ސައުދީ އަރަބިއްޔާއަށް 24.3 ބިލިއަން ޑޮލަރުގެ އަގުހުރި 48 އެފް-35 މަރުކާގެ ހަނގުރާމަމަތީ ބޯޓު ވިއްކުމުގެ ހުއްދަ އެމެރިކާގެ ސަރުކާރުން ދީފި އެވެ.
ބުރާސްފަތި ދުވަހު ކޮންގްރެސްއަށް ފޮނުވި ނޯޓިފިކޭޝަނެއްގައިވާ ގޮތުން، އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ 48 އެފް-35 ލައިޓްނިންގް II މަރުކާގެ ޖެޓާއި އެއާ ގުޅޭ އެހެނިހެން ސާމާނު ސައުދީއަށް ވިއްކުމުގެ ހުއްދަ ދީފަ އެވެ.
މި މުއާމަލާތުގެ ދަށުން 48 ބޯޓުގެ އިތުރުން، ޕްރެޓް އެންޑް ވިޓްނީ އެފް135 މަރުކާގެ 49 އިންޖީނާއި، ބޭނުންވާ އިތުރު އާލާތްތަކާއި، ތަމްރީނާއި ލޮޖިސްޓިކް އެހީތެރިކަން ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފަ އެވެ.
ސްޓޭޓް ޑިޕާޓްމަންޓުން ހާމަކުރި ގޮތުގައި މި ވިއްކުމުގެ ސަބަބުން ކުރިމަތިވެދާނެ ނުރައްކާތަކުން ދިފާއުވުމުގެ ގާބިލުކަން ސައުދީ އަރަބިއްޔާއަށް އިތުރުވެ، އެ ގައުމުގެ ދިފާއީ ނިޒާމު ވަރުގަދަވެގެންދާނެ އެވެ. އަދި މީގެ ސަބަބުން އެމެރިކާ އާއި އިއްތިހާދީ ބާރުތަކާއެކު ގުޅިގެން މަސައްކަތް ކުރުމުގެ ފުރުސަތު ބޮޑުވެގެންދާނެ ކަމަށްވެސް ބުނެފައިވެ އެވެ.
މީގެއިތުރުން، މި ފުރުސަތުގެ ސަބަބުން ސައުދީގެ ވައިގެ ސިފައިންގެ ގާބިލުކަން އިތުރުވެގެންދިޔަ ނަމަވެސް، މީގެ ސަބަބުން ސަރަހައްދީ އަސްކަރީ ބާރުގަދަކަމުގެ ތިލަފަތަށް ބަދަލެއް ނާންނާނެ ކަމަށް ސްޓޭޓް ޑިޕާޓްމަންޓުން ފާހަގަކުރި އެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ނޮވެމްބަރު 2025 ގައި ވަނީ ސައުދީ އަރަބިއްޔާއަށް އެފް-35 މަރުކާގެ ޖެޓްތައް ވިއްކުމަށް ގަސްދުކުރައްވާކަން އިއުލާނުކުރައްވާފަ އެވެ. މިއީ ސައުދީއަށް މި މަރުކާގެ ޖެޓްތައް ފޯރުކޮށްދޭ ފުރަތަމަ ފަހަރެވެ.
އަމީނީ މަގުގެ ފުރަތަމަ ސެގަމަންޓުގައި ތާރުއަޅަން ފަށައިފި
"އެމްޑީޕީ ސަރުކާރުން މަސައްކަތް ކުރީ އިންޑިއާ އިން އެންގިގޮތަށް"
ދަރުމަވަންތައިގެ އައިވީއެފް ފަރުވާއިން 27 ކުއްޖަކު އުފަންވެއްޖެ
