މާލޭ ސިޓީ ކައުންސިލުން މި އަހަރު ބޭއްވި ރައްޔިތުންގެ ދެ ބައްދަލުވުމަށް 1.15 މިލިއަން ރުފިޔާ ހަރަދުކޮށްފައި ވާއިރު، ރައީސް މުހައްމަދު މުއިއްޒުގެ މޭޔަރުކަމުގައި 2023 ވަނަ އަހަރު އެ ބައްދަލުވުންތަކަށް ދެ މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދުކޮށްފައި ވާތީ މިހާރު އެ ހަރަދުތައް ވަރަށް ބޮޑަށް ކުޑަކޮށްފައިވާ ކަމަށް މާލޭގެ މޭޔަރު އާދަމް އާޒިމް މިއަދު ވިދާޅުވެއްޖެ އެވެ.
އާޒިމް މިހެން ވިދާޅުވީ ކައުންސިލުން ބޭއްވި ބައްދަލުވުންތަކަށް ބޮޑު ހޭދައެއް ކޮށްފައިވާ ކަމަށް ބުނެ ބައެއް އޮންލައިން ނޫސްތަކާއި ސޯޝަލް މީޑިއާގައި ފަތުރަމުންދާ ހަބަރުތަކަށް ރައްދު ދެއްވަމުންނެވެ.
އޭނާ ހާމަކުރެއްވި ގޮތުގައި 2023 ވަނަ އަހަރު ރައްޔިތުންގެ ބައްދަލުވުމަށް 2،050،520 ރުފިޔާ ވަނީ ހަރަދުކޮށްފަ އެވެ. ނަމަވެސް ހަރަދު ކުޑަކުރުމަށް އެޅި ހަރުދަނާ ފިޔަވަޅުތަކާއެކު މި އަހަރުގެ ފެބްރުވަރީ މަހުގެ ބައްދަލުވުމަށް 567،839.34 ރުފިޔާ އަދި ޖުލައި ބައްދަލުވުމަށް ހަރަދުވީ 585،137.34 ރުފިޔާ އެވެ. އެހެންކަމުން މުޅި އަހަރުގެ ދެ ބައްދަލުވުމުގެ ޖުމްލަ ހަރަދު ވެސް ކުރީ އަހަރަށްވުރެ ކުޑަކުރެވިފައިވާ ކަމަށް އާޒިމް ވިދާޅުވި އެވެ.
އާޒިމް ވަނީ ބައެއް ނޫސްތަކުން މުޅި އަހަރުގެ ހަރަދު އެއީ އެންމެ ބައްދަލުވުމެއްގެ ހަރަދު ކަމަށް ދޭހަވާ ގޮތަށް ޒިންމާދާރު ކަމެއް ނެތި ސުރުހީ އަޅާފައިވާ ކަމަށް ވިދާޅުވެފަ އެވެ.
މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން އަހްމަދު އައިހަމް ހުށަހެޅި މައުލޫމާތުގެ ޖަވާބުގައި ކައުންސިލުން އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު، ދެތިން ގަޑިއިރަށް ކުރިއަށްގެންދިޔަ މިއިން ކޮންމެ ބައްދަލުވުމެއްގެ ވަކިވަކި ހަރަދުތައް ވަނީ އެނގެން އޮތް ގޮތަށް ހާމަކޮށްފަ އެވެ. އެގޮތުން ފެބްރުވަރީ މަހުގެ ބައްދަލުވުމުގައި އިވެންޓް މެނޭޖުމަންޓަށް 360،000 ރުފިޔާ، ވީޑިއޯ ޕްރެޒެންޓޭޝަންއަށް 135،000 ރުފިޔާ، ޓީވީ ލައިވްއަށް 34،607 ރުފިޔާ، ބެނާ ޕްރިންޓް ކުރުމަށް 30،024 ރުފިޔާ އަދި ފޮތް ޕްރިންޓް ކުރުމަށް 8،208 ރުފިޔާ ހަރަދުވެފައިވެ އެވެ.
ހަމައެއާއެކު ޖުލައި މަހުގެ ބައްދަލުވުމުގައި އިވެންޓް މެނޭޖުމަންޓަށް 360،000 ރުފިޔާ، ވީޑިއޯ ޕްރެޒެންޓޭޝަނަށް 129،600 ރުފިޔާ، ބެނާ ޕްރިންޓް ކުރުމަށް 34،992 ރުފިޔާ، ޓީވީ ލައިވްއަށް 34،607 ރުފިޔާ، ފޮޓޯ އަދި ވީޑިއޯ ނެގުމަށް 18،000 ރުފިޔާ، ބެނާ ދެމުމަށް 5،702 ރުފިޔާ އަދި ފޮތް ޕްރިންޓް ކުރުމަށް 2،235 ރުފިޔާ ވަނީ ހޭދަވެފަ އެވެ.
ގާނޫނުގައިވާ ގޮތުން ކައުންސިލްތަކުން ކޮންމެ އަހަރަކު ދެ ފަހަރު ރައްޔިތުންނާއެކު ބައްދަލުވުން ބާއްވައި، ކަންކަމުގައި ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯދަން ޖެހެ އެވެ.
މި އަހަރުގެ ފެބުރުވަރީ މަހު މާލޭ ސިޓީ ކައުންސިލުން ބައްދަލުވުން ބޭއްވިއިރު އޮތީ ވެރިކަންކުރާ ޕީއެންސީގެ ސާފު އަގުލަބިއްޔަތެއް އޮތް ކައުންސިލެއް ނަމަވެސް، ހިނގަމުންދާ ފަސްވަނަ ދައުރުގެ ކައުންސިލުގެ ސާފު އަގުލަބިއްޔަތު މިހާރު އޮތީ އިދިކޮޅު އެމްޑީޕީގަ އެވެ.
އީރާން އަމާންދިނުމަށާއި، އޮމާނަށް ބޮންއަޅާނެ ކަމުގެ އިންޒާރު
ވިޔަފާރިތަކަށް ފައިސާ ދޫކުރަނީ ބައިބަޔަށް ބަހައިގެން: ޒަރީރު
ކޮމާޝަލް ޔުނިޓްތަކުގެ ތަފްސީލް ދޭން އެފްޑީސީން ދެކޮޅު ހަދައިފި