ބަރަކާތްތެރި ރޯދަ މަސް ނިމުމަކަށް އަންނަނީ އެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ މުސްލިމުން މަސް ދުވަހުގެ ރޯދަ ހިފުމަށް ފަހު ފިތުރު އީދު ފާހަގަ ކުރުމަށް ތައްޔާރުވަނީ އެވެ.

ދުނިޔޭގެ އެކި ހިސާބުގައި އިސްލާމީ ކަލަންޑަރު އޮންނަނީ އަބަދު ވެސް ތަފާތު ކޮށެވެ. ސަބަބަކީ އިސްލާމީ ކަލަންޑަރުގައި މަސް ފެށުން އޮންނަނީ ހުޅެވި ހަނދު ފެނުމުން ކަމުގައި ވެފައި އެކި ހިސާބަށް ހުޅެވި ހަނދު ފެންނަ ވަގުތު ތަފާތުވުމެވެ. އެހެން ކަމުން ރޯދަ ހިފަން ފެށުމާއި އީދު ދުވަސް ފަދަ ދުވަސްތައް އެކި ގައުމު ތަކުގައި ތަފާތު ދުވަސްދުވަހު ފާހަގަ ކުރެ އެވެ.

މިއަހަރުގެ ރޯދަ މަސް ނިމުމަކަށް އަންނަ އިރު މިއަދަކީ ސައޫދީ އަރަބިޔާއަށް ރޯދަމަހުގެ 29 ވަނަ ދުވަހެވެ. އެހެންކަމުން ސައޫދީގެ ކަމާ ބެހޭ ފަރާތްތަކުން އެ ގައުމުގެ ރައްޔިތުންނަށް ވަނީ މިއަދު ހަނދު ބެލުމަށް ނުކުތުމަށް އަންގައިފަ އެވެ. އެކަމަކު ފަލަކީ ހިސާބު ދައްކާ ގޮތުން ދުނިޔޭގެ އެއްވެސް ހިސާބަކަށް މިއަދު ހަނދު ފެނުމުގެ ފުރުސަތެއް ނޯންނާނެ އެވެ. އެހެން ކަމުން އެއްވެސް ގައުމަކަށް މާދަމާ އީދު ދުވަހަށް ވުމަކީ ނާދިރު ކަމެކެވެ.

ފަލަކީ ހިސާބުން ދައްކާ ގޮތުން މިމަހުގެ 12 ވާ ބުދަ ދުވަހުގެ ރޭ ހަނދު ފެނުމުގެ ފުރުސަތު އޮންނާނީ ހުޅަނގު އެފްރިކާ އާއި މެދު އިރުމަތީގެ ބައެއް ގައުމުތަކަށާއި އެމެރިކާ އަށެވެ.

ރާއްޖެއަށް ރޯދަމަހުގެ 29 ދުވަހަކީ މިއަދު ކަމަށްވުމުން މިރޭ އީދަށް ހަނދު ބަލަން ޖެހެ އެވެ. ނަމަވެސް ދުނިޔޭގެ އެއްވެސް ގައުމަކަށް މިއަދު ހަނދު ފެނުމުގެ ފުރުސަތު ނެތުމުން ބުދަ ދުވަސް އީދު ދުވަހަކަށް ނުވާނެ އެވެ.

އެހެންކަމުން ރާއްޖެއަށް މިއަހަރުގެ ފިތުރު އީދު ދުވަހަށް ވާނެ ކަމަށް ލަފާ ކުރެވެނީ 30 ރޯދަ ހަމަކުރުމަށްފަހު މިމަހުގެ 13 ވާ ބުރާސްފަތި ދުވަހެވެ.