އަންގާރަ ދުވަހު އީރާނުން އެމެރިކާއަށް އިގްތިސާދީ ހަނގުރާމައެއްގެ އިންޒާރު ދީ، އެމެރިކާގެ މަނަވަރުތަކަށް ފެންވަރު މަތީ މިސައިލް ހަމަލާތަކެއް ދީފައިވާ ކަމަށް ބުނެފި އެވެ. މިއީ ދެފަރާތުގެ މެދުގައި ކުރިމަތިލުންތަކެއް ހިނގިތާ މަދު ދުވަސްކޮޅެއްގެ ތެރޭގައި، ހަނގުރާމަ އިތުރަށް ވަރުގަދަވެދާނެ ކަމުގެ ބިރު ބޮޑުވެފައިވާކަން ހާމަކޮށްދޭ ކަމެކެވެ.

ހަ މަސް ދުވަހަށް ދެމިގެންގޮސްފައިވާ މި ހަނގުރާމައިގައި، ދޭތެރެއަކުން ހަމަލާތައް މެދުކަނޑާލުމަށްފަހު އަލުން ވަރުގަދަ ކުރިމަތިލުންތަކެއް ހިނގުން ވަނީ އާންމުވެފަ އެވެ. އެންމެ ފަހުން އެމެރިކާއިން އީރާނުގެ އަމާޒުތަކަށް ހަމަލާދީފައިވަނީ ހޮނިހިރު ދުވަހު އެވެ. އެ ދުވަހު އެމެރިކާގެ ސިފައިން ވަނީ އީރާނުގެ ތިން ތެޔޮ ޓޭންކަރަކަށް ހަމަލާދީފަ އެވެ. އީރާނުގެ ދައުލަތުގެ މީޑިއާއިން އާދީއްތަ ދުވަހު ރިޕޯޓުކޮށްފައިވާ ގޮތުގައި، އެމެރިކާގެ ބައެއް އުޅަނދުތަކަށް އަމާޒުކޮށް އީރާނުން ވަނީ 'ގާސިމް ބާސިރު' މަރުކާގެ މިސައިލް ބޭނުންކޮށްގެން ހަމަލާތަކެއް ދީފަ އެވެ.

ޔަމަނުގައި ހަރަކާތްތެރިވާ ސައޫދީ އިސްވެ އޮންނަ ކޯލިޝަނުގެ ތަރުޖަމާނު އަންގާރަ ދުވަހު ވިދާޅުވި ގޮތުގައި، އީރާނުގެ އެހީތެރިކަން ލިބޭ ހޫތީ ހަނގުރާމަވެރިން ސައޫދީ އަރަބިއްޔާގެ ބައެއް ސިޓީތަކަށް ހަމަލާދިނުމުގެ ސަބަބުން 73 މީހަކު ވަނީ ޒަހަމްވެފަ އެވެ. މިއީ ސިޔާސީ ގޮތުން ކުރިއެރުމެއް ނުލިބި މަޑުޖެހިފައިވާ ދަނޑިވަޅެއްގައި، މި ހަމަނުޖެހުން ސަރަހައްދީ ބޮޑު ހަނގުރާމައަކަށް ބަދަލުވެދާނެ ކަމުގެ ނުރައްކާތެރި ނިޝާނެކެވެ.

ހޮރްމުޒް ކަނޑުއޮޅި ހުޅުވާލުމަށް އެމެރިކާއިން ކުރާ މަސައްކަތްތަކާ އެކުވެސް، ދުނިޔޭގެ ތެލާއި ގޭހުގެ ވިޔަފާރީގައި މުހިންމު ދައުރެއް އަދާކުރާ އެ ސަރަހައްދުން ދަތުރުކުރާ އުޅަނދުތަކަށް އީރާނުން ދަނީ ހުރަސްއަޅަމުންނެވެ. މީގެ ސަބަބުން މި ހަފުތާގައިވެސް މުދާ އުފުލާ އުޅަނދުތަކުގެ ދަތުރުފަތުރު ވަނީ މަޑުޖެހިފަ އެވެ.

އީރާނުން ވަނީ ކުރިއަށް އޮތް ދުވަސްތަކުގައި ފާރިސީ ގަލްފުގައި ދަތުރުފަތުރު ކުރުން މަނާ އާ ސަރަހައްދެއް ކަނޑައަޅައި، ހޮރްމުޒް ކަނޑުއޮޅިން ދަތުރުކުރާނެ އާ މަގުތަކެއް ދައްކައިދޭ ޗާޓުތަކެއް އާންމުކުރާނެ ކަމަށް ބުނެފަ އެވެ. ނަމަވެސް މިކަމުގެ ތަފްސީލުތައް ހާމަވާނެ ސީދާ ތާރީހެއް އަދި ސާފެއް ނުވެއެވެ.

ކަނޑުގެ ސަރަހައްދުން ބޭރުކުރުމުގެ ޒޯން

އީރާނުގެ ސުޕްރީމް ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ ސެކްރެޓަރީ މުހުސިން ރިޒާއީ އާދީއްތަ ދުވަހު ދައުލަތުގެ ޓީވީގައި ވިދާޅުވީ، އަލަށް ކަނޑައަޅާ ދަތުރުފަތުރު މަނާ ސަރަހައްދު ފެށޭނީ އެމެރިކާއިން އީރާނަށް ދަތިކުރުމުގެ ފިޔަވަޅު އަޅާފައިވާ ސަރަހައްދުން ފެށިގެން ކަމަށެވެ. އަދި އެ ސަރަހައްދަށް ވަންނަ ކޮންމެ އުޅަނދެއް އީރާނުގެ ސެންކްޝަން ލިސްޓަށް އަރުވާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

އަންގާރަ ދުވަހު ރިޒާއީ ވަނީ އެކްސް މެދުވެރިކޮށް އިގްތިސާދީ އަދި އަސްކަރީ އިންޒާރުތައް އަލުން ތަކުރާރު ކުރައްވާފަ އެވެ.

"ވޭތުވެދިޔަ ދުވަސްތަކުގައި ވޮޝިންޓަނަށް ވަނީ އީރާނުގެ އާ މިސައިލްތަކުގެ ސާފު އިންޒާރެއް ލިބިފައި. އިގްތިސާދީ ހަނގުރާމައަށް ދެވޭ ރައްދުގައި ފާރިސީ ގަލްފު ހިމެނޭހެން ކަނޑުގެ ސަރަހައްދުން ބޭރުކުރުމުގެ ޒޯނެއް ކަނޑައެޅޭނެ. އެމެރިކާގެ މަނަވަރުތަކާއި އަސްކަރީ މަރުކަޒުތަކާ މެދު އަމަލުކުރާނެ އޮޕަރޭޝަނަލް އުސޫލުތަކަށް ވަނީ ބޮޑެތި ބަދަލުތަކެއް ގެނެވިފައި" ރިޒާއީ ވިދާޅުވި އެވެ.

ރިޒާއީ އެ އިޝާރާތް ކުރެއްވީ ހޮރްމުޒް ކަނޑުއޮޅި ކައިރީގައި އޮތް އެމެރިކާގެ މަނަވަރުތަކަށް އަމާޒުކޮށް އީރާނުން ފޮނުވާލި ކަމަށް ބުނާ 'ގާސިމް ބާސިރު' ބެލިސްޓިކް މިސައިލަށެވެ. ނަމަވެސް އެމެރިކާގެ އަސްކަރިއްޔާއިން ބުނެފައިވަނީ އެއްވެސް މިސައިލް ހަމަލާއަކުން އެމެރިކާގެ މަނަވަރުތަކަށް ގެއްލުމެއް ނުވާ ކަމަށެވެ.

އެމެރިކާގެ ވަރުގަދަ ހަމަލާތަކުގެ ސަބަބުން އީރާނުގެ އަސްކަރީ ބާރަށް ލޮޅުން އަރައި، އެ ގައުމުގެ އިގްތިސާދަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވީ ނަމަވެސް، އީރާނުގެ ހުއްދައާ ނުލައި ދަތުރުކުރާ ތެޔޮ ޓޭންކަރުތަކަށާއި އެމެރިކާގެ އަސްކަރީ މަރުކަޒުތައް ހުންނަ އަވަށްޓެރި ގައުމުތަކަށް ހަމަލާދިނުމުގެ ގާބިލުކަން އީރާނުގެ މިސައިލް އަދި ޑްރޯން ފައުޖުތަކުގައި އަދިވެސް އެބަހުއްޓެވެ.

ގާސިމް ބާސިރު މިސައިލް

އީރާނުން ބުނާ ގޮތުގައި 'ގާސިމް ބާސިރު' އަކީ މިސައިލް ދިފާއީ ނިޒާމުތައް ފޫއަޅުވާލުމުގެ ގާބިލުކަން ލިބިފައިވާ، އަދި އިލެކްޓްރޯނިކް ހަނގުރާމައިގެ އުކުޅުތަކަށް ނުގުޑާނެ ފަދަ ޒަމާނީ ވަސީލަތްތައް ހިމެނޭ މިސައިލެކެވެ. ފާސް ނިއުސް އެޖެންސީން ރިޕޯޓުކޮށްފައިވާ ގޮތުގައި މި މިސައިލް އެންމެ ފުރަތަމަ ހަނގުރާމައެއްގައި ބޭނުންކޮށްފައިވަނީ ޖޫން 2025 ގައި އިޒްރޭލާ ދެކޮޅަށެވެ.

މި ހަނގުރާމަ ފެށުމުގެ ކުރިން، ދުނިޔޭގެ ތެލާއި ގޭހުގެ ފަސްބައިކުޅަ އެއްބައި އުފުލަނީ މި ކަނޑުއޮޅި މެދުވެރިކޮށެވެ. މީގެ ސަބަބުން ތެޔޮ އެކްސްޕޯޓްކުރާ އަވަށްޓެރި ގައުމުތަކުގެ ޓޭންކަރުތަކަށް ބިރުދެއްކުމުގެ ފުރުސަތު އީރާނަށް ލިބިފައިވެ އެވެ. މީގެ ނަތީޖާއެއްގެ ގޮތުން ހަކަތައިގެ އަގުތައް އުފުލިފައިވާއިރު، އެމެރިކާގެ އާންމުންގެ މެދުގައި މަގުބޫލުކަން ކުޑަ މި ހަނގުރާމައިގެ ސަބަބުން، ނޮވެމްބަރު މަހު އޮންނަ ކޮންގްރެސް އިންތިހާބުގައި ރައީސް ޑޮނަލްޑް ޓްރަމްޕްގެ ރިޕަބްލިކަން ޕާޓީއަށް ވަނީ ސިޔާސީ ނުރައްކާތަކެއް ކުރިމަތިވެފަ އެވެ.