ރާއްޖޭގެ ކުރީގެ ތިން ރައީސުން ކަމަށްވާ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމާއި ރައީސް މުހައްމަދު ނަޝީދު އަދި ރައީސް އިބްރާހިމް މުހައްމަދު ސާލިހް ހުކުރު ދުވަހުގެ ރޭ ބައްދަލުކުރެއްވުމަށް ނިންމަވައިފި އެވެ.

މާލޭގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ބައްދަލުވުން ތާވަލުކޮށްފައިވަނީ މާދަމާ ރޭ އަށެއް ޖަހާއިރަށެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މި ބައްދަލުވުމަށްފަހު ތިން ރައީސުން ނޫސްވެރިންނާ ބައްދަލުކުރައްވައި މަޝްވަރާ ކުރެވުނު ކަންކަމުގެ ތަފްސީލު ހިއްސާކުރައްވާނެއެވެ.

ސިޔާސީ ގޮތުން ތަފާތު ފިކުރުތަކެއް ތިން ބޭފުޅުން ގެންގުޅުއްވި ނަމަވެސް، ޤައުމީ ބޮޑެތި މައްސަލަތަކުގައި އެކުގައި މަސައްކަތް ކުރެއްވުމަށް ތިން ބޭފުޅުން ވަނީ އެއްބަސްވެވަޑައިގެންފައިވާ ކަމަށް މި ބައްދަލުވުން އިންތިޒާމުކުރުމުގައި އިސްކޮށް އުޅޭ މީހަކު ވަނީ ބުނެފަ އެވެ. މިއީ ރާއްޖޭގެ ސިޔާސީ ތާރީހުގައި މި ތިން ބޭފުޅުން އެއް މޭޒަކަށް މަޝްވަރާއަށް އަރާވަޑައިގަންނަވާ ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެ އެވެ.

މި ބައްދަލުކުރެއްވުމުގައި ނޫސްވެރިންގެ ދިފާއުގައާއި ޤައުމުގައި ހުރި ބޮޑެތި މައްސަލަތަކާ ގުޅޭގޮތުން މަޝްވަރާކޮށް، ގުޅިގެން މަސައްކަތް ކުރުމަށް މަޝްވަރާކުރާނެ ކަމަށް ބެލެވެއެވެ.

މިދުވަސްވަރަކީ ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރުން ނޫސްވެރިން ހައްޔަރުކޮށް، ހިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ހުރަސްއަޅަމުންދާ ދުވަސްވަރެކެވެ. އެގޮތުން މިހާރުވެސް ވަނީ ދެ ނޫސްވެރިއަކު އެމީހުންގެ މަސައްކަތުގެ ޒިންމާ އަދާކުރަމުންދަނިކޮށް ކުއްލި ގޮތަކަށް ހައްޔަރުކޮށްފަ އެވެ. މީގެ އިތުރުން އެ ނޫސްވެރިން މިނިވަން ކުރުމަށް ގޮވާލާ ކުރަމުންދާ މުޒާހަރާތަކުގައިވެސް ފުލުހުން ގެންދަނީ ހާލަތާ ނުބައްދަލު ބާރުގެ ބޭނުންކޮށް ގިނަ ބަޔަކު ހައްޔަރުކުރަމުންނެވެ.

ތިން ރައީސުންގެ ބައްދަލުވުމަކީ ރާއްޖޭގެ ސިޔާސީ މަޝްރަހަށް ބޮޑު ބަދަލެއް އަތުވެދާނެ ފަދަ މުހިންމު ބައްދަލުވުމެއްގެ ގޮތުގައި ގިނަ ބަޔަކު ދެކެއެވެ.