އީސް އޮފީހުގެ މުޝީރު ކަމަށް އިއްޔެ އައްޔަންކުރެއްވި ދިވެހިބަހާއި ސަގާފަތާ ބެހޭ ކުރީގެ މިނިސްޓަރު އާދަމް ނަސީރު އިބްރާހީމް އިސްތިއުފާ ދެއްވައިފި އެވެ.
ރައީސް އޮފީހުގެ އިސް ތަރުޖަމާން މުހައްމަދު ހުސެއިން ޝަރީފް މިއަދު ސޯޝަލް މީޑިއާގައި އިއުލާން ކުރެއްވި ގޮތުގައި އާދަމް ނަސީރު ވަނީ މިހާރު އެ މަގާމުން އިސްތިއުފާ ދެއްވައިފަ އެވެ. އޭނާ މަގާމުން އިސްތިއުފާދެއްވި ސަބަބު ހާމަކޮށްފައި ނުވެއެވެ.
ލޯކަލް ކައުންސިލް އިންތިހާބުގައި ސަރުކާރަށް ކުރިމަތިވި ނާކާމިޔާބީއާ ގުޅިގެން، ރައްޔިތުންގެ ވިންދާ އެއްގޮތަށް ސަރުކާރުގެ ހިންގުން ބަދަލުކުރުމަށްޓަކައި މިދިޔަ އޭޕްރިލް 14 ގައި 10 މިނިސްޓަރުން ވަނީ ކުއްލި ގޮތަކަށް މަގާމުން އިސްތިއުފާ ދެއްވާފަ އެވެ. އޭގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އާދަމް ނަސީރު، ރައީސް އޮފީހުގެ މުޝީރުކަމުގެ އާ މަގާމަށް އިއްޔެ އައްޔަންކުރައްވާފައިވާއިރު، އޭނާ އެ މަގާމަށް ހަމަޖެއްސެވީ ކޮން ފެންވަރެއްގައި ރައީސް އޮފީހުން ހާމައެއް ނުކުރެ އެވެ.
އޭޕްރިލް މަހު އިސްތިއުފާ ދެއްވި ބައެއް އެހެން މިނިސްޓަރުންނަށް ވެސް މިހާރު ވަނީ ދައުލަތުގެ މުހިންމު އެހެން ދާއިރާތަކުން އިސް މަގާމުތަކެއް ހަމަޖައްސަވާފަ އެވެ. އެގޮތުން ކުރީގެ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމް މިނިސްޓަރު ފެންވަރުގައި އަލުން ރައީސް އޮފީހުގެ ހާއްސަ މަގާމަކަށް ވަނީ އައްޔަންކުރައްވާފަ އެވެ. އަދި ކުރީގެ ލޯކަލް ގަވަމަންޓް މިނިސްޓަރު އާދަމް ޝަރީފް ވަނީ ގަތަރަށް ކަނޑައަޅުއްވާ ސަފީރެއްގެ ގޮތުގައި އަދި ކުރީގެ އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގު އިބްރާހީމް ވަނީ ޔޫއޭއީގެ ސަފީރުކަމުގެ މަގާމަށް އައްޔަންކުރެއްވުމަށް ވަނީ ނިންމާފަ އެވެ.
ސިކުނޑީގެ ޓިއުމަރެއްގެ ފުރަތަމަ އަލާމާތްތައް!
ޑުއާ ލިޕާގެ އަގުބޮޑު ކައިވެންޏާއެކު ސިސިލީގައި ބޮޑު މުޒާހަރާއެއް!
ހަ އަހަރަށްފަހު އެރިއާނާގެ ފުރަތަމަ ކޮންސެޓް ޓުއާ ފަށައިފި