ޕީއެންސީގެ ސެނެޓަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ހުށަހެޅުއްވި ހުށަހެޅުއްވުމަކަށް ސެނެޓުގެ އަގުލަބިއްޔަތުން ދެކޮޅު ހެދި ކަމަށް ބުނާ ވާހަކަތައް އެ ޕާޓީގެ އިސް ވެރިން މިއަދު ދޮގުކުރައްވައިފި އެވެ.
ނަން ނުޖެހުމަށް ޝަރުތުކޮށް ޕީއެންސީގެ ސެނެޓް މެންބަރަކު ވިދާޅުވި ގޮތުގައި ޕީއެންސީގެ ކޮންގްރެސްގެ ހުރިހާ ބާރުތަކެއް ލީޑަޝިޕަށް ދިނުމަށް ރައީސް މުއިއްޒު ސެނެޓަށް ހުށަހެޅުއްވި ހުށަހެޅުއްވުމަށް ސެނެޓުގެ އަގުލަބިއްޔަތުން ވަނީ ދެކޮޅު ހަދާފަ އެވެ. މިއީ ވެރިކަމާ ހަވާލުވެވަޑައިގަތް ފަހުން، ޕާޓީގެ އެތެރޭގެ ނިންމުމެއްގައި ރައީސަށް ނާކާމިޔާބީއާ ކުރިމަތިލާން ޖެހުނު ފުރަތަމަ ފަހަރެވެ.
އެކަމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް އަބްދުﷲ ސޯޝަލް މީޑީއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޕީއެންސީގެ ސެނެޓުން ވަކި ގޮތަކަށް ކަމެއް ނިންމަވާކަށް ރައީސް މުއިއްޒު ހުށަނާޅުއްވާ ކަމަށެވެ. އަދި އެ ޕާޓީއަކީ ޑިމޮކްރެސީގެ ރީތި އުސޫލުން ހިންގާ ޕާޓީއެއް ކަމަށް ވިދާޅުވެ، އަބްދުއްރަހީމް ވަނީ 'ފިތުނަ' އުފައްދައިގެން ބައިބައި ނުކުރެވޭނެ ކަމަށް ވިދާޅުވެފަ އެވެ. އަދި ރައީސް މުއިއްޒާއެކު ސާބިތުވެ ހުންނަވާނެކަމަށް އެ ޕާޓީގެ ޗެއާޕާސަންކަން ވެސް ކުރައްވާ އަބްދުއްރަހީމް ހާމަކުރެއްވި އެވެ.
އެކަމާ ގުޅިގެން ޕީއެންސީގެ ޑެޕިއުޓީ ޕީޖީ ލީޑަރު އަދި ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު ވެސް ވަނީ އެކަން ދޮގުކުރައްވާފަ އެވެ. އަދި ވަކި ގޮތަކަށް ކަމެއް ކުރުމަށް ޕާޓީގެ މަޝްވަރާ މަޖިލީހަށް ރައީސް ހުށަނާޅުއްވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ނަމަވެސް، އެ މަނިކުފާނު ސެނެޓަށް ހުށަހަޅުއްވާ ކޮންމެ ކަމަކަށް "ވަގުތުން" ރުހުން ދެއްވާނެކަމަށް ޝުޖާއު ވިދާޅުވި އެވެ.
ކޮންގްރެސްގެ އިންތިޒާމުތައް ހަމައެކަނި ލީޑަޝިޕުން ނިންމުމުގެ ބަދަލުގައި، ސެނެޓުން އިސްކަން ދިނީ އާންމު މެންބަރުންގެ ބައިވެރިވުން އޮންނަ ގޮތަށް ހާއްސަ ކޮމިޓީއެއް އެކުލަވާލުމަށެވެ. މި ކޮމިޓީގައި ރައީސް މުއިއްޒު އެހާ ގަޔާނުވާ ބައެއް ބޭފުޅުން ހިމެނިފައި ވާއިރު، އޭގެ ތެރޭގައި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި، ޕީޖީ ލީޑަރު އިބްރާހީމް ފަލާހުގެ އިތުރުން ބައެއް ވަޒީރުން ހިމެނިވަޑައިގަންނަވަ އެވެ.
ފާޅުކަން ބޮޑު ގޮތެއްގައި ބަސްނުބުނި ކަމުގައި ވިޔަސް، ސަރުކާރުގެ ސިޔާސަތުތަކާ މެދު ޕާޓީގެ މެންބަރުންގެ މެދުގައި ބޮޑު ހިތްހަމަނުޖެހުމެއް އުފެދިފައިވާކަން ޕާޓީގެ އެތެރޭގެ މަސްދަރުތަކުން އެނގެ އެވެ.
ރައީސް މުއިއްޒުގެ ސިޔާސީ ބާރު ކުޑަވަމުން ދާކަން އެންމެ ބޮޑަށް ހާމަވެގެން ދިޔައީ އޭޕްރީލް މަހު ބޭއްވި ރިފަރެންޑަމްގައި %70 ރައްޔިތުން އެމަނިކުފާނުގެ ހުށަހެޅުއްވުމާ ދެކޮޅަށް ވޯޓު ދިނުމުންނެވެ. މީގެ އިތުރުން ލޯކަލް ކައުންސިލް އިންތިހާބުގައި ޕީއެންސީއަށް ލިބުނު ބޮޑު ނާކާމިޔާބީއަކީ ވެސް ޕާޓީގެ އެތެރޭގެ އިތުބާރު ކުޑަވާން މެދުވެރިވި ސަބަބެކެވެ.
އިންޑިއާ ސަރުކާރަށް ރެކޯޑް އަދަދަކަށް ފައިސާ ދޫކުރަނީ
ބޭސް ނުލިބޭ މައްސަލަ ހައްލުވާނެ ކަމަށް ބުނެ އިތުރު މުއްދަތެއް
"ރައީސްގެ އިތުބާރުނެތް ކަމަށް ވޯޓު ނެގުމުގެ ފުރުސަތެއް ނުދޭނަން"