ޑިޕްލޮމެޓިކް އިމްތިޔާޒު ލިބޭ ކޮންސިއުލޭޓް ޖެނެރަލް އޮފީހެއް އައްޑޫގައި ގާއިމުކުރުމާ މެދުގައި ކަންބޮޑުވުންތަކެއް ހުރުމާއެކު ދިވެހި ސަރުކާރާއި އިންޑިއާ ސަރުކާރާ ދެމެދު ކުރަމުންދާ މުއާމަލާތްތަކުގެ ތަފްސީލް ހާމަކުރުމަށް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ގޮވާލައްވައިފި އެވެ.

އައްޑޫގައި އިންޑިއާގެ ކޮންސިއުލޭޓް ޖެނެރަލްގެ އޮފީހެއް ގާއިމުކުރުމަށް ބޭނުންވާ ސަބަބުތައް ވަރަށް ތަފްސީލުކޮށް ދިވެހި ރައްޔިތުންނަށް ހާމަކޮށްދެއްވުމަށް ސަރުކާރަށް ގޮވާލަމުން ޕީޕީއެމްއާއި ޕީއެންސީގެ ކޯލިޝަނުން ނެރުނު ނޫސްބަޔާނުގައި ބުނެފައި ވަނީ އައްޑޫގައި އިންޑިއާގެ ކޮންސިއުލޭޓް އޮފީހެއް ގާއިމުކުރަނީ އާންމު ގޮތެއްގައި ކޮންސިއުލޭޓް އޮފީސްތައް ގާއިމުކުރާ އުސޫލުގެ ތެރެއިން ނޫން ކަމަށެވެ.

އެގޮތުން މާލޭގައި ގާއިމުކޮށްފައިވާ އިންޑިއާގެ ހައި ކޮމިޝަންގެ އިތުރުން، އެހެން ސަރަހައްދެއްގައި އެ ގައުމުގެ ކޮންސިއުލޭޓެއް ހުންނަން ޖެހޭ ސަބަބެއް ފެންނަން ނެތް އިރު، މިފަދަ ހައްސާސް ވަގުތެއްގައި އެ ފަދަ އޮފީހެއް އައްޑޫ ސިޓީގައި ގާއިމުކުރުމަށް އިންޑިއާ ސަރުކާރުން ނިންމާފައިވުމަކީ ސުވާލު އުފެދޭ ގިނަ ކަންތައްތަކެއް ފާހަގަ ކުރެވިފައިވާ ކަމަށް ވެސް އިދިކޮޅު ކޯލިޝަންގެ ބަޔާނުގައި ވަނީ ބުނެފަ އެވެ.

އެ ބަޔާނުގައި ބުނެފައި ވަނީ ކޮންސިއުލޭޓް ޖެނެރަލްގެ އޮފީހެއް ގާއިމުކުރަން ޖެހޭ މައިގަނޑު ސަބަބަކީ އެ އޮފީހެއް ނިސްބަތްވާ ގައުމުގެ ރައްޔިތުން ގިނަ އަދަދަކަށް އޮފީސް ގާއިމު ކުރެވޭ ސަރަހައްދުގައި އުޅޭތީ އެ ފަރާތްތަކަށް ދޭން ޖެހޭ ޚިދުމަތްތައް ދިނުމުގައި ދަތިތައް ކުރިމަތިވުން ކަމަށެވެ. ނަމަވެސް އެ ފަދަ ނިންމުމެއް ނިންމަން ވާނީ، އެފަދަ ހުށަހެޅުމެއް ދިވެހި ސަރުކާރަށް ލިބި، އެ ކަމަކީ ކޮންމެހެން ވެސް ކުރަން ޖެހޭ ކަމެއް ކަމަށް ދިވެހި ސަރުކާރަށް ފެނިއްޖެ ހިނދެއްގައި ލިޔެވި ގެޒެޓް ކުރެވިފައިވާ ހަރުދަނާ އުސޫލުތަކެއްގެ ތެރެއިން ކަމުގައި އެ ކޯލިޝަނުން ގަބޫލު ކުރާ ކަމަށް ބަޔާނުގައިވެ އެވެ.

މިކަމާ މެދު ސަރުކާރުން ގޮތެއް ނިންމާފައިނުވާއިރު އައްޑޫ ސިޓީގެ މޭޔަރު ވަނީ އިންޑިއާގެ ކޮންސިއުލޭޓް ޖެނެރަލްގެ އޮފީހެއް ގާއިމް ކުރުމުން އައްޑޫ ސިޓީއަށް ތަރައްގީ އަންނާނެ ކަމަށް ބުނެފަ އެވެ.

އެހެން ނަމަވެސް އައްޑޫގެ ގިނަ ރައްޔިތުން އިންޑިއާގެ ކޮންސިއުލޭޓް ޖެނެރަލްގެ އޮފީހެއް އެސިޓީގައި ގާއިމުކުރުމާ ދެކޮޅަށް ސޯޝަލް މީޑިއާގައި އަންނަނީ އަޑު އުފުލަމުންނެވެ.