މައްސަލަތައް އުފައްދައި ޝަރީއަތަށް ފޮނުވި ނަމަވެސް އެމަނިކުފާނު ޖަލަށް ލާންޖެހޭ އެއްވެސް ގާނޫނީ އަސާސެއް ނެތް ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.

ޕީއެންއެފް އިން އައްޑޫ ހިތަދޫގައި ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ އައްޑޫ ރައްޔިތުންނާ ބައްދަލުކުރެއްވުމުން އެންމެ ގިނައިން ކުރި ސުވާލަކީ 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ވޯޓު ކަރުދާހުގައި އެމަނިކުފާނުގެ ނަން އޮންނާނެތޯ އާއި އިންތިހާބުގެ ކުރިން އަލުން ޖަލަށް ލާނެތޯ ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ ކަންކަން އޮޅުވާލައިގެން މައްސަލަތައް އުފެއްދި ނަމަވެސް ޖަލަށް ލެވޭނެ އެއްވެސް ސަބަބެއް ނެތް ކަމަށެވެ.

ޕީއެންއެފްގެ ޖަލްސާއަށް ރައީސް ޔާމީން ވަޑައިގަންނަވަނީ ---

"އަޅުގަނޑު ޖަލައްލެވޭނެ ސަބަބެއް ނެތް. އަޅުގަނޑުގެ މައްސަލަތައް ފޮނުވިދާނެ. ޝަރީއަތަށް ފޮނުވައިގެން ތަހުގީގުވެސް ކޮށްފާނެ. އެކަމަކު ޖަލަށްލެވޭނެ ގާނޫނީ އެއްވެސް އަސާސެއް ނޯންނާނެ" ޔާމީން ވިދާޅުވި އެވެ.

މިއަދު ފެންނަނީ ރައްޔިތުން ނިކަމެތިވަމުންދާ މަންޒަރު ކަމަށާއި މިހާރު ރާއްޖެ ތަހައްމަލުކުރަމުންދާ ފަދަ އިގްތިސާދީ ތަދުމަޑުކަމެއް ދިވެހި ތާރީހުގައި ވެސް ދެކެފައިނުވާ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

ވަޒީރުންގެ މަޖިލީހުގެ ހާލަތާ ގުޅޭގޮތުން ވާހަކަދައްކަވަމުން ޔާމީން ވިދާޅުވީ ރައީސް މުއިއްޒު ކުރައްވާ ކަމަކަށް ނުސީދާ ގޮތުން ވެސް ބަހެއް ބުނެލެވޭވަރުގެ ވަޒީރަކު ނެތް ކަމަށެވެ. އަދި ސަރުކާރުން ބާކީ އޮތް މުއްދަތުގައި ރައްޔިތުންނަށް ކަމެއް ކޮށްދޭނެ ކަމަށް އުންމީދު ކުރުމަކީ އަވާމެންދުރަކަށް އިންތިޒާރުކުރުން ފަދަ ކަމެއް ކަމަށް ވެސް ވިދާޅުވި އެވެ.

އައްޑޫގައި ބޭއްވި ޕީއެންއެފްގެ ޖަލްސާގެ ތެރެއިން---

އެމަނިކުފާނު ވިދާޅުވީ ދުބާއީގެ އީގްލް ހިލްސްއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫއަކީ ޔަހޫދީން ރާއްޖޭގައި ވަޒަންވެރި ކުރުވޭނެފަދަ މަޝްރޫއެއް ކަމަށާއި އެއީ ކަންބޮޑުވާންޖެހޭ ކަމެއް ކަމަށެވެ.