ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހްމަދު ނާޒިމް އިދިކޮޅު ފަރާތްތަކާ ގުޅިގެން ސަރުކާރު ވައްޓާލަން އުޅުނު ކަމުގެ ތުހުމަތުކޮށް އޭނާގެ އިތުބާރުނެތްކަމުގެ މައްސަލައެއް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމުގެ މަސައްކަތް ފަށައިފި އެވެ.

"ހުރިހާ"އަށް އެނގިފައިވާގޮތުގައި ނާޒިމްގެ އިތުބާރުނެތްކަމުގެ މައްސަލަ ހުށަހެޅުމަށްޓަކައި ޕީއެންސީގެ މަޖިލިސް މެންބަރުން އަންނަނީ ސޮއި ހޯދަމުންނެވެ.

ފުލުހުން މިހާރު ވަނީ ނާޒިމާ ގުޅޭ އިންޓެލިޖެންސް ރިޕޯޓެއް ވެސް ތައްޔާރުކޮށްފަ އެވެ. އެ ރިޕޯޓްގައިވާގޮތުން ނާޒިމް އުޅެނީ އިދިކޮޅު ފަރާތްތަކާ ގުޅިގެން ރައީސް މުހައްމަދު މުއިއްޒުގެ ވެރިކަން ވައްޓާލުމަށެވެ. އެ މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.

ޕީއެންސީގެ މަޖިލިސް މެންބަރަކު ވިދާޅުވީ ނާޒިމަށް ކުރާ ތުހުމަތަކީ ދޮގެއް ކަމަށާއި އޭނާ މަގާމުން ވަކިކުރަން އުޅުމުގެ އަސްލު ސަބަބަކީ 2028 ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ރައީސް މުއިއްޒަށް ތާއީދު ނުކުރައްވާނެކަމަށް ނާޒިމް ވިދާޅުވެފައިވުން ކަމަށެވެ.

އެ މެންބަރު ވިދާޅުވީ ނާޒިމް މަގާމުން ވަކިކުރުމުގެ މަސައްކަތް ކުރަމުން އަންނަނީ ރައީސް މުއިއްޒުގެ އެންގެވުމަށް ކަމަށެވެ.

ރާއްޖެއިން ބޭރުގައި އިދިކޮޅު ފަރާތްތަކާ ސިއްރު ބައްދަލުވުންތަކެއް ނާޒިމް ބޭއްވި ކަމަށް ވެސް ރައީސް މުއިއްޒު ތުހުމަތުކުރައްވަ އެވެ.

ރައީސް މުއިއްޒުގެ އެންގެވުމަށް މަޖިލީހުގެ މުހިންމު ކޮމިޓީތަކުން ވެސް ނާޒިމް ވަނީ ވަކިކޮށްފަ އެވެ.

ރައީސް މުއިއްޒު މީގެކުރިން ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲގެ ބާރުތައް ވެސް ކަނޑާލާފަ އެވެ. އެގޮތުން އެންމެ ފުރަތަމަ ކުރެއްވި ކަމަކީ އޭނާގެ ދަރިކަލުން އިބްރާހީމް ފައިސަލް ޓޫރިޒަމް މިނިސްޓަރު ކަމުން ވަކިކުރުމެވެ. އެއަށްފަހު ޕާޓީ ހިންގުމުގައި އޭނާގެ ލަފަޔަށް ތަބާނުވުމަށް ޕާޓީގެ އިސް ބޭފުޅުންނަށް އެންގެވި އެވެ. ޕާޓީ ހިންގުމުގައި ސީދާ އަމުރުކުރައްވަމުން ގެންދަވަނީ ރައީސް މުއިއްޒެވެ.