އެކަނި އިނދެ ކެއުމުގެ ބަދަލުގައި އާއިލާ ނުވަތަ ރައްޓެހިންނާއެކު އެއް ސުފުރާ މަތީގައި ވަގުތު ހޭދަ ކުރުމަކީ ބަނޑު ފުރާނަ މުއްތިކުރުމުގެ އިތުރުން ސިކުނޑިއަށާއި ނަފްސާނީ ދުޅަހެޔޮކަމަށް އެތައް ފައިދާތަކެއް ކުރުވާ ކަމެއްކަން ސައިންސްވެރިންގެ ދިރާސާތަކުން ދައްކައިފި އެވެ.
ބީބީސީ ފިއުޗާގައި ޝާއިއުކޮށްފައިވާ ރިޕޯޓެއްގައިވާ ގޮތުން، އެހެން މީހުންނާއެކު ކެއުން ހިއްސާ ކުރުމަކީ އިންސާނާގެ ސިކުނޑީގެ އުފެއްދުންތެރިކަމާއި އުފާވެރިކަން އިތުރު ކޮށްދޭ ކަމެކެވެ.
ނަފްސާނީ ހަމަޖެހުމާއި އުފާވެރިކަން
ދިރާސާތަކުން ދައްކާ ގޮތުގައި އެހެން މީހުންނާއެކު ގަވާއިދުން ކެއުން ބުއިން ގެންގުޅޭ މީހުންގެ ނަފްސާނީ ދުޅަހެޔޮކަމުގެ މިންގަނޑުތައް، އެކަނި ކައިއުޅޭ މީހުންނަށްވުރެ މާ މަތީގައި ހުރެއެ ވެ. އެކުގައި ކެއުމުގެ ތެރެއިން އުފެދޭ އިޖުތިމާއީ ގުޅުމުގެ ސަބަބުން ސިކުނޑިން "އެންޑޯފިންސް" ނަމަކަށް ކިޔާ އުފާވެރިކަން އިހުސާސްކޮށްދޭ ހޯމޯންތައް ދޫކުރެ އެވެ. މިއީ އެކަނިވެރިކަމާއި ފިކުރުބޮޑުވުން (ސްޓްރެސް) ކުޑަކޮށްދިނުމަށް އެހީތެރިވެދޭ ކަމެކެވެ.
ސިކުނޑީގެ މަސައްކަތަށް ލިބޭ ކުރިއެރުން
ކާ މޭޒުމަތީގައި ދެކެވޭ ވާހަކަތަކާއި، އެކަކު އަނެކަކަށް ސަމާލުކަން ދިނުމަކީ ސިކުނޑީގެ ނާރުތަކުގެ މަސައްކަތް ހަރަކާތްތެރިކޮށްދޭ ކަމެކެވެ. ވާހަކަ ދެއްކުމާއި، އަޑުއެހުމާއި، މޫނުމަތީގެ އިހުސާސްތައް ދެނެގަތުން ފަދަ އިޖުތިމާއީ ކަންކަމުގެ ސަބަބުން ސިކުނޑީގެ "އެގްޒެކެޓިވް ފަންކްޝަން" ނުވަތަ ވިސްނުމާއި ނިންމުންތައް ނިންމުމުގެ ގާބިލުކަން އިތުރުވެގެންދެ އެވެ.
ކާނާ ކެވޭ މިންވަރާއި ސިއްހީ އާދަތައް
އެކުގައި ކާން ތިބޭއިރު ކެއުމުގެ ސްޕީޑް މަޑުވެ، ކާތަކެތީގެ ރަހަ އިހުސާސް ކުރުމަށް ފުރުސަތު ލިބެ އެވެ. ސިކުނޑިއަށް ބަނޑު ފުރުނު ކަމުގެ ސިގްނަލް ފޮނުވުމަށް ގާތގަނޑަކަށް 20 މިނެޓު ނަގާއިރު، މަޑުން ކެއުމުގެ ސަބަބުން މާގިނައިން ކެވޭ ކެއުން ހުއްޓުވައިދީ، ހަޖަމު ކުރުމުގެ ނިޒާމަށްވެސް ލުއި ލިބެ އެވެ.
އެހެންކަމުން، އަވަސް އަރުވާލައިގެން ނުވަތަ ފޯނާއި ޓީވީއަށް ބަލަމުން އެކަނި ކެއުމުގެ ބަދަލުގައި، މަދުވެގެން އެއްވަގުތު އާއިލާ ނުވަތަ ރައްޓެހިންނާއެކު އެއް ސުފުރާ މަތީގައި ހޭދަ ކުރުމަކީ މުޅި ސިއްހަތަށާއި ސިކުނޑިއަށް ލިބޭނެ ބޮޑު ފައިދާ އެކެވެ.
150 މިލިއަން ޑޮލަރުގެ ޓީބިލް ދެއްކުމާ ގުޅުމެއް ނެތް: ބީއެމްއެލް
ވަގުތު ޖެހުމުން ހުރިހާ ކަމެއް ފަޅާއަރުވާލާނަން: އީޝާ
ދަރުމަވަންތައިގެ އައިވީއެފް ފަރުވާއިން 27 ކުއްޖަކު އުފަންވެއްޖެ