އަރަބިއްޔާ ސްކޫލްގެ އިމާރާތުގެ ހާލަތާ މެދު އެ ސްކޫލްގެ ބެލެނިވެރިން ކަންބޮޑުވުންފާޅުކޮށްފި އެވެ.

އަރަބިއްޔާ ސްކޫލްގެ ބެލެނިވެރިޔަކު ބުނީ ސްކޫލްގެ އިމާރާތުން ކޮންކްރީޓް ގަނޑުތައް ވެއްޓެމުން އަންނަ ކަމަށެވެ. އަދި އެކަމުގެ ސަބަބުން ދަރިވަރުންގެ ފުރާނައަށް ނުރައްކާވެދާނެތީ ބެލެނިވެރިން ތިބީ ބިރުވެރިކަމެއްގެ ތެރޭގަ އެވެ. އެ ސްކޫލްގެ އިމާރާތް ނިންމައި ބޭނުންކުރަން ފެށީ 2013 ވަނަ އަހަރު އެވެ.

"މި ސްކޫލް އެޅިތާ އަދި 10 އަހަރު ވެސް ނުވޭ. އެކަމަކު މުޅި އިމާރާތް އެދަނީ އެތެރެއިންނާއި ބޭރުން ފުނޑު ފުނޑު ވަމުން،" ބެލެނިވެރިޔާ ބުންޏެވެ.

އައްޝައިޚް ޒަމްޒަމް ފާރިޝް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އޭނާގެ ދެ ކުދިން ތައުލީމު ހާސިލު ކުރަނީ އަރަބިއްޔާ ސްކޫލްގައި ކަމަށެވެ.

އޭނާ ވިދާޅުވީ ތަނބުތަކުން ބައިބައި ވެއްޓެމުންދާއިރު، އެއްވެސް ސަރުކާރަކުން އެކަމާ އަޅާނުލި ކަމަށެވެ.

މިކަމާ ގުޅޭގޮތުން އެޑިއުކޭޝަން މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ އެ މިނިސްޓްރީގެ ކޮންސަލްޓަންޓުން އެ ސްކޫލްގެ ފުލް އިންސްޕެކްޝަނެއް ހަދާފައިވާ ކަމަށެވެ.

"އިންސްޕެކްޝަނުން ފާހަގަވީ މަރާމާތުތަކެއް ކުރަންޖެހޭކަން. އަންނަ ހޯމަ ދުވަހު މި މިނިސްޓްރީގެ ފަރާތުން އިއުލާން ކުރާނެ އަރަބިއްޔާ ސްކޫލް މަރާމާތު ކުރާނެ ފަރާތެއް ހޯދަން،" އޮފިޝަލް ވިދާޅުވި އެވެ.