މާލެ ސިޓީގެ ކައުންސިލަށް އަލަށް އިންތިހާބުވި މޭޔަރާއި ކައުންސިލަރުން އަދި އަންހެނުން ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ މެމްބަރުން ހުވާ ކުރުމުގެ ރަސްމިއްޔާތު މާދަމާ އޮންނާނެ ކަމަށް މާލެ ސިޓީ ކައުންސިލުން ބުނެފި އެވެ.

ސިޓީ ކައުންސިލުން ނެރެފައިވާ އިއުލާނެއްގައި ބުނެފައި ވަނީ އަލަށް ހޮވުނު މޭޔަރާއި ކައުންސިލަރުންގެ ހުވާކުރެއްވުމާއި، މާލެ ސިޓީގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ މެމްބަރު ކަމަށް އިންތިހާބުވެ ވަޑައިގެންނެވި ބޭފުޅުން އިގުރާރުގައި ސޮއކުރެއްވުމުގެ ރަސްމިއްޔާތު މާދަމާ ހެނދުނު 9:00ގައި ސަލްޓަން ޕާކުގައި ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މި އުލާނުގައި އިތުރަށް ސިޓީ ކައުންސިލުން ބުނެފައި ވަނީ މިރަސްމިއްޔާތު ޓީވީއެމް އާއި ސިޓީ ކައުންސިލުގެ ފޭސްބުކް ޕޭޖުން ލައިވް ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ފާއިތުވި އޭޕްރީލް މަހުގެ 10 ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބުގައި މާލެ ސިޓީގެ މޭޔަރުކަން ސީދާ ރައްޔިތުންގެ ވޯޓަކުން ކާމިޔާބުކުރެއްވީ އިދިކޮޅު ޕީޕީއެމްގެ ފަރާތުން މޭޔަރުކަމަށް ވާދަކުރެއްވި އެ ޕާޓީގެ ނައިބު ރައީސް އަދި ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހއްމަދު މުއިއްޒެވެ.

މިއީ މާލޭގެ މޭޔަރު ކަމަށް އެމްޑީޕީ ފިޔަވައި އެހެން ޕާޓީއެއްގެ ކެންޑިޑޭޓަކު އިންތިހާބުވި ފުރަތަމަ ފަހަރެވެ. އަދި މާލެ ސިޓީ ކައުންސިލުގެ މެޖޯރިޓީ ވެސް މިފަހަރު ލިބުނީ ޕީޕީއެމަށެވެ. އެ ޕާޓީން ޖުމްލަ 11 ގޮނޑިއެއް ކާމިޔާބުކޮށްފައިވެ އެވެ.

މިހާރު މާލެ ސިޓީ ކައުންސިލްގެ މެޖޯރިޓީ އޮތް އެމްޑީޕީއަށް މި އިންތިހާބުގައި ކާމިޔާބުކުރެވުނީ އެންމެ ފަސް ގޮނޑި އެވެ. އަދި ޖޫމްހޫރީ ޕާޓީން ވެސް ވަނީ އެއް ގޮނޑި ހޯދައިފަ އެވެ.

މާލޭ ސިޓީ ކައުންސިލުގެ އިތުރުން އެހެން ސިޓީ ކައުންސިލްތަކާއި އަދި ރަށު ކައުންސިލުތަކަށް އަލަށް އިންތިހާބުވި މެމްބަރުންގެ ހުވާކުރުން ވެސް މާދަމާ އޮންނާނެ އެވެ. މި ރަސްމިއްޔާތުތައް ކުރިއަށް ގެންދިއުމަށް ނިންމައިފައި ވަނީ އޮންލައިކޮށެވެ.