ކްރިޕްޓޯކަރަންސީގެ ވިޔަފާރިތަކުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ނިމިދިޔަ 2025 ވަނަ އަހަރު 1.4 ބިލިއަން ޑޮލަރަށްވުރެ ބޮޑު އާމްދަނީއެއް ލިބިވަޑައިގެންފައިވާކަން މާލީ ބަޔާނުން ހާމަވެއްޖެ އެވެ.
އެމެރިކާގެ އޮފީސް އޮފް ގަވަރްންމަންޓް އެތިކްސްއިން އާންމުކުރި 927 ސަފުހާގެ މާލީ ބަޔާނުގައިވާ ގޮތުން، ޓްރަމްޕްގެ އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޑިޖިޓަލް ފައިސާ ނުވަތަ ކްރިޕްޓޯ ވިޔަފާރިތަކުންނެވެ. މިއީ ރިއަލް އެސްޓޭޓް އަދި ގޯލްފް ރިސޯޓްތަކުން ލިބުނު އާމްދަނީއަށްވުރެ ވެސް އިތުރު އަދަދެކެވެ.
ޓްރަމްޕްގެ ކްރިޕްޓޯ އާމްދަނީ ބެހިގެންވަނީ މައިގަނޑު ތިން ދާއިރާއަކަށެވެ. އެއީ:
- ވޯލްޑް ލިބަޓީ ފައިނޭންޝަލް: ޓްރަމްޕްއާއި ދަރިކަލުން ގުޅިގެން އުފައްދާފައިވާ މި ކްރިޕްޓޯ ކުންފުނީގެ ޓޯކަން ސޭލްސް އަދި ހިއްސާ ވިއްކައިގެން ގާތްގަނޑަކަށް 800 މިލިއަން ޑޮލަރު ލިބިވަޑައިގެންފައިވެ އެވެ. މީގެ ތެރޭގައި ހަމައެކަނި ޓޯކަން ވިއްކައިގެން ލިބުނު 525 މިލިއަން ޑޮލަރު ހިމެނެ އެވެ.
- ޓްރަމްޕް މީމް ކޮއިން: 'ސެލެބްރޭޝަން ކޮއިންސް' އާއެކު ވެފައިވާ ލައިސަންސް އެއްބަސްވުމެއްގެ ދަށުން ރޯޔަލްޓީގެ ގޮތުގައި 635 މިލިއަން ޑޮލަރު ލިބިވަޑައިގެންފައިވެ އެވެ.
- ސްޓޭބަލްކޮއިން ހޯލްޑްކޯ: މި ކުންފުނީގެ އިކުއިޓީ ނުވަތަ ހިއްސާ ވިއްކައިގެން 196 މިލިއަން ޑޮލަރު ލިބިވަޑައިގެންފައިވެއެވެ.
ޓްރަމްޕް 2025 ވަނަ އަހަރު ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު، އެމެރިކާއަކީ "ދުނިޔޭގެ ކްރިޕްޓޯ ވެރިރަށް" ކަމަށް ހެއްދެވުމަށް ގިނަ ސިޔާސަތުތަކެއް ވަނީ ކަނޑައަޅުއްވާފަ އެވެ. މީގެ ތެރޭގައި ކްރިޕްޓޯ ދާއިރާއަށް ފަހިވާނެ ގާނޫނުތައް ހެދުމާއި، އެސްއީސީ ފަދަ އިދާރާތަކުން މި ސިނާއަތަށް ކުރާ ފާރަވެރިކަން ކުޑަކުރުން ހިމެނެ އެވެ.
މި ސިޔާސަތުތަކުގެ ސަބަބުން ކްރިޕްޓޯގެ އަގުތައް އުފުލި، ޓްރަމްޕްގެ އަމިއްލަ ވިޔަފާރިއަށް ބޮޑު ފައިދާއެއް ލިބުމުން، އިދިކޮޅު ފަރާތްތަކުން ދަނީ "މަސްލަހަތު ފުށުއެރުމުގެ" ކަންބޮޑުވުން ފާޅުކުރަމުންނެވެ. ނަމަވެސް އެމެރިކާގެ ގާނޫނުތައް ބުނާގޮތުން ރައީސާއި ނައިބު ރައީސް މިފަދަ އެތިކްސް ގާނޫނުތަކުން އިސްތިސްނާވެ އެވެ.
ވައިޓް ހައުސްގެ ތަރުޖަމާނު އަނާ ކެލީ ވިދާޅުވި ގޮތުގައި، ޓްރަމްޕްގެ ސިޔާސަތުތަކަކީ އެމެރިކާގެ އިގްތިސާދާއި އީޖާދީ ވިސްނުން ކުރިއެރުވުމަށް އަޅުއްވާ ފިޔަވަޅުތަކެކެވެ. އަދި ރައީސް ނުވަތަ އެމަނިކުފާނުގެ އާއިލާއިން ދުވަހަކުވެސް މަސްލަހަތު ފުށުއަރާ ފަދަ ކަމެއް ކުރައްވާފައިނުވާނެ ކަމަށް ވައިޓް ހައުސްއިން ބުނެ އެވެ.
މި ބަޔާނުގައިވާ ގޮތުން 2025 ވަނަ އަހަރު ޓްރަމްޕްގެ ޖުމްލަ އާމްދަނީ 2.2 ބިލިއަން ޑޮލަރަށް އަރައެވެ. ކްރިޕްޓޯގެ އިތުރުން ލިބުނު މުހިންމު އާމްދަނީތަކަކީ:
- ގޯލްފް އަދި ރިސޯޓް: ޓްރަމްޕް ނޭޝަނަލް ޑޯރަލްއިން 121 މިލިއަން ޑޮލަރު އަދި މާރް-އަ-ލާގޯ ރިސޯޓުން 77 މިލިއަން ޑޮލަރު.
- މީޑިއާ ކުންފުނިތަކާ ދެކޮޅަށް ކުރި ދައުވާތަކުގެ ސުލްހައިގެ އެއްބަސްވުންތަކުން 86.5 މިލިއަން ޑޮލަރު.
ޓްރަމްޕްގެ ވިޔަފާރިތައް މިހާރު ބަލަހައްޓަމުން ދަނީ ދަރިކަލުން ކަމަށްވާ ޑޮނަލްޑް ޓްރަމްޕް ޖޫނިއާ އަދި އެރިކް ޓްރަމްޕް އެވެ.
އާރަށް މައްސަލާގައި ރައީސް ޔާމީނަށް ބޮޑު ކާމިޔާބީއެއް
ޑިޖިޓަލް ފައިނޭންސް އެންޑް އިނޮވޭޝަން އެވޯޑު ބީއެމްއެލްއަށް