ކުރީގެ ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މުހައްމަދު މަލީހު ޖަމާލަށް އިންޓަނެޓުގެ އަގު ހެޔޮކުރުމުގެ ވައުދު ފުއްދައެއް ނުދެވުނެވެ. އެއީ ޔަގީން ކަމެކެވެ. އިންޓަނެޓްގެ އަގު ހެޔޮކުރުމަކީ މިއަދުގެ ސަރުކާރު ވެރިކަމަށް އައި އިރު ވެފައި ހުރި ގިނަ ވައުދުތަކުގެ ތެރެއިން ވައުދެކެވެ.
މަލީހަކީ ސަރުކާރު ގެނައުމަށްޓަކައި ހުރަސްކުރަން ޖެހުނު ފާލަމެއް ކަމަށްވި ވިޔަފާރިވެރިޔާ ގާސިމް އިބްރާހިމްގެ ޕާޓީ ޖޭޕީގެ މެމްބަރެއްގެ ހައިސިއްޔަތުން ސަރުކާރުގައި ހިމެނިވަޑައިގެންނެވި ބޭފުޅެކެވެ. ވެފައި އޮތް ވައުދު ނުފުއްދުމުން ރައްޔިތުންގެ މަޖިލީސް މެދުވެރިކޮށް މިނިސްޓަރުކަމުން ވަކިކުރިއިރު މިނިސްޓަރު މަލީހު ވިދާޅުވަމުން ގެންދެވީ އިންޓަނެޓް އަހު ހެޔޮ ކުރުމަށްޓަކައި ކުރަންޖެހޭ ހުރިހާ ކަމެއްކޮށް، ރައީސް އޮފީހަށް ފޮނުވާފައި ވާނެ ކަމަށެވެ. ރައީސް އޮފީހުން ފައިނަލް ޑިސިޝަން ނެގުމުން ނެޓުގެ ހެޔޮ އަގު އޮތީ އިއުލާން ކުރެވޭ ހިސަބުގަ އެވެ.
ރައްޔިތުންގެ މަޖިލީހަށް އިތުބާރު ނެތިގެން މަލީހު މަގާމުން ވަކި ކުރިއިރު ވެސް ނެޓުގެ އަގުހެޔޮ ކުރުމަށްޓަކައި މަލީހު ރައީސް އޮފީހަށް ފޮނުއްވި ކަމަށް ވިދާޅުވަމުން ގެންދެވި ޑޮކިއުމެންޓްތަކާ ބެހޭ ގޮތުން ރައީސް އޮފީހުން މާ އާރުލާ ވާހަކަ އެއް ނުދައްކަ އެވެ.
އެހިސާބުން ފެނުނީ ސަރުކާރުގެ ހިންގުން ހަރުދަނާ ކުރުމަށް ކޮންމެހެން ގެންނަން ޖެހޭ ބަދަލު ތަކެއް ގެނައުމުގެ ނަމުގައި ކެބިނެޓަށް ބަދަލުތަކެއް ގެންނެވި ތަނެވެ. މިބަދަލުތަކަކީ ހުސްވެފައި އޮތް ޓެކްނޮލޮޖީ މިނިސްޓްރީ އާއި އެންވަޔަމެންޓު މިނިސްޓްރީ އެއްކޮށްލުމަށްފަހު އޭރުގެ ރައީސް އޮފީހުގެ ޕޮލިސީ ސެކްރެޓްރީއަކަށް ހުންނެވި އާމިނަތު ޝައުނާ އަށް އެ މިނިސްޓަރުކަން ދެއްވުމާއި ފިޝަރީޒް މިނިސްޓަރު ކަމުގެ މަގާމު އެންވަޔަރުމަންޓް މިނިސްޓަރަކަށް ހުންނެވި ޑރ. ހުސެން ރަޝީދު ހަސަނަށް ފިޝަރީޒް މިނިސްޓަރުކަން ދެއްވުމެވެ. ފިޝަރީޒް މިނިސްޓަރުކަމުގައި އޭރު ހުންނެވި މޯލްޑިވްސް ރިފޯމް މޫމެންޓު (އެމްއާރުއެމް)ގެ ޒަހާ ވަހީދު މަގާމުން ވަކި ކޮށްލީ އެވެ.
ކެބިނެޓަށް ގެނެވުނު ބަދަލުތަކުގެ ނަތީޖާ ދެއްކީ ގިނަ ބަޔަކު ހީކުރި ވަރަށް ވުރެ ވެސް މޮޅަށެވެ. އެހާމެ އަވަހަށެވެ. ޓެކްނޮލޮޖީއާ ބެހޭ މިނިސްޓްރީން ކުލަގަދަ ޕްރެޒެންޓޭޝަނަކާއެކު އިންޓަނެޓްގެ ހެޔޮއަގު އިއުލާން ކޮށްފި އެވެ. މިނިސްޓަރު ޝައުނާ ކިތަންމެހާ ވެސް ކުޅަދާނަ އެވެ. ދެ އަހަރަށް ވުރެ ގިނަ ދުވަސް ވަންދެން ކުރީގެ މިނިސްޓަރު މަލީހަށް ދެ އަހަރު ދުވަހުގެ ބުރަ މަސައްކަތުން ނުވެފައި އޮތް ކަމެއް ނިންމަން އާ މިނިސްޓަރަށް ދެތިން މަސް ވެސް ނުނެގި އެވެ.
މިކަމުގައި ފޮރުވިފައި އޮތް އާދަޔާ ޚިލާފު ސިއްރެއް އޮވެދާނެ އެވެ. ފަހަރެއްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ޝިއުނާއަށް ދެއްވި ޖާދޫގެ ދަނޑިކޮޅަކުން ހެއްދެވި ޖާދޫއެއްކަމަށް ވެސް ހީހޮށްލެވިދާނެ އެވެ. ހަމަ އެފަދައިން އެ ދަނޑިކޮޅުގައި ހުރީ ރީނދޫ ކުލަކަމުގައި ވެސް ޚިޔާލަށް ގެނެވިދާނެ އެވެ. ސުވާލަކީ އެމަނިކުފާނު ކެބިނެޓަށް ގެންނެވި ބަދަލުގައި ފިޝަރީޒް މިނިސްޓަރަކަށް އައްޔަން ކުރެއްވި ޑ.ރ ހުސެއިންއަށް މަސްވެރިންނާ ގުޅުންހުރި ޝަކުވާތަކަށް ހައްލެއް ނުގެނެވިގެން އުޅެނީ ކީއްވެބާވަ އެވެ. އެ މިނިސްޓަރަށް އެފަދަ ޖާދޫގެ ދަނޑިކޮޅެއް ނުދެއްވަނީ ބާވަ އެވެ. ނުވަތަ ދެއްވި ދަނޑިކޮޅުގައި ރީނދޫ ކުލައިގެ ބަދަލުގައި ރަތްކުލަ ހުރީމާ ބާވަ އެވެ.؟