އެމެރިކާ އާއި އީރާނާ ދެމެދު ކުރިއަށްދާ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކާ ގާތަށް އާދެވިފައިވާ ކަމަށް ޕާކިސްތާނުގެ އޮފިޝަލު ވިދާޅުވެއްޖެ އެވެ.
މި މަޝްވަރާތަކުގެ މައުލޫމާތު އެނގޭ ޕާކިސްތާނުގެ މެދުވެރިއަކު ވިދާޅުވި ގޮތުގައި، ގަލްފު ސަރަހައްދުގައި ހިނގަމުންދާ ހަނގުރާމަ ނިމުމަކަށް ގެނައުމަށްޓަކައި އެއް ސޮފުހާގެ މެމޯރަންޑަމްއެއްގައި ސޮއިކުރުމަށް މިހާރު ދެ ގައުމުން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
މި އެއްބަސްވުމާ ގުޅޭގޮތުން އެމެރިކާގެ ނޫސް އޭޖެންސީ "އެކްސިއޯސް" އިން ބުނެފައި ވަނީ ތެދު ކަމަށް ޕާކިސްތާނުގެ އޮފިޝަލަކު ވަނީ ވިދާޅުވެފަ އެވެ. އެކްސިއޯސްގެ ރިޕޯޓުގައި މިކަން ހާމަކޮށްފައި ވަނީ އެމެރިކާ ސަރުކާރުގެ ދެ އޮފިޝަލަކާއި މަޝްވަރާތަކުގެ މައުލޫމާތު އެނގޭ އިތުރު ދެ ފަރާތަކާ ހަވާލާދީ އެވެ.
ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކަށް އާދެވިދާނެ ކަމުގެ އުންމީދު ބޮޑުވުމާ އެކު، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފަ އެވެ. އެގޮތުން ބްރެންޓް ކުރޫޑްގެ އަގު 8 އިންސައްތައަށް ވުރެ ބޮޑަށް ދަށަށް ގޮސް، ފީފާއެއްގެ އަގު 100 ޑޮލަރަށް ތިރިވި އެވެ. މީގެ އިތުރުން، ހަކަތަ ފޯރުކޮށްދިނުމަށް ހުރަސްއެޅިފައިވާ މި ހަނގުރާމަ ނިމުމަކަށް އަތުވެދާނެ ކަމަށް ބެލެވުމުން، ދުނިޔޭގެ ހިއްސާގެ ބާޒާރުގެ އަގުތައް އުފުލި، ބޮންޑް ޔީލްޑްސް ވަނީ ދަށަށް ގޮސްފަ އެވެ.
އެމެރިކާގެ ސީއެންބީސީ ނޫހުން އީރާނުގެ ހާރިޖީ ވުޒާރާގެ ތަރުޖަމާނަކާ ހަވާލާދީ ބުނެފައި ވަނީ، އެމެރިކާއިން ހުށަހަޅާފައިވާ 14 ނުކުތާގެ މައްޗަށް އެކުލެވޭ ހުށަހެޅުމެއް ތެހެރާނުން ދިރާސާ ކުރަމުންދާ ކަމަށެވެ.
އެކްސިއޯސްގެ ރިޕޯޓުގައިވާ ގޮތުން، އީރާނާއެކު ހިނގަމުންދާ ހަނގުރާމަ ހުއްޓާލުމަށްޓަކައި އެއް ސޮފުހާގެ މެމޯރަންޑަމްއަކާ ހަމައަށް އާދެވިފައިވާ ކަމަށް ވައިޓް ހައުސްއިން ގަބޫލުކުރެ އެވެ. މި ހަބަރު ފެތުރިފައި މިވަނީ ހޮރްމޫޒް ކަނޑުއޮޅި ހުޅުވުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ފެއްޓެވި ތިން ދުވަސްވީ ކަނޑުގެ އަސްކަރީ މިޝަން މެދުކަނޑާލިތާ މަދު ގަޑިއިރުތަކެއްގެ ތެރޭގަ އެވެ.
އެ ރިޕޯޓުގައި އިތުރަށް ބުނެފައިވާ ގޮތުގައި، ކުރިއަށް އޮތް 48 ގަޑިއިރުގެ ތެރޭގައި މުހިންމު ބައެއް ނުކުތާތަކަށް އީރާނުން ޖަވާބު ދޭނެ ކަމަށް އެމެރިކާއިން އުންމީދު ކުރެ އެވެ.
މި އެއްބަސްވުމުގެ ދަށުން އީރާނުން ޔުރޭނިއަމް މުއްސަނދިކުރުން މެދުކަނޑާލުމަށް އެއްބަސްވުމާއި، އެމެރިކާއިން އީރާނަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލައި ފްރީޒްކޮށްފައިވާ ބިލިއަނުން ގުނޭ ޑޮލަރު ދޫކޮށްލުމަށް ވަނީ ހިމަނައިފަ އެވެ. އަދި ހޮރްމޫޒް ކަނޑުއޮޅިން ދަތުރުފަތުރު ކުރުމަށް ދެފަރާތުން އަޅާފައިވާ ހުރަސްތައް ނައްތާލުން ވެސް މި އެއްބަސްވުމުގައި ހިމެނެ އެވެ.
14 ނުކުތާގެ އެއްބަސްވުން
މި އެބަސްވުމުގެ މަޝްވަރާތައް ކުރިއަށް ގެންދަނީ އެމެރިކާގެ މަންދޫބުން ކަމަށްވާ ސްޓީވް ވިޓްކޮފް އަދި ޖެރެޑް ކުޝްނާ އާއި އީރާނުގެ އޮފިޝަލުންނާ ދެމެދު ސީދާކޮށްނާއި މެދުވެރިން މެދުވެރިކޮށް ކަމަށް އެކްސިއޯސްއިން ބުނެ އެވެ. މިހާރު އޮތް ގޮތުން ނަމަ، މި އެއްބަސްވުމުން ސަރަހައްދީ ހަނގުރާމަ ނިމުމަކަށް އައިކަން އިއުލާނުކޮށް، ކަނޑުއޮޅި ހުޅުވުމާއި، އީރާނުގެ ނިއުކްލިއާ ޕްރޮގްރާމް ހަނިކުރުމާއި، އެމެރިކާގެ ފިޔަވަޅުތައް އުވާލުމާ ގުޅޭ ތަފްސީލީ މަޝްވަރާތަކަށް 30 ދުވަހުގެ މުއްދަތެއް ކަނޑައެޅޭނެ އެވެ.
މި 30 ދުވަހުގެ ތެރޭގައި ކަނޑުއޮޅިން ދަތުރުކުރުމަށް އީރާނުން އަޅާފައިވާ ހުރަސްތަކާއި، އެމެރިކާއިން އީރާނާ ދެކޮޅަށް އަޅާފައިވާ ކަނޑުގެ ބްލޮކޭޑް މަޑުމަޑުން އުވާލެވޭނެ އެވެ. ނަމަވެސް މަޝްވަރާތައް ނާކާމިޔާބުވެއްޖެ ނަމަ، އަލުން ބްލޮކޭޑް ރުޖޫއަކުރުމުގެ ނުވަތަ އަސްކަރީ ފިޔަވަޅު އެޅުމުގެ ބާރު އެމެރިކާއަށް އޮންނާނެ ކަމަށް އޮފިޝަލަކު ބުނެފައިވެ އެވެ.
މީގެ ކުރިން ޓްރަމްޕް ވަނީ ބަންދުކޮށްފައިވާ ކަނޑުއޮޅިން އުޅަނދުފަހަރު ދަތުރު ކުރުވުމަށް ފެށި "ޕްރޮޖެކްޓް ފްރީޑަމް" މެދުކަނޑާލާފަ އެވެ. މި މިޝަންގެ ސަބަބުން ދަތުރުފަތުރަށް އެދެވޭ ބަދަލެއް ނައުމުގެ އިތުރުން، އީރާނުން ކަނޑުއޮޅީގައިވާ އުޅަނދުފަހަރަށާއި އަވަށްޓެރި ގައުމުތަކުގެ އަމާޒުތަކަށް ދޭ ހަމަލާތައް ވަނީ އިތުރުވެފަ އެވެ. އެންމެ ފަހުން ހިނގި ހާދިސާގައި ފަރަންސޭސި ކުންފުންޏެއްގެ ކޮންޓެއިނަރު އުޅަނދަކަށް ހަމަލާދީ، ފަޅުވެރިންނަށް އަނިޔާވެގެން ވަނީ ބާލާފަ އެވެ.
މިޝަން މެދުކަނޑާލިކަން އިއުލާނުކުރައްވަމުން ޓްރަމްޕް ވިދާޅުވީ އީރާނާއެކު ކުރެވޭ މަޝްވަރާތަކުގައި ބޮޑު ކުރިއެރުމެއް ލިބިފައިވާ ކަމަށެވެ. އަދި އެއްބަސްވުމުގައި ސޮއިކުރެވޭތޯ ބެލުމަށްޓަކައި، ބްލޮކޭޑް އެގޮތުގައި ދެމިއޮތް ނަމަވެސް ޕްރޮޖެކްޓް ފްރީޑަމް ކުޑަ ދުވަސްކޮޅަކަށް މަޑުޖައްސާލުމަށް ދެފަރާތުން އެއްބަސްވެފައިވާ ކަމަށް އޭނާ ސޯޝަލް މީޑިއާގައި ވިދާޅުވި އެވެ.
ފެބްރުއަރީ 28 ގައި އެމެރިކާ އާއި އިޒްރޭލުން ހަނގުރާމަ ފެށި ފަހުން އީރާނުން ވަނީ ހޮރްމޫޒް ކަނޑުއޮޅި އެ ގައުމުގެ އުޅަނދުފަހަރު ފިޔަވައި އެހެން ހުރިހާ ދަތުރުފަތުރަކަށް ބަންދުކޮށްފަ އެވެ.
އީރާނުގެ ހާރިޖީ ވަޒީރު އައްބާސް އަރަގްޗީ ޗައިނާއަށް ކުރެއްވި ދަތުރުގައި ވިދާޅުވީ، ތެހެރާނުން ބޭނުން ވަނީ އިންސާފުވެރި އަދި ފުރިހަމަ އެއްބަސްވުމެއް ކަމަށެވެ. މިހާތަނަށް ހިނގި ކުރިމަތިލުންތަކުގައި އީރާނުގެ ޑްރޯންތަކާއި މިސައިލް ހަމަލާތަކުގައި ދެކުނު ކޮރެއާގެ އުޅަނދަކާއި ޔޫއޭއީގެ ތެޔޮ ބަނދަރަކަށް ވެސް ވަނީ ގެއްލުންތަކެއް ލިބިފަ އެވެ.
އެމެރިކާގެ ނޭވީއިން ބޯޓުތަކަށް ދިން ހަމަލާގައި 5 މީހުން މަރުވި
ރިތިކްގެ އެންމެ ފުރަތަމަ މުސާރައަށް ގަތީ ކުޅޭ ކާރެއް!
ގާނޫނާ ހިލާފުވާ ޕާޓީތައް އުވާލަން މެންބަރު މުސްތަފާ ގޮވާލައިފި