ޗައިނާގެ ރައީސް ޝީ ޖިންޕިންއާއެކު ބޭއްވެވި މަޝްވަރާތަކަށްފަހު، އީރާނާމެދު އޮތް ކެތްތެރިކަން ކޮޅުންލައިފި ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ. ބުރާސްފަތި ދުވަހު ބޭއްވުނު މި ބައްދަލުވުމުގައި، ބޮޑު ހޭދައެއް ހިނގަމުންދާ އަދި އާންމުންގެ މެދުގައި މަގުބޫލުކަން ކުޑަވަމުންދާ ހަނގުރާމައާ ބެހޭގޮތުން ދެބޭފުޅުން މަޝްވަރާ ކުރައްވާފައިވާއިރު، ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ކައިރިން އީރާނުގެ ސިފައިން ބޯޓެއް ހިފަހައްޓާފައިވާ ކަމުގެ ރިޕޯޓުތަކެއް ވަނީ ފެންމަތިވެފަ އެވެ.
ވައިޓް ހައުސްއިން ހާމަކުރި ގޮތުގައި، ބެއިޖިންގްގައި ބޭއްވުނު މި މަޝްވަރާތަކުގައި ޓްރަމްޕާއި ޝީ ވަނީ ހޮރްމޫޒް ކަނޑުއޮޅީގެ ދަތުރުފަތުރުގެ މަގުތައް ހުޅުވާފައި ބެހެއްޓުމުގެ މުހިންމުކަމާ މެދު އެއްބަސްވެވަޑައިގެންފަ އެވެ. ފެބްރުއަރީ 28 ގައި އެމެރިކާއާއި އިޒްރޭލުން ދޭން ފެށި ހަމަލާތަކާ ގުޅިގެން، އީރާނުން ވަނީ އެ ކަނޑުއޮޅި ބަންދުކޮށްފަ އެވެ. މީގެ ސަބަބުން ދުނިޔޭގެ ހަކަތަ ފޯރުކޮށްދިނުމުގެ ނިޒާމަށް ވަނީ މީގެ ކުރިން ދުވަހަކުވެސް ކުރިމަތިނުވާ ފަދަ ބޮޑެތި ބުރޫތަކެއް އަރާފަ އެވެ. ފާހަގަކޮށްލެވޭ ގޮތުގައި ޗައިނާއަކީ އީރާނާ ގާތް ގުޅުމެއް ބާއްވާ، އަދި އެ ގައުމުން އެންމެ ގިނައިން ތެޔޮ ގަންނަ ގައުމެވެ.
މިދިޔަ މަހު އެމެރިކާއިން އީރާނަށް ދެމުންދިޔަ ހަމަލާތައް މެދުކަނޑާލި ނަމަވެސް، އެ ގައުމުގެ ބަނދަރުތައް ވަނީ ބަންދުކޮށްފަ އެވެ. ހަނގުރާމަ ހުއްޓާލުމަށް ކުރެވޭ މަޝްވަރާތައް ހުއްޓުމަކަށް އައިސްފައިވަނީ، އީރާނުގެ ނިއުކްލިއާ ޕްރޮގްރާމް ހުއްޓާލުމަށާއި ޔުރޭނިއަމް ރިޒާވް ދޫކޮށްލުމަށް އެ ގައުމުން އިންކާރު ކުރުމާ ގުޅިގެންނެވެ.
"ފޮކްސް ނިއުސް" ގެ "ހެނިޓީ" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ޓްރަމްޕް ވިދާޅުވީ، އިތުރަށް ކެތްތެރިކަން އިސްކުރެވެން ނެތް ކަމަށާއި، އީރާނުން އެއްބަސްވުމަކަށް އަންނަންޖެހޭ ކަމަށެވެ. އަދި އީރާނުގެ ޔުރޭނިއަމް ރިޒާވް އެމެރިކާގެ ބެލުމުގެ ދަށަށް ގެންނަން ބޭނުންވަނީ ހަމައެކަނި "ޕަބްލިކް ރިލޭޝަންސް" ނުވަތަ ދުނިޔެއަށް ދެއްކުމުގެ ބޭނުމުގައި ކަމަށްވެސް އޭނާ އިޝާރާތް ކުރެއްވި އެވެ.
ކަނޑު ދަތުރުފަތުރުގެ މަގުތަކުގައި ހިނގަމުންދާ ހާދިސާތަކަށް ބަލާއިރު، އެފްރިކާއިން ޔޫއޭއީ އަށް ޖަނަވާރު ހިފައިގެން ދަތުރުކުރި އިންޑިއާގެ މުދާ އުފުލާ ބޯޓެއް އޮމާންގެ ކަނޑުގެ ސަރަހައްދަށް ވަނީ ފެތިފަ އެވެ. އިންޑިއާއިން މި ހަމަލާ ކުށްވެރިކޮށްފައިވާއިރު، ބޯޓުގެ 14 ފަޅުވެރިން ސަލާމަތްކޮށްފައިވަނީ އޮމާންގެ ކޯސްޓްގާޑުންނެވެ. އިނގިރޭސިވިލާތުގެ މެރިޓައިމް ސެކިއުރިޓީ ކުންފުންޏެއް ކަމަށްވާ "ވޭންގާޑް" އިން ލަފާކުރާ ގޮތުގައި މި ބޯޓަށް ހަމަލާދީފައިވަނީ މިސައިލަކުން ނުވަތަ ޑްރޯނަކުންނެވެ.
މީގެ އިތުރުން، ޔޫއޭއީ ގެ ފުޖައިރާ ބަނދަރު ކައިރީގައި އަޅާފައި އޮތް ބޯޓަކަށް ބަޔަކު އަރައި، އެ ބޯޓު އީރާނާ ދިމާލަށް މިސްރާބު ޖަހާފައިވާ ކަމަށް އިނގިރޭސި މެރިޓައިމް އެޖެންސީ އިން ވަނީ ރިޕޯޓުކޮށްފަ އެވެ.
ޓްރަމްޕާއި ޝީގެ ބައްދަލުވުމުގައި، ހޮރްމޫޒް ކަނޑުއޮޅި ހުޅުވާފައި ބޭއްވުމަށް އެއްބަސްވުމުގެ އިތުރުން، އެ ސަރަހައްދު އަސްކަރީ މަރުކަޒަކަށް ހެދުމަށާއި، އެތަނުން ދަތުރުކުރާ އުޅަނދުތަކުން ފީ ނެގުމާ ދެކޮޅަށް ޗައިނާއިން ވަނީ ވާހަކަދައްކާފަ އެވެ. އަދި އީރާނަށް އަސްކަރީ ސާމާނު ފޮނުވުން ހުއްޓާލުމަށް ރައީސް ޝީ ވައުދުވެވަޑައިގެންފައިވާ ކަމަށްވެސް ޓްރަމްޕް ހާމަކުރެއްވި އެވެ.
އެމެރިކާގެ ނޮވެމްބަރު މަހުގެ މިޑްޓާމް އިންތިހާބު ކައިރިވަމުން އަންނައިރު، މި ހަނގުރާމަ ހުއްޓުވުމަށް ޗައިނާގެ އެހީތެރިކަން ހޯދުމަކީ ޓްރަމްޕަށް ސިޔާސީގޮތުން ވަރަށް މުހިންމު ކަމެކެވެ. ނަމަވެސް، އީރާނަކީ އެމެރިކާއާ ދެކޮޅަށް ޗައިނާއަށް އޮތް ސްޓްރެޓީޖިކް ބާރަކަށްވާތީ، ޗައިނާއިން އީރާނަށް މާ ބޮޑު ފިއްތުންތަކެއް ކުރިމަތިކުރާނެ ކަމާމެދު ސުވާލު އުފެދެ އެވެ.
މިވަގުތު ޑިޕްލޮމެޓިކް މަޝްވަރާތައް މަޑުޖެހިފައިވީ ނަމަވެސް، އީރާނުން ދަނީ ބައެއް ގައުމުތަކުގެ އުޅަނދުތަކަށް ކަނޑުއޮޅިން ދަތުރުކުރުމުގެ ހުއްދަ ދެމުންނެވެ. އެގޮތުން ޖަޕާނާއި ޗައިނާގެ ބައެއް ބޮޑެތި ތެޔޮ ބޯޓުތައް މިހާރު ދަނީ އެ ސަރަހައްދުން ދަތުރުކުރަމުންނެވެ.
އެމެރިކާގެ އަސްކަރީ އިސް އޮފިޝަލުން ވިދާޅުވާ ގޮތުގައި، ހަނގުރާމައިގެ ސަބަބުން އީރާނުގެ އަސްކަރީ ގާބިލުކަމަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފަ އެވެ. ނަމަވެސް، އީރާނުން އަދިވެސް މިސައިލާއި ޑްރޯންގެ ބޮޑު ބާރެއް ދަމަހައްޓަމުންދާ ކަމަށް ރިޕޯޓުތައް ބުނެ އެވެ. ވޮޝިންގްޓަނުން ބޭނުންވަނީ އީރާނުގެ ޔުރޭނިއަމް އެމެރިކާއާ ހަވާލުކުރުމަށެވެ. މިއާ ހިލާފަށް އީރާނުން އެދެނީ އެ ގައުމަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމަށާއި، ހަނގުރާމައިގެ ބަދަލު ހޯދުމަށެވެ.
30 މުވައްޒަފުންނާއެކު ޗާޓާޑް ބޭންކާ ޕްރޮގްރާމް ފަށައިފި
މައްސަލަ ހުށަހަޅާފައި ވަނިކޮށް ނާޒިމް މެލޭޝިޔާއަށް
މަޖިލީހުގެ ނައިބު ރައީސް ކަމުން ނާޒިމް ވަކިކުރަން ހުށަހަަޅައިފި