެ ރައްޔިތުންނާ މުހާތަބުކޮށް އާންމުކުރި ވީޑިއޯ މެސެޖެއްގައި ޓްރަމްޕް ވިދާޅުވީ، "މިރޭ އަހަންނަށް މިކުރަން ކެރުނު ކަންތައް ކުރަން މީގެ ކުރިން އެއްވެސް ރައީސަކަށް ކެރިވަޑައެއް ނުގަނޭ. މިހާރު އީރާނު ރައްޔިތުން ބޭނުންވި ފަދަ ރައީސަކު މިވަނީ ލިބިފައި." ކަމަށެވެ.
އީރާނަށް ހަމަލާދިނުމަށް ސައުދީ އަރަބިއްޔާއިން ބާރުއަޅަމުން ދިޔައީ، ޓްރަމްޕްގެ ހާއްސަ މަންދޫބު ސްޓީވް ވިޓްކޮފް އާއި ޓްރަމްޕްގެ ދަނބިދަރިފުޅު ޖެރެޑް ކުޝްނާ، އީރާނުގެ ނިއުކްލިއާ އަދި މިސައިލް ޕްރޮގްރާމާ ގުޅޭގޮތުން އެގައުމުގެ ލީޑަރުންނާއެކު މަޝްވަރާ ކުރަމުން ދިޔަ ދަނޑިވަޅެއްގަ އެވެ.
އެ މަޝްވަރާތައް ކުރިއަށް ދިޔަ ވަގުތު، ސައުދީ ވަލީއަހުދު މުހައްމަދު ބިން ސަލްމާން އާއި އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއަން ފޯނުން ވާހަކަފުޅު ދެއްކެވުމަށްފަހު ރިޔާދުން ބަޔާނެއް ނެރުނެވެ. އެ ބަޔާނުގައި ބުނެފައި ވަނީ އީރާނަށް ހަމަލާދިނުމަށް ސައުދީގެ ވައިގެ ސަރަހައްދު ނުވަތަ ބިން ބޭނުންކުރުމުގެ ހުއްދަ ވަލީއަހުދު ނުދެއްވާނެ ކަމަށެވެ.
ނަމަވެސް، އެމެރިކާގެ އޮފިޝަލުންނާއެކު ބޭއްވި މަޝްވަރާތަކުގައި ވަލީއަހުދު އިންޒާރު ދެއްވާފައިވަނީ، 2003 ވަނަ އަހަރު އިރާގަށް އެރި ފަހުން މެދުއިރުމަތީގައި އެމެރިކާގެ އެންމެ ބޮޑު އަސްކަރީ ބާރެއް މިވަގުތު އޮތްއިރު، މިހާރު އީރާނަށް ހަމަލާ ނުދީފިނަމަ އެ ގައުމު ކުރިއަށް ވުރެ ބާރުގަދަވެ ނުރައްކާތެރިވާނެ ކަމަށެވެ. މި މައުލޫމާތު ހާމަކުރި ފަރާތްތަކުން މިކަން ބަޔާންކޮށްފައިވަނީ މައުޟޫއުގެ ނާޒުކުކަމުން ނަން ހާމަނުކުރުމަށް އެދިފަ އެވެ.
މި ވިސްނުމަށް ބާރުދެއްވައި، ސައުދީގެ ޑިފެންސް މިނިސްޓަރު ހާލިދު ބިން ސަލްމާން ވެސް ވަނީ ޖެނުއަރީ މަހު ވޮޝިންޓަންގައި އެމެރިކާގެ އޮފިޝަލުންނާއެކު ސިއްރު ބައްދަލުވުންތަކެއް ބާއްވައި، ހަމަލާ ނުދީފިނަމަ ކުރިމަތިވެދާނެ ނުރައްކާތަކާ މެދު އިންޒާރު ދެއްވާފައިވާ ކަމަށް އެ ފަރާތްތަކުން ބުނެ އެވެ.
ސައުދީ ލީޑަރުގެ ނިންމުންތަކުގައި ހުރި އުނދަގޫތަކަކީ، އީރާނުން އެ ގައުމުގެ ތެޔޮ އުފައްދާ ނާޒުކު ވަސީލަތްތަކަށް ދީފާނެ ރައްދު ހަމަލާއަކުން ސަލާމަތްވުމުގެ ބޭނުމާއި، އީރާނަކީ އެ ސަރަހައްދުގައި އޮތް ސައުދީގެ އެންމެ ބޮޑު ހަތުރުގެ ގޮތުގައި ދެކޭ ދެކުމާ ދެމެދު އޮތް ފުށުއެރުންތަކެއް ކަމަށް އެ މައުލޫމާތު އެނގޭ ފަރާތްތަކުން ބުނެ އެވެ.
ޝީއީންގެ ބާރު އޮންނަ އީރާނާއި، ސުންނީ މުސްލިމުންގެ ލީޑަރެއްގެ ގޮތުގައި އޮތް ސައުދީ އަރަބިއްޔާއާ ދެމެދު އޮންނަ ޒަމާންވީ ވާދަވެރިކަމުގެ ސަބަބުން ސަރަހައްދީ ގޮތުން ނުސީދާ ހަނގުރާމަތަކެއް ވަނީ އުފެދިފަ އެވެ.
ހޮނިހިރު ދުވަހު އެމެރިކާއިން ދިން ފުރަތަމަ ހަމަލާއަށްފަހު، އީރާނުން ވަނީ ސައުދީ އަރަބިއްޔާއަށް ރައްދު ހަމަލާދީފަ އެވެ. މި ހަމަލާއާ ގުޅިގެން ސައުދީން ވަނީ ވަރަށް ބޮޑަށް ރުޅިގަދަވެ، އެ އަމަލު ކުށްވެރިކޮށް ބަޔާނެއް ނެރެފަ އެވެ. އަދި އީރާނާ ދެކޮޅަށް "ބޭނުންވާ ހަރުކަށި ފިޔަވަޅުތައް އެޅުމަށް" ބައިނަލްއަގުވާމީ މުޖުތަމައަށް އެ ގައުމުން ވަނީ ގޮވާލާފަ އެވެ.

މި ގައުމުތަކުގައި ރޯދަ މަހުގެ ތަޖުރިބާ ވަރަށް ތަފާތު!
ދެ އިންތިހާބު އެއްކޮށްލަން ކުރީ ސަރުކާރުން ވެސް ބޭނުންވި: ޝިޔާމް
ހަނގުރާމައާ ގުޅިގެން ވަޒީރުންގެ ކޮމިޓީއެއް އެކުލަވާލައިފި