ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަނީ ލޯންޑަރިން އާއި ރިޝްވަތު ގަބޫލުކުރުމުގެ ކުށުގެ ދައުވާތަކުގެ ޝަރީއަތުގެ އަޑުއެހުމަކަށް އެމަނިކުފާނު ކްރިމިނަލް ކޯޓަށް ހާޒިރުވުމަށް އެ ކޯޓުން މިއަދު އަންގައިފި އެވެ.

ކްރިމިނަލް ކޯޓުން ޔާމީނަށް ފޮނުއްވި ޗިޓުގައި އަންގަވާފައި ވަނީ މި މަހުގެ 29 ވަނަ ދުވަހުގެ ހެނދުނު 9:15އަށް އެ ކޯޓަށް ހާޒިރުވުމަށެވެ. އެމަނިކުފާނު ކޯޓަށް ހާޒިރުކުރަނީ ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން އުފުލާފައިވާ ދައުވާތަކުގައި ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތަކާ މެދު ދެފަރާތުން ވާހަކަދެއްކުމަށް ބާއްވާ އަޑުއެހުމަށެވެ.

އާރަށް ކުއްޔަށް ދޫކުރުމުގައި ހިޔާނާތް ހިންގި ކަމަށް ބުނާ މައްސަލައިގައި ޔާމީންގެ މައްޗަށް ސާބިތުވި 11 އަހަރުގެ ޖަލު ހުކުމް ހައި ކޯޓުން ވަނީ ބާތިލުކޮށް، އެ މައްސަލަ އަލުން ބެލުމަށް ކްރިމިނަލް ކޯޓަށް އަންގާފަ އެވެ. ހައި ކޯޓުން އެގޮތަށް ނިންމީ ދިފާއީ ހެކި ނަފީކުރުމަށް ދައުލަތުން ހުށަހެޅި އާ ހެކިތައް ދަށު ކޯޓުން ބަލައިގަތީ ގޯސްކޮށް ކަމަށް ކަނޑައެޅުމަށްފަހުގަ އެވެ.

ހައި ކޯޓުގެ އެ ނިންމުން ދައުލަތުގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުން، އެ ކޯޓުން ވެސް ނިންމާފައިވަނީ ހައި ކޯޓުގެ ހުކުމަށް ބަދަލު ގެންނަންޖެހޭ ހާލަތެއް ނެތް ކަމަށެވެ. މީގެއިތުރުން ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ވެސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި މިހާރު ވެސް ދަނީ ހިންގަމުންނެވެ.