ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އުޅޭ އަންހެނުންގެ ތެރެއިން ކޮންމެ 8 މީހަކުން އެކަކަށް (%10 އަށްވުރެ ގިނަ އަންހެނުންނަށް) ދިމާވާ ހޯމޯންގެ މައްސަލައެއް ކަމަށްވާ "ޕޮލިސިސްޓިކް އޯވަރީ ސިންޑްރޯމް" (ޕީސީއޯއެސް)ގެ ނަން ރަސްމީކޮށް ބަދަލުކޮށްފި އެވެ.
މެޑިކަލް ސައިންސްވެރިންނާއި ބަލިމީހުންގެ ޖަމްޢިއްޔާތައް ގުޅިގެން 14 އަހަރު ވަންދެން ކުރި މަސައްކަތަށްފަހު، މަޝްހޫރު ސައިންޓިފިކް ޖާނަލް "ދަ... ލާންސެޓް"ގައި ޝާއިޢުކުރި ދިރާސާއަކާ އެކު މި ބަލީގެ އައު ނަމަކަށް މިހާރު ހަމަޖައްސާފައިވަނީ "ޕޮލީއެންޑަކްރިން މެޓަބޮލިކް އޯވޭރިއަން ސިންޑްރޯމް" (ޕީއެމްއޯއެސް) އެވެ.
ނަން ބަދަލުކުރަން ޖެހުނު ސަބަބަކީ ކޮބާ؟
މާހިރުން ވިދާޅުވާ ގޮތުގައި ކުރީގެ ނަން ކަމަށްވާ ޕީސީއޯއެސްއަކީ ބަލީގެ ޙަޤީޤަތް އޮޅޭ ފަދަ ނަމެކެވެ. "ޕޮލިސިސްޓިކް އޯވަރީ" މި ނަމުގެ ސަބަބުން ގިނަ ބަޔަކަށް ހީވެފައި އޮންނަނީ މިއީ ހަމައެކަނި އޯވަރީ (ބިސްރަވަ)ގައި ބޮޑެތި "ސިސްޓު" ތަކެއް އުފެދޭ، ނުވަތަ ހަމައެކަނި ދަރިމައިވުމުގެ ނިޒާމަށް ދިމާވާ މައްސަލައެއް ކަމަށެވެ.
ނަމަވެސް، މިއީ ކުށްހީ އެކެވެ. މި ބަލި ތަޙައްމަލުކުރާ ގިނަ އަންހެނުންގެ އޯވަރީގައި އެފަދަ ނުރައްކާތެރި ސިސްޓުތަކެއް ނުހުރެ އެވެ. އޭގެ ބަދަލުގައި ފެންނަން ހުންނަނީ ފުރިހަމައަށް ނުއުފެދޭ އާދައިގެ ބިސްތަކެކެވެ.
މި ނަމުގެ ސަބަބުން ބަލީގެ އަސްލު ނުރައްކާ ކަމަށްވާ ހަށިގަނޑުގެ ހޯމޯންތަކާއި މެޓަބޮލިޒަމަށް އަންނަ ބަދަލުތަކަށް ދެވޭ ސަމާލުކަން ކުޑަވެ އެވެ. ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ލަފާކުރާ ގޮތުގައި މި ބަލި ހުންނަ އަންހެނުންގެ ތެރެއިން %70 މީހުންނަށް ބަލި ހުންނަކަން ނޭނގި ދަނީވެސް މިފަދަ އޮޅުންބޮޅުންތަކުގެ ސަބަބުންނެވެ.
"ޕީއެމްއޯއެސް"ގެ މާނައަކީ ކޮބާ؟
- ޕޮލީއެންޑަކްރިން: ހަށިގަނޑުގެ އެކި ނިޒާމުތަކުގެ ހޯމޯންތަކަށް (ޚާއްޞަކޮށް އިންސިއުލިން އަދި ފިރިހެން ހޯމޯން އެންޑްރޯޖަން) ބޮޑެތި ބަދަލުތަކެއް އަންނަކަން ބުނެދެ އެވެ.
- މެޓަބޮލިކް: މި ބަލީގެ ސަބަބުން ބަރުދަން އިތުރުވުމާއި، އިންސިއުލިން ރެސިސްޓެންސް ދިމާވުމާއި، ޓައިޕް 2 ހަކުރުބަލި އަދި ހާޓް އެޓޭކް ފަދަ ހިތުގެ ބަލިތަކުގެ ނުރައްކާ ބޮޑުވާކަން ހާމަކޮށްދެ އެވެ.
- އޯވޭރިއަން: ބަލީގެ ސަބަބުން މައްސަރު ކަންކަމްގެ މައްސަލަ ދިމާވުމާއި ދަރިމައިވުމަށް ހުރަސްއެޅޭކަން ވެސް މި ނަމުން އަންގައިދެ އެވެ.
ބަލީގެ އެހެނިހެން އަލާމާތްތައް
ސައިންސްވެރިން ފާހަގަކުރާ ގޮތުގައި ޕީއެމްއޯއެސް އަކީ ހަމައެކަނި ޖިސްމާނީ ބައްޔެއް ނޫނެވެ. މީގެ ސަބަބުން މީހާގެ ނަފްސާނީ ދުޅަހεޔޮކަމަށްވެސް އަސަރުކުރެއެވެ. އޭގެ ތެރޭގައި:
- ކަންބޮޑުވުން އަދި މާޔޫސްވުން
- ހަންގަނޑަށް އަންނަ ބަދަލުތައް (އޮއްޓަރު ނެގުމާއި ބްލެކްހެޑްސް ގިނަވުން)
- ބޮލުގެ އިސްތަށި ފޭބުމާއި، ހަށިގަނޑުގެ ބޭނުންނުވާ ތަންތަނުގައި އިސްތަށި ގިނަވުން
- ނިދާއިރު ނޭވާލާން އުނދަގޫވުން
- އަމިއްލަ ސިފައާމެދު މާޔޫސްވުން
ބަލިމީހުންގެ ފަރުވާއަށް އަންނާނެ ބަދަލުތައް
ޑޮކްޓަރުން ބުނާގޮތުގައި ބަލީގެ ނަން ޕީއެމްއޯއެސްއަށް ބަދަލުވުމުން، ފަރުވާދޭއިރު ހަމައެކަނި ދަރިމައިވުމުގެ މައްސަލަތަކަށް ބެލުމުގެ ބަދަލުގައި މުޅި ހަށިގަނޑުގެ ސިއްހަތަށް ޑޮކްޓަރުން ސަމާލުކަން ދޭން ފަށާނެ އެވެ. މީގެ ސަބަބުން ހަކުރުބަލި ނުވަތަ ލޭގެ މިންވަރު މަތިވުން ފަދަ ކަންކަން ކުރިއާލާ ދެނެގަނެ ފަރުވާ ފެށުމަށް ފަސޭހަވާނެ އެވެ.
މީގެ އިތުރުން، އަންހެނުންގެ ސިއްހީ ދިރާސާތަކަށް ލިބޭ ފައިސާ އިތުރުވެ، އައު ބޭސްތައް ހޯދުމަށް މަގުފަހިވާނެ ކަމަށް މާހިރުން އުއްމީދު ކުރެ އެވެ. މިހާރުވެސް މި ބައްޔަށް ދެވޭ ފަރުވާގެ ތެރޭގައި ދިރިއުޅުމުގެ އާދަތައް ބަދަލުކުރުމާއި=ހޯމޯން ރެގިއުލޭޓްކުރާ ބޭސްތަކާއި، ބައެއް ވައްތަރުގެ GLP-1 ބޭސްތައް ބޭނުންކުރެ އެވެ.
ދުނިޔޭގެ ސިއްހީ އިދާރާތަކުން ބުނާގޮތުގައި ކުރިއަށް އޮތް ތިން އަހަރު ދުވަހުގެ ތެރޭގައި ހުރިހާ މެޑިކަލް ރެކޯޑްތަކާއި ފޮތްތަކުން ޕީސީއޯއެސްގެ ބަދަލުގައި ޕީއެމްއޯއެސް ބޭނުންކުރަން ފަށާނެ އެވެ.
ޝާހިލްގެ ޖަލު ހުކުމް، ހައިކޯޓުގައި އިސްތިއުނާފު ކޮށްފި
އުމުރުން ދުވަސްވާ ވަރަކަށް ހަށިގަނޑަށް ބޭނުންވާ ކާނާ ބަދަލުވޭ!
އާ "ޖޭމްސް ބޮންޑް" ހޯދުމުގެ މަސައްކަތް ފަށައިފި