މިމަހުގެ ހަ ވަނަ ދުވަހު ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލުމަށް ދިން ހަމަލާ ތަހުގީގު ކުރަމުން އަންނަނީ ބޭރުގެ ފަންނީ މާހިރުންގެ ލަފައާ އެއްގޮތަށް ކަމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދިން ހަމަލާއާއި ގުޅިގެންސޯޝަލްމީޑިއާގައި ގިނަ ވާހަކަތަކެއް ފަތުރަމުންދާތީ އެކަމާ ކަންބޮޑުވުން ފާޅުކުރައްވަމުން ކޮމިޝަނާ ހަމީދު މިއަދު ކުރެއްވި ޓުވީޓްގައި ވިދާޅުވެފައި ވަނީ އެ މައްސަލަ ފުލުހުންގެ އިދާރާއިން ރާއްޖެއިން ބޭރުގެ ފަންނީ މާހިރުންގެ ލަފައާއެކު ތަހުގީގުކުރަމުން އަންނަ ދަނޑިވަޅެއްގައި ތަހުގީގަށް ހުރަސްއެޅިދާނެ ފަދަ އަދި ތަހުގީގުގެ އިތުބާރަށް ބުރޫއަރާ ފަދަ އެއްވެސް ކަމެއް ނުކުރެއްވުން އެދޭ ކަމަށެވެ.

އެ މައްސަލައިގެ ތަހުގީގުގައި އެފަދަ މައްސަލައެއްގައި ހިމެނޭނެ ހުރިހާ ކަމަކަށް ފުލުހުން ބަލަމުންދާ ކަމަށްވެސް ސީޕީ ޙަމީދު ވިދާޅުވި އެވެ. ހަމައެހެންމެ އެ ހަމަލާއާ ގުޅޭ ކުޑަ މައުލޫމާތެއް ކަމުގައިވިޔަސް އަދި ގިނަ މައުލޫމާތު ކަމުގައިވިޔަސް އެއްވެސް ފަރާތަކަށް އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންނާ ހިއްސާކުރުމަށް ވެސް އޭނާ އެދިވަޑައިގަތެވެ.

އެ ހަމަލާއާއި ގުޅޭ އެއްވެސް މައުލޫމާތެއް ފުލުހުންނަށް ދޭން ބޭނުންވާ ފަރާތްތަކުން 9704000 އާ ގުޅުމަށް ވެސް އޭނާ އެދިވަޑައިގަތެވެ. އަދި މައުލޫމާތާއި ފޮޓޯއާއި ވީޑިޔޯ ފުލުހުން އެކަމަށް ޚާއްޞަކޮށްފައިވާ ޕޯޓަލް މެދުވެރިކޮށް ހިއްސާކުރުމަށް ވެސް ވަނީ އެދިވަޑައިގެންފަ އެވެ.

މިހާތަނަށް މި މައްސަލައާ ގުޅިގެން ހަތަރު މީހަކު ފުލުހުންވަނީ ހައްޔަރުކޮށްފަ އެވެ. އެއިން ތިން މީހަކު ހައްޔަރުކުރީ ކޮން ތުހުމަތުތަކެއް ކުރެވިގެންކަން ފުލުހުން ހާމަކޮށްފަ އެވެ.

މިހަމަލާގައި ލިބުނު އަނިޔާތަކަށް އޭޑީކޭ ހޮސްޕިޓަލުން ފަރުވާ ހޯދުމަށް ފަހު ޖަރުމަންގައިވެސް ރައީސް ނަޝީދު ވަނީ ފަރުވާ ހޯދާފަ އެވެ.