ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު، ރަސްމީ ދަތުރުފުޅެއްގައި މި މަހު ޕާކިސްތާނަށް ވަޑައިގަތުމަށް ހަމަޖެހިއްޖެ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރެއްވުމުގެ މަގްސަދުގައި ރައީސް ކުރައްވާ މި ދަތުރުފުޅު ފެއްޓެވުމަށް ހަމަޖެހިފައިވަނީ އޮކްޓޯބަރު މަހުގެ 20 ވަނަ ދުވަހު އެވެ. ނަމަވެސް، މި ދަތުރުފުޅާ ގުޅޭގޮތުން ސަރުކާރުގެ ރަސްމީ އިދާރާއަކުން އަދި މިހާތަނަށް ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެ އެވެ.

ރައީސް ޕާކިސްތާނަށް ވަޑައިގަތުމަށް ތައްޔާރުވެވަޑައިގަންނަވަމުންދާއިރު، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އިސްކޮށް ހުންނަވައި، ވެރިކަންކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ 16 މެންބަރުންގެ ވަފުދެއް މިދިޔަ މަހު ވަނީ ޕާކިސްތާނަށް ޒިޔާރަތްކުރައްވާފަ އެވެ. އެ ދަތުރުފުޅުގައި މަޖިލީހުގެ ރައީސް ވަނީ ޕާކިސްތާނުގެ އަސްކަރިއްޔާގެ އެންމެ އިސްވެރިޔާ، ޗީފް އޮފް ޑިފެންސް ފޯސް އަދި ޗީފް އޮފް އާމީ ސްޓާފް، ފީލްޑް މާޝަލް ސައްޔިދު އާސިމް މުނީރުއާ ބައްދަލުކުރައްވައި މުހިންމު މަޝްވަރާތަކެއް ކުރައްވާފަ އެވެ.

ސަރަހައްދީ ސިޔާސީ މަސްރަޙުގައި މުހިންމު ކަންތައްތަކެއް ހިނގަމުންދާ މި ދަނޑިވަޅުގައި ރައީސް މުއިއްޒު ޕާކިސްތާނަށް ވަޑައިގަންނަވާއިރު، ރާއްޖޭގެ ކުރީގެ ރައީސް މުޙައްމަދު ނަޝީދާއި ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް މިއަދުގެ ވަގުތެއްގައި އަވައްޓެރި އިންޑިއާއަށް ވަޑައިގެންފައިވާކަން ވެސް ފާހަގަކޮށްލެވެ އެވެ.