މޫސުމީ ބަދަލުތަކުގެ ސަބަބު އަންނަ ބަދަލުތަކާ މެދުގައި ފިޔަވަޅު އެޅުން ލަސްވާ ނަމަ ރާއްޖެ މިގަރުނު ނިމުމުގެ ކުރިން ނެތިގެން ހިނގައިދާނެކަމުގެ ބިރު ހީވެފައިވާ ކަމަށް އެންވަޔަރުމަންޓް މިނިސްޓަރު އައިމިނަތު ޝައުނާ ވިދާޅުވެއްޖެ އެވެ.

އެމެރިކާގެ ސީއެންބީސީ ނިއުސް ޗެނަލަށް އިއްޔެ ދެއްވި އިންޓަވިއުއްގައި މިނިސްޓަރު ޝައުނާ ވިދާޅުވީ މޫސުމަށް އަންނަ ބަދަލުން އެންމެ ބޮޑު ނުރައްކަލެއް އޮތީ ރާއްޖެއަށް ކަމަށާއި އެކަމުގައި އުފައްދާނެ އެއްވެސް ޝައްކެއް ނެތް ކަމަށެވެ. އަދި އެއީ ހަގީގަތެއް ކަމަށާއި އެކަމުގެ ސަބަބުން ރާއްޖެ ފަދަ ކުދި ޖަޒީރާ ގައުމުތަކަށް އެހީވުމަށް އަވަސް ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މޫސުމީ ބަދަލުތަކާ ހެދި ރާއްޖެއަށް މިހާރު ކުރިމަތިވެފައިވާ މައްސަލަތަކަށް އަލިއަޅުވާލަމުން މިނިސްޓަރު ޝައުނާ ވިދާޅުވީ ރާއްޖޭގެ ރަށްތަކުގެ ތެރެއިން 80 ޕަސެންޓް ރަށުގެ އުސްމިނުގައި މީޓަރެއް ވެސް ހަމަ ނުވާ އިރު, 64 ޕަސެންޓް ރަށްތައް ގިރަމުންދާ ކަމަށާއި 50 ޕަސެންޓް ރަށުގައި މީހުން ދިރިއުޅޭ ސަރަހައްދު ހުރީ މޫދާ ކައިރީގައި ކަމަށާއި 90 ޕަސެންޓް ރަށުގައި ފެންބޮޑު ވާ ކަމަށެވެ.

ދެހާސް އެއް ސަތޭކަ ވަނަ އަހަރަށްދާއިރު ކަނޑުގެ ލޮނުގަނޑު މީޓަރަކަށް އުފުލޭނެ ކަމަށް ދިރާސާތަކުން ދައްކާއިރު, ރާއްޖޭގެ ރައްޔިތުންނަށް ވާނީ ކިހިނެއްތޯ ޕްރެޒެންޓަރު ސުވާލުކުރުމުން ޝައުނާ ވިދާޅުވީ އެފަދަ ހާލަތެއް މެދުވެރިވެއްޖެ ނަމަ ރާއްޖެ ނޯންނާނެ ކަމަށެވެ.

"ރާއްޖެ އާއި ރާއްޖޭގެ ރައްޔިތުންގެ މުސްތަގުބަލު އޮތީ މިހާރު އަޅާ ފިޔަވަޅުތަކެއްގެ މައްޗަށް. މޫސުމަށް އަންނަ ބަދަލުތަކާއި ކަނޑުގެ ލޮނުގަނޑު އުފުލުމާ ދެކޮޅަށް އަވަސް ފިޔަވަޅުތަކެއް އަޅަން ޖެހޭ. އަދި ގައުމުތަކުން ޖައްވަށް ދޫކުރާ ވިހަ ގޭސްތައް މަދުކުރުމަށް ގޮވާލަން. ރާއްޖެއިން އެކަން ކުރެވެންޏާ ދުނިޔޭގެ އެހެން ގައުމުތަކަށްވެސް ކުރެވޭނެ," މިނިސްޓަރު ވިދާޅުވި އެވެ.

ޝައުނާ އިތުރަށް ވިދާޅުވީ, މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް އާންމު ފުރުދުންގެ ހައިސިއްޔަތުންނާއި ގައުމުތަކުގެ ސަރުކާރުތަކުން ވެސް ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަމަށެވެ. އަދި ރާއްޖެ ފަދަ ޖަޒީރާ ގައުމުތަކުގެ ހައްގުގައި ވަރުގަދަ އަމާޒުތަކެއް ބޭނުންވާ ކަމަށްވެސް ވިދާޅުވި އެވެ.