ވެރި ރަށް މާލެއިން ފެށިގެން މިހާރު ބިން ހިއްކުމުގެ މަސައްކަތް ކުރިއަށްދާ ފުށިދިއްގަރުފަޅު ނުވަތަ ރަސްމާލެއާ ހަމައަށް އަޅަން ވައުދުވެވަޑައިގެންނެވި ބިއްލޫރި ޓަނަލުގެ މަސައްކަތް ކުރިއަށްދާ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ވިދާޅުވީ، މި ޓަނަލް އެޅުމުގެ ފަންނީ އަދި ދިރާސީ މަސައްކަތްތައް މިހާރު ވެސް ކުރިއަށްދާ ކަމަށެވެ.
ރައީސް މުއިއްޒު ވިދާޅުވީ ސަރުކާރުން މިވަގުތު އެންމެ ބޮޑު އިސްކަމެއް ދެނީ ރަސްމާލެ ބިން ހިއްކުމުގެ މަސައްކަތަށް ކަމަށެވެ.
"އޭގެ ހަމަ ފަންނީ މަސައްކަތްތައް ކުރަމުން މި ދަނީ، ދިރާސީ މަސައްކަތްތައް. ދެން އަޅުގަނޑުމެން އިސްކަން މި ދެނީ ބިން ހިއްކަން،" ރައީސް ވިދާޅުވި އެވެ.
ބިއްލޫރި ޓަނަލުގެ މަސައްކަތް މި ހިނގާ ރިޔާސީ ދައުރުގެ ތެރޭގައި ނިމޭނެތޯ ނޫސްވެރިން ސުވާލު ކުރުމުން ރައީސް ވިދާޅުވީ، އެ މަސައްކަތް ނިމޭނެ ތާރީހެއް އެނގިވަޑައިގަންނަވާނީ މިހާރު ކުރިއަށްދާ ފަންނީ ދިރާސާތައް ނިމުމުން ކަމަށެވެ.
މާލެ އާއި ރަސްމާލެއާ ދެމެދު ކަނޑުއަޑިން ދަތުރުކުރެވޭ ބިއްލޫރި ޓަނަލެއް އަޅުއްވާނެ ކަމަށް ރައީސް މުއިއްޒު ފުރަތަމަ އިއުލާނު ކުރެއްވީ ޖެނުއަރީ 2024 ގަ އެވެ. ނަމަވެސް، މިދިޔަ އޮކްޓޯބަރު މަހު ކޮންސްޓްރަކްޝަން މިނިސްޓަރު އަބްދުﷲ މުއްތަލިބު ވިދާޅުވެފައިވަނީ ބިއްލޫރި ޓަނަލް އެޅުމަކީ ތަސައްވުރެއް ކަމަށާއި، އެއީ އެމެރިކާއިން ހަނދަށް ދިއުމަށް ގެންގުޅުނު ފަދަ އުންމީދީ ވިޝަންއެއް ކަމަށެވެ. މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި މިއީ ދުނިޔޭގެ އެއްވެސް ތަނެއްގައި އޯޕަން ސީގައި މިހާތަނަށް ހަދާފައިވާ ކަހަލަ އިންފްރާސްޓްރަކްޗާއެއް ނޫނެވެ.
މީގެ އިތުރުން، ދިވެހި ކޮންމެ ރައްޔިތެއްގެ ހިއްސާ އޮންނަ ގޮތަށް ރިސޯޓުތަކެއް ތަރައްގީ ކުރުމުގެ ވައުދާ ގުޅޭގޮތުން ވެސް ރައީސް ވަނީ ވާހަކަފުޅު ދައްކަވާފަ އެވެ. އެމަނިކުފާނު ވިދާޅުވީ މަދުވެގެން 10 ރިސޯޓު ތަރައްގީކޮށް، އެ ތަންތަނުން ލިބޭ ފައިދާގެ ބޮޑު ބައެއް ރާއްޖޭގެ ކޮންމެ ރައްޔިތެއްގެ ބޭންކް އެކައުންޓަށް އަހަރަކު އެއްފަހަރު ބޭރު ފައިސާއިން ޖަމާކޮށްދެއްވާނެ ކަމަށެވެ.
10 ރުފިޔާގެ އާ ނޫޓުތަކެއް 1 އެޕްރިލް އިން ފެށިގެން ދައުރުކުރަނީ
ބީއެމްއެލް އިން އަޅާ އިތުރު 182 ފްލެޓެއްގެ ބިންގާ އަޅައިފި
އައިއޭއީއޭއަށް އީރާން: ތިޔައީ ވަރަށް ޒިންމާދާރުކަން ކުޑަބައެއް!