އެމްޑީޕީ ހިންގުމާ ގުޅޭ ބޮޑެތި ކަންތައްތަކުގައި ޗެއާޕާސަނަށް ލަފާ ދިނުމަށް އެ ޕާޓީގެ ފަސް ލީޑަރުންގެ ކޮމިޓީއެއް އެކުލަވާލައި، ޕާޓީގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް ފާސްކުރުމަށް އެމްޑީޕީގެ ގައުމީ މަޖިލީހުގެ ކުއްލި ޖަލްސާއެއް މިރޭ ބޭއްވުމަށް ނިންމައިފި އެވެ.
މި ބަދަލުތަކަކީ ފަހަކަށް އައިސް ޕާޓީގެ އެތެރޭގައި އުފެދުނު ބޮޑެތި ހިޔާލުތަފާތުވުންތަކަށް ހައްލެއް ހޯދުމުގެ ގޮތުން ލީޑަރުންގެ މެދުގައި ކުރެވުނު މަޝްވަރާތަކަށް ފަހު ނިންމި ނިންމުންތަކެކެވެ.
އެނގިފައިވާ ގޮތުގައި، ޕާޓީގެ އިސްވެރިން މިދިޔަ ދެތިން ދުވަހު ބޭއްވި މަޝްވަރާތަކުން އެއްބަސްވުމަކަށް އައިސްފައި ވަނީ ކުރީގެ ރައީސުންނަށް ގައުމީ މަޖިލީހުން ފުރުސަތު ދިނުމަށާއި، ޗެއާޕާސަނަށް ލަފާދޭ އިންޓެރިމް ކޮމިޓީއެއް އުފެއްދުމަށެވެ. މި ކޮމިޓީގައި ހިމެނިވަޑައިގަންނަވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދު، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް، ޕާޓީގެ ރައީސް އަބްދުﷲ ޝާހިދު އަދި ވަގުތީ ޗެއާޕާސަން އަބްދުލް ޣަފޫރު މޫސާ (ގަޕޯ) އެވެ.
މީގެ އިތުރުން، އެމްޑީޕީގެ އެޑްވައިޒަރުންގެ ގޮތުގައި ސޯލިހާއި ނަޝީދު އައްޔަންކުރުމަށް ވެސް ވަނީ އެއްބަސްވެފަ އެވެ. މި ބަދަލުތަކާއެކު، ދާދި ފަހުން މަގާމުން ވަކިކުރި ޑެޕިއުޓީ ޗެއާޕާސަން އިބްރާހިމް ވަހީދު (އިބުރޭ) އާއި ލީގަލް ޑިރެކްޓަރު އަހުމަދު މައުރޫފްގެ މަގާމު އިޔާދަކޮށް، ވަގުތީ ޗެއާޕާސަން ގަޕޯގެ އިތުބާރު ނެތްކަމުގެ މައްސަލަ އަނބުރާ ގެންދިއުމަށް ވެސް ވަނީ ނިންމާފަ އެވެ.
މި މައްސަލަތަކާ ގުޅޭގޮތުން ރޭ ހިންނަވަރުގައި ބޭއްވި ޖަލްސާގައި ރައީސް އިބޫ ވިދާޅުވީ، ޕާޓީގެ އެތެރޭގައި ޖެހުނު މައްސަލައަކީ އާއްމު މެންބަރުންނަށް ވަރަށް ބޮޑު މާޔޫސްކަމެއް ގެނައި ކަމެއް ކަމަށެވެ.
"އެ ދުވަހުން ފެށިގެން އަޅުގަނޑުމެން އެކަމާ ދޭތެރޭގައި މަޝްވަރާނުކޮށް، ވާހަކަނުދައްކައެއް ނޫން މިތިބީއެއް،" ސޯލިހު ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ ހުރިހާ ލީޑަރުން ގުޅިގެން މަސައްކަތްކޮށް މިހާރު ހައްލެއް ހޯދިފައިވާ ކަމަށެވެ.
މިރޭ ނުވައެއް ޖަހާއިރު ބާއްވާ ގައުމީ މަޖިލީހުގެ ޖަލްސާއަކީ ސިއްރު ޖަލްސާއެއްގެ ގޮތުގައި ކުރިއަށް ގެންދަން ވަނީ ނިންމާފަ އެވެ. މި ޖަލްސާގައި ލީޑަރުންގެ މެދުގައި އެއްބަސްވެފައިވާ ކަންކަން ރަސްމީކޮށް ފާސްކުރާނެ ކަމަށް ބެލެވެ އެވެ.
މިއީ ލޯކަލް ކައުންސިލް އިންތިހާބުގެ ކާމިޔާބީ ފާހަގަކުރުމަށް ބޭއްވި ޖަލްސާގެ ތެރެއިން އުފެދުނު ހިޔާލުތަފާތުވުންތަކަށް ފަހު ޕާޓީ އަލުން އެއްގަލަކަށް އެރުވުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.
10 ދުވަހުގެ ހަނދުގެ މިޝަނަށްފަހު އާރްޓެމިސް އެނބުރި ދުނިޔެއަށް
ބީޓީއެސްގެ އެނބުރި އައުން: އެއް އަހަރު ތެރޭގައި 34 މަންޒިލަކަށް!
އެމްއޭސީއެލް އިން ސިޔާސީ ގޮތުން ވަޒީފާ ދިން މީހުނަށް 2.1 މިލިއަން