މިއަދަކީ އަޅުގަނޑުމެން ފާހަރަކުރާ ފިތުރު އީދު ދުވެހެވެ. މިއަދުގެ މެންދުރު ނާސްތާގެ ސުފުރާ އެންމެ ފުރިހަމަ ކުރުމަކީ އަހަރުމެން ވަރަށް އެދޭ ކަމެކެވެ. އެހެންކަމުން ހުރިހާގެ އެންމެހާ ކިޔުންތެރިންނަށް މި ގެނެސްދެނީ މިއަދުގެ އީދު ސުފުރާގައި ހިމަނާލެވިދާނެ ރަހަމީރު ކެއުންތަކެކެވެ.

އެގޮތުން އެންމެ ފުރަތަމަ މިގެނެސްދެނީ މައި ކެއުމެއްގެ ގޮތުގައި ހަދާލެވިދާނެ ބަތުގެ ބާވަތެކެވެ.

ބޭނުންވާ ތަކެތި

ބަތަށް:

  • ½ 1 ޖޯޑު ބާސްމަތީ ހަނޑޫ
  • 2 ޖޯޑު ކާށިކިރު
  • 1 ލޮނުމެދު (ޗިސްކޮށްފައި)
  • 1 ސައި ސަމުސާ ލޮނު
  • 1 ޖޯޑު ފެން
  • 1 ޖޯޑު ރަތް ކެބެޖު (ގާނާފައި)
  • 1 ޖޯޑު ކެރެޓު (ގާނާފައި)
  • 1 ފިޔާ (ކުދިކޮށް ކޮށާފައި)
  • 1 ޖޯޑު ސްޕްރިންގް އޮނިއަން (ކުދިކޮށް ކޮށާފައި)
  • 1 ޖޯޑު ކެޝޫ ނަޓް (މެދުން ފަޅާފައި)

ތައި ޕީނަޓް ސޯސް އަށް

  • ½ ޖޯޑު ކްރީމީ ޕީނަޓް ބަޓާ
  • ¼ ޖޯޑު ކާށިކިރު
  • ½ 1 މޭޒުމަތީ ސަމުސާ ސޯއި ސޯސް
  • ½ 1 މޭޒުމަތީ ސަމުސާ ބްރައުން ޝުގާ
  • ½ 1 މޭޒުމަތީ ސަމުސާ ލުނބޯ ހުތް
  • 1 މޭޒުމަތީ ސަމުސާ ލޮނުމެދު (ޗިސްކޮށްފައި)
  • 1 މޭޒުމަތީ ސަމުސާ ރެޑް ކަރީ ޕޭސްޓް

ހަދާނެ ގޮތް

  1. ބަތަށް ބޭނުންވާ ރަތް ކެބެޖު، ކެރެޓް، ފިޔާ، ސްޕްރިންގް އޮނިއަން، ކެޝޫނަޓް، ހަނޑޫ، ކާށިކިރު، ލޮނުމެދު، ލޮނު އަދި ފެން ތެއްޔަކަށް އެޅުމަށްފަހު އެއްކޮށްލާށެވެ. އަދި އުނދުން މައްޗަށް އުދާފައި ބޮކި ޖަހަންދެން ކައްކާށެވެ. އަދި އެއަށްފަހު ގިނި މަޑުކޮށް ދިޔަވަރު ރަނގަޅަށް ހިންދާލާށެވެ. ދިޔަވަރު ރަނގަޅަށް ހިނދުމުން އުނދުންމަތިން ބާލާ އެއްފަރާތް ކުރާށެވެ.
  2. ތައި ސޯސް އަށް ބޭނުންވާ ހުރިހާ އެއްޗެއް މިކްސްޗަރުގައި ރަނގަޅަށް ފުނޑާލާށެވެ. މާ ހިކިނަމަ އިތުރު ކާށި ކިރުކޮޅެއް އެޅިދާނެއެވެ.
  3. ފުނޑި ސޯސްގަނޑު ބަތްތެއްޔަށް އެޅުމަށްފަހު ރަނގަޅަށް އެއްކޮށްލާށެވެ. އަދި އިތުރު 1 މިނެޓު މަޑު ގިނީގައި ހޫނު ކޮށްލާށެވެ.

މިއީ މިއަދުގެ ސުފުރާއަށް ތައްޔާރު ކޮށްލަން ރަނގަޅު ބަތްގަނޑެކެވެ. އާއިލާގެ އެންމެންނަށްވެސް ކަމުދާނެ އެވެ. މި ޑިޝް އިން އީދުގެ ސުފުރާ ފުރިހަމަވާނެ އެވެ.