އީދުގައި އާއްމުކޮށް ރަށްރަށު ފޯރިއާއެކު ކުޅެނީ ކޯޑި ކަނޑިކެނޑުމެވެ. މިނޫން ވެސް ތަފާތު އެކިކުޅިވަރުތައް އެކި ރަށްރަށުގައި ކުޅެ އެވެ.
އެކަމަކު މިއީ އީދުގައި ކުޅޭ މުޅިން ތަފާތު ކުޅިވަރެކެވެ. މެދު ރާއްޖެތެރޭގެ މަދު ރަށްތަކަކުން ނޫނީ ނުފެންނަ ސަގާފީ ކުޅިވަރެކެވެ. އީދުގެ ބޮޑު ނަގިލި ނެގުމަށެވެ. ނަގިލި ނެގުމަކީ ރާއްޖޭގެ ބައެއް ރަށްރަށުގައި ކުޅޭ ކުޅިވަރެއް ނަމަވެސް މ. މުލީގައި މި ކުޅިވަރު ކުޅެމުންދާ ގޮތް ވަރަށް ތަފާތެވެ.
މ. މުލީގައި ނަގިލިނެގުން އެއީ ޒަމާނުއްސުރެ ކުރަމުން އަންނަ ކަމެކެވެ. އީދާއި ގައުމީ މުނާސަބަތުތަކުގައި ވެސް އެ ރަށުގައި އާއްމުކޮށް ކޮށް އުޅުނު ކަމެކެވެ. އެއްއިރެއްގައި އެ އަތޮޅު ރަތްމަންދޫގައި މި ކުޅިވަރު ކުޅެ އުޅުނު ކަމުގައި ވިޔަސް މިއަދާ އަމައަށް އެ އަތޮޅުގައި މި ސަގާފަތް ދެމިއޮތީ ހަމައެކަނި މުލީގަ އެވެ.
"އަހަރެމެން ކުޑައިރުވެސް ހަނދާންވޭ މިކަމެއް އޮންނަކަން. ކުޑައިރު ބައްޕަ އާއެކު އެކަމުގައި ބައިވެރި ވެސް ވެފައި ހުންނާނެ،" މުލީގެ ނަގިލި ނެގުމުގައި އިސްކޮށް ހަރަކާތްތެރިވާ ފަރާތެއް ކަމުގައިވާ މުޙައްމަދު ސައީދު "ހުރިހާ" އަށް ބުންޏެވެ.
ސައީދު ބުނީ ނަގިލި ނެގުމަކީ އީދަށް ހާއްސަ ކުޅިވަރެއް ކަމުގައި ނުވިޔަސް މިހާރު ރަށުގައި އެ ކުޅިވަރު އާއްމުކޮށް އޮންނަނީ އީދާ ގުޅުވައިގެން ކަމަށެވެ.
"ވާގޮތަކީ ބޭރުން އަންނަ ބޮޑު ބޯޓެއް ރަށަށް ބަނދަރު ކުރަނީ. ދެން އެ ބޯޓު ފުރަންވީމާ ފަޅުވެރިން ބޯޓުގެ ނަގިލި ނަގަން ކުރާ މަސައްކަތް މީގެން ފެނިގެން ދާނީ،" ސައީދު ބުންޏެވެ.
ނަގިލި ނެގުން ފެށޭއިރު ނަގިއްޔެއްގެ ގޮތުގައި ވަލެއްގެ އެއްކޮޅު އެއްގަމުގައި ހުންނަ ގަހެއްގައި ނުވަތަ ރުކެއްގައި އައްސާފައި ހުރެ އެވެ. ދެން ސަފެއްގައި 12 މީހުން ހިމެނޭ ގޮތަށް ދެ ސަފު އަންބާ އާއި ލަވަކިޔަމުން ވާ މޮހާލެވޭތޯ މަސައްކަތް ކުރެ އެވެ. އިސްކޮށް ހުންނަ ކައްޕިތާނާއި ސަރަނގުގެ އިރުޝާދާއި މަޝްވަރާގެ މަތިން ފަޅުވެރިން "ނަގިލި ނެގޭތޯ" އުޅެ އެވެ.
"އެހެންގޮސް ހަތަރު ވަރަކަށް އަންބާ ކިޔާ ނިމޭއިރު ނަގިލި އޮންނާނީ ނެގިފައި. މާނައަކީ އެއްކަލަ ވާ އޮންނާނީ ގަހުން ނުވަތަ ރުކުން މޮހާލެވިފައޭ،" ސައީދު ވިދާޅުވިއެވެ.
ނަގިލި ނެގުމުގެ ތެރެއިން ތަފާތު ގިނަ ހަރަކާތްތަކެއް ފެނިގެންދެ އެވެ. ނެށުމާއި ލަވަކިޔުމެވެ. ބޮޑުބެރުގެ ހުނަރުވެރިކަމާއި ހެވިކަމެވެ. ފަޅުވެރިކަމުގެ އުކުޅުތަކާއި ވައްޓަފާޅި ތަކެވެ. ހުދު ގަމީހާއި ކަޅު ފަޓުލޫނުގައި ފަޅުވެރިން ތިބޭއިރު ކައްޕިތާނާއި ސަރަނގު ފެނިގެން ދާނީ މުޅިން ތަފާތު ކޮށެވެ.
މުލީގައި ނަގިލި ނަގާއިރު ބޮޑުބެރު ޖެހުމުގައި އިސްކޮށް ހަރަކާތްތެރިވާ އަބްދުﷲ ސައީދު "ހުރިހާ"އަށް ބުނިގޮތުގައި މި ކުޅިވަރުގެ ތެރެއިން ހަތަރު ލަވައެއް ކިޔޭއިރު އެއީ އިހުޒަމާނުގައި ކިޔާ އުޅުނު އަންބާ އާއި ދާދި އެއްގޮތް ލަވަތަކެކެވެ.
އިސް ރައްވެހިންނާއި ޒުވާނުން ވެސް ބައިވެރިވެގެން މުލީގައި ކުރިއަށްދާ މި ކުޅިވަރުން ވެސް އެނގިގެން ދަނީ އިހު ދިވެހިންގެ އަމިއްލަ ވަންތަކަމެވެ. މުލީ ރައްޔިތުންގެ ހުނަރުވެރި ކަމެވެ. މުޖުތަމައުގެ އެންމެން ވެސް ރަށުގެ ސަގާފަތް ދިރުވުމަށް ކުރާ މަސައްކަތެވެ.
ރަށުގައި ނަގިލި ނެގުން އޮންނަ ކޮންމެ ފަހަރަކު ވެސް ކުޅިބެލުމަށް ހަރަކާތް އޮންނަ ތަނަކަށް އެއްވެ އެވެ. ނަގިލި ނަގާ ފަޅުވެރިންނަށް ދޭ ތަރުހީބުގެ އަޑުން ހިސާބުގަނޑު ގުގުމާލަ އެވެ.
މި ކުޅިވަރު ވެފައިވަނީ އެ ރަށަށް ޒިޔާރަތްކުރާ މެހުމާނުންނަށް ވެސް އާ ކަމަކަށެވެ. ގައުމީ ފެންވަރެއްގައި މުލީ މީހުންގެ ނަގިލި ނެގުން ފެނިގެން ދިޔައީ ދިވެހި ބަހުގެ އެކަޑަމީ އިން އިންތިޒާމް ކޮށްގެން 2017 ވަނަ އަހަރު އެ ރަށުގައި ބޭއްވި އަދަބީ އީދުގެ ތެރެއިންނެވެ.
ނަގިލި ނެގުމުގެ އިތުރުން މުއްޔަކީ ސަގާފީ އެހެން ކުޅިވަރުތަކުގައި ވެސް ނަންކިޔާ ރަށެކެވެ. އެގޮތުން އެރަށަކީ ލަނގިރި ޖެހުމުގެ ކުޅިވަރުގެ ތެރެއިން ކުރު ދަނޑި އާއި ދިގުދަނޑި ޖެހުން އަދި މާފަތި އެނބުރުމުގެ ކުޅި އެންމެ އިހުގައި ކޮށްއުޅުނު ގޮތަށް މިހާރު ވެސް ކޮށްއުޅޭ ރަށެއްގެ ގޮތުގައި ފާހަގަކުރެވޭ ރަށެކެވެ.
ކޮންމެއަކަސް ނަގިލި ނެގުން ވެފައި ވަނީ މުލީ ރައްޔިތުންގެ އަމިއްލަ ވަންތަކަމުގެ ރަމްޒަކަށެވެ. އެކަމަށް އެރަށުގެ ކުދިބޮޑު އެންމެން ވެސް ފަޚުރުވެރިވާ މުލީގެ ކުޅިވަރަކަށެވެ.
މ. މުލިން ފެންނަ އެ މަންޒަރު ތަކަކީ އުފާވެރި މަންޒަރު ތަކެކެވެ. ނެތެމުން ދާ އަހަރެމެންގެ ސަގާފަތް ތައް ދިރުވަން މަސައްކަތް ކުރުމަކީ ރަށުފެންވަރުގަ އާއި ފަރުދީ ފެންވަރުގައި ވެސް އަހަރެމެން ކުރިން ޖެހިފައި އޮތް ވަރަށް މުހިންމު ކަމެކެވެ.