ދިވެހިންގެ ދިރިއުޅުމާއި އާދަކަދަޔާ މެދު ވަރަށް ފުރިހަމަ ލިޔުމެއް ލިޔުއްވި ފަރަންސޭސި ލިޔުންތެރިޔާ ޕިރާޑު ލިޔުއްވާފައިވެ އެވެ.

އެ ރާއްޖޭގެ ވެރިން އަބަދުވެސް ތިއްބަވަނީ އެ ބޭފުޅުންނާ ދެކޮޅަށް ރޭވިގެން އަތުވެދާނެ ހަމަލާއަކަށް ފަރުވާ ވެގެންނެވެ. އެހެން ތިއްބަވަނިކޮށް އެފަދަ ހަމަލާއެއްގެ ޚަބަރު ލިބިވަޑައިގެންފިނަމަ ދުރާލާ އެ ބަޔަކުގެ ކަންތައް ނިންމަވައި ލައްވާނެ އެވެ. އެހެން ނަހައްދަވައިފި ނަމަ އެފަދަ ނޭއްގާނީ ހަމަލާއެއްގައި ރަސްގެފާނު އަވަހާރަވުން އޮންނާނީ ދާދި ގާތުގަ އެވެ. އެފަދަ ހަމަލާއެއް ކާމިޔާބު ވެއްޖެނަމަ އެ ބަޔަކަށް ރަސްކަން ލިބުމުގެ ފުރުސަތު ބޮޑެވެ.

ޕިރާޑު ރާއްޖޭގައި އުޅުއްވީ އުތީމު މުހައްމަދު ތަކުރުފާނުގެ ދަރިކަލުން ސުލްތާނު އިބްރާހިމް ކަލާފާނުގެ ވެރިކަމުގަ އެވެ. އެ ދުވަސްވަރު ވެސް ރަސްގެފާނު އަވަހާރަކޮށްލުމަށް ކިތަންމެ ހަމަލާއެއް ރޭވި ކަމަށްވެ އެވެ. މީގެ ތެރެއިން އެއް ހަމަލާއިން ސަލާމަތްވެ ވަޑައިގެންނެވުމަށް ކ. ގުރައިދުއަށް ފިއްލަވައިގެން ވަޑައިގަންނަވަން ވެސް ރަސްގެފާނަށް ޖެހިވަޑައިގެންނެވި އެވެ.

ޕިރާޑު ރާއްޖެއިން ދިޔަތާ 400 އަހަރަށް ވުރެ ގިނަ ދުވަސް ވެއްޖެ އެވެ. ރާއްޖެ މިއަދު މިވަނީ ދުނިޔޭގެ އެންމެ ކުރި އަރާފައިވާ ގައުމުތަކުގައި އޮންނަ ފަދަ ތިން ބާރު ވަކިވެފައިވާ ޒަމާނީ ޑިމޮކްރަސީ އެއް ބަލައިގެންފަ އެވެ. ގިނަ ޕާޓީތަކެއްގެ މައްޗަށް އެކުލެވޭ ސިޔާސީ ނިޒާމެއް ރާއްޖޭގައި ދަނީ ހިނގަމުންނެވެ. ވެރިކަމުގެ ނިޒާމަށް އައި ބަދަލާއި ގައުމަށް އަންނަމުންދާ ތަރައްގީއާއެކުގައި ވެސް ދައުލަތުގެ ވެރިންނަށް ހަމަލާ ދިނުމުގެ ފޯރިއަށް ހުއްޓުމެއް އައި ކަމަކަށް ބުނެވޭކަށް ނެތެވެ. އޭގެ ބަދަލުގައި ޒަމާނީ ވަސީލަތްތަކުގެ ބޭނުން ކޮށްގެން މޮޅަށް ރާވައިގެން ހިންގާ މިފަދަ އަމަލު އިތުރުވަމުން އަންނަ ކަމަށް ބުނެވިދާނެ އެވެ.

މިދިޔަ ބުރާސްފަތި ދުވަހުގެރޭ ރައްޔިތުންގެ މަޖިލީހުސް ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުވި ބޮމުގެ ހަމަލައަކީ އެމަނިކުފާނު އަވަހާރަ ކޮށްލަންދިން ހަމަލާ އެއްކަމާ މެދު ދެބަސް ވެވޭކަށް ނެތެވެ. ކުރީގެ ރައީސް ނަޝީދަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުރުން ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ރައީސް ވެސް މެ އެވެ. އަންނަ އަހަރު ފެބްރުއަރީގައި ރާއްޖޭގެ ބޮޑުވަޒީރަކަށް ވެވަޑައިގެންނެވުމުގެ އުންމީދުގައި ހުންނެވި ނަޝީދު، މިވަގުތު ގެންދަވަނީ އެމަނިކުފާނު ރައީސްކަން ކުރައްވާ ޕާޓީގެ އެތެރޭގެ އިންތިޚާބަކަށް ތައްޔާރު ވެވަޑައިގަންނަވަމުންނެވެ. އެހެންކަމުން ރައީސް ނަޝީދަކީ މިވަގުތު ރާއްޖެގައި ހުރި ސިޔާސީ އެންމެ ބަރުދަން ބޮޑު އެއް ފަރާތް ކަމަށް ބުނެވިދާނެ އެވެ. އެހެންކަމުން އެމަނިކުފާނުގެ ސަލާމަތީ ކަންތައް ވެސް ހުންނަންވާނީ ގައުމުގެ ނިސްބަތުން އެންމެ މަތީ ދަރަޖައިގައި ކަމަށް ގަބޫލު ކުރަން ޖެހެ އެވެ. އެފަދަ ބޭފުޅަކަށް އެފަދަ ނުރައްކާތެރި ހަމަލައެއް އަމާޒުވުމުން އެނގިގެންދަނީ ކުށްކުރާ މީހުނާއި ޓެރަރިސްޓުން ރާއްޖޭގައި ކުރި އަރާފައިވާ މިންވަރެވެ.

ރައީސް ނަޝީދަށް ބޮމުގެ ހަމަލާ އެއް މި އަމާޒުމިވީ މީގެ އަހަރުތަކެއް ކުރިން، ކުރީގެ ރައީސުލްޖުމުހޫރިއްޔާ އަބްދުﷲ ޔާމީން ހައްޖުން ވަޑައިގެންނެވި ދުވަހު އެމަނިކުފާނަށް އަމާޒުކޮށް ބޮމުގެ ހަމަލާއެއް ދިން ހަނދާން ފަނޑުވެގެން ނުދަނީހެވެ. ރައީސް ޔާމީނު ދަތުރު ކުރެއްވި "އަރުމާޒު" ލޯންޗްކޮޅުގައި މާލޭގެ އެއް ނަމްބަރު ފާލަމާ ކައިރިކުރަނިކޮށް ގޮއްވާލި ބޮމުން ހަނި ގޮތަކުން ސަލާމަތްވެ ވަޑައިގެންނެވި ކަމަށް ވިޔަސް އެމަނިކުފާނުގެ އަނބި ކަނބަލުންނަށް ބޮޑެތި އަނިޔާތަކެއް ލިބިގެން ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދޭން ޖެހުނެވެ.

ރައީސް ޔާމީނަށް ދިން ބޮމުގެ ހަމަލާ އަށްފަހު ފަސް އެނބުރި ބަލައިލާ އިރު މާދުރު ނޫން މާޒީއެއްގައި ފެންނަން އޮތީ ރާއްޖޭގައި 30 އަހަރު ވެރިކަން ކުރެއްވި ރައީސް މައުމޫން އަބްދުލްގައްޔޫމަށް އަމާޒުކޮށްގެން 2008 ވަނަ އަހަރު ހއ. ހޯރަފުށީގައި ދިން ހަމަލާއެކެވެ. ކެމްޕޭން ދަތުރެއްގައި އެމަނިކުފާނު އުޅުއްވަނިކޮށް އެމަނިކުފާނަށް ވަޅިއަކުން ހަމަލާ ދިނީ ރޯމާ ދުވާލު އެތައް ބައެއްގެ ކުރިމަތީގަ އެވެ. މިހަމަލާއިން މައުމޫނުގެ ފުރާނަފުޅު ސަލާމަތްވީ އެވަގުތު އެތާގައި ހުރި ކުއްޖަކު ބިރެއްނެތި އެ ދެމެދަށް ވަދެގެންނެވެ.

ރައީސް މައުމޫނުގެ ކުރިން ރާއްޖޭގެ ވެރިކަމުގައި ހުންނެވި އިބްރާހިމް ނާސިރު އަވަހާރަ ކޮށްލަން ވެސް މާލޭގައި ރޭވުންތަކެއް ރާވައި ފިސްތޯލަ އެތެރެކުރި ކަމަށްވެ އެވެ. މިކަން ވެސް ވަކި ހިސާބަކުން ފަޅާއަރައި ކުށްވެރިންނަށް ވަނީ އަދަބުދީފަ އެވެ.

ރާއްޖޭގެ ފުރަތަމަ ޖުމުހޫރިއްޔާގެ ފުރަތަމަ ރައީސް މުހަންމަދު އަމީނަށް އަމާޒުވި ހަމަލާ އަކީ ފާޅުކަން ބޮޑު ގޮތެއްގައި އެންމެނަށް އެނގެން އޮންނަ ވާހަކައެކެވެ. އެމަނިކުފާނު މި ދުނިޔެއާ ވަކިވެ ވަޑައިގަންނަވަން ޖެހިވަޑައިގަތީ މާލޭގެ ރައްޔިތުންގެ ތެރެއިން ބަޔަކު ނިކުމެ ދިން އުދުވާނީ ހަމަލާގައި، ލިބިވަޑައިގެންނެވި އަނިޔާގަ އެވެ.

ރާއްޖޭގައި ދެ ފަހަރެއްގެ މަތީން އުފެދި ހިނގަމުން އަންނަ ވެރިކަމާ ހަވާލު ވެ ވަޑައިގެންނެވި ރައީސުންގެ ގެތެރެއިން ކުޑަ ދުވަސްކޮޅަކު ވެރިކަން ކުރެއްވި ޑރ. މުހައްމަދު ވަހީދާއި މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހު ފިޔަވައި ހުރިހާ ރައީސުންނަށް ވެސް މިވަނީ މަރުގެ ހަމަލާތަކެއް އަމާޒުވެފަ އެވެ. މި ކަން މިކަން މިހެން ވާންޖެހެނީ ކީއްވެގެން ކަން ކަނޑައެޅިގެން އެނގޭކަށް ނެތެވެ.

ރައީސް އަމީނަށް ދެވުނު އަނިޔާވެރި ހަމަލާ އާއި އެކަން ހިނގައިދިޔަ ގޮތާމެދު، ރާއްޖޭގެ ސިޔާސީ ދާއިރާގެ އެންމެ އިސް ސަފުގައި މުޅި އުމުރު ހަރަކާތްތެރިވެ ވަޑައިގެންނެވި މަރުހޫމު އިބްރާހިމް ޝީހާބު ލިޔުއްވަނީ އެކަން އެހެން ވާންޖެހުނު މައިގަނޑު ސަބަބަކީ "މުޅި އުއްމަތަކީ، މުޅި ގައުމަކީ އޭނާ ކަމުގައި ރައީސް އަމީން ދެކެވަޑައިގަތުމެވެ."

ވެރިންނަށް ދެވޭ ހަމަލާ ތަކުގެ ފަހަތުގައި ވަނީ ކޮން ސަބަބެއްކަން ސާފުކޮށް ނޭނގުނު ކަމުގައި ވިޔަސް އެނގޭ ހަގީގަތަކީ ރާއްޖޭގައި ފުރަމާނަ ރަސްކަމެއް އޮތްއިރު ވެސް އެންމެ ތަހުޒީބު ޒަމާނީ ޑިމޮކްރަސީއެއް ހިނގަމުން ދާއިރު ވެސް ވެރިން އަވަހާރަކޮށްލަން ރޭވިގެން ދެވޭ ހަމަލާގެ ދިގު ދެމިގެންދާ ސަގާފަތަށް ބަދަލެއް ނާންނަ ކަމެވެ.